ބޭރު ކުޅިވަރު

އާސެނަލް އަނެއްކާ ވެސް ބަލިވެއްޖެ!

Sep 30, 2015

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް ދެ ވަނަ ބުރަށް ކޮލިފައިވެވޭނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އޭނާ މިހެން ބުނީ މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުގައި ރޭ އޮލިމްޕިއާކޯސް އަތުން 3-2 އިން ބަލިވި މެޗަށް ފަހު އެވެ.

"އަދިވެސް ކޮލިފައިވެވިދާނެ. އެކަމަކު މި ގޮތަށް ބަލިވަންޏާ އެކަން ކުރަން އުނދަގޫވާނެ. އަހަރުމެން މެޗުން ބަލުވީ ޑިފެންސިވް ކޮންސަންޓްރޭޝަން ދަސްވުމާއި ނަސީބުވެސް ނެތިގެން. އެމީހުން ގޯލަށް ދިމާލަށް ޖެހީ ހަތަރު ބޯޅަ. ތިން ބޯޅަ ވަނީ ގޯލަށް،" އެއްވަނަ ކީޕަރު ޕީޓަ ޗެކްގެ ބަދަލުގައި ޑޭވިޑް އޮސްޕިނާ ލައްވައި ކުޅުވި މެޗަށް ފަހު ވެންގާ ބުންޏެވެ.

އޭނާ އަދި ބުނީ 2-2 އިން މެޗު އެއްވަރުވުމަށްފަހު ޖެހިގެން އައި ބޯޅައިން ބައިކޮޅަށް ގޯލެއް ވަނުމަކީ މައްސަލައެއް ކަމަށާއި ފަސް މިނިޓް ހިފަހައްޓާލި ނަމަވެސް އާސެނަލް މެޗުން މޮޅުވީސް ކަމަށެވެ.

"ގޯލްކީޕަރަށް ވެސް މިސްޓޭކް ހެދޭނެ. އެއީ ހުރިހާ ސަބަބެއްނޫން އަހަރުމެން މެޗުން ބަލިވި. ޕީޓަ ޗެކަށް ވެސް މި ސީޒަނުގައި މިފަދަ ގޮތެއް ދިމާވެއްޖެ،" އޮސްޕިނާ ލައްވައި ކުޅުވުމަކީ މައްސަލައެއްނޫންކަމަށް ބުނެ ވެންގާ ވާހަކަ ދެއްކި އެވެ.

މި މެޗުގެ ފުރަތަނަ ގޯލު ޖެހީ 33 ވަނަ މިނިޓްގައި އޮލިމްޕިއާކޯސްގެ ޕެޑްރޯ އެވެ. ނަމަވެސް އާސެނަލްގެ ތިއޯ ވޮލްކޮޓް އޭގެ ދެ މިނިޓް ފަހުން އެއްވަރުކުރި ނަމަވެސް ކީޕަރު އަތުން ހެދުނު ގޯހެއްގައި ބައިކޮޅަށް ގޯލެއް ވަނީ 40 ވަނަ މިނިޓްގަ އެވެ. އޭގެ ފަހުން 605 ވަނަ މިނިޓްގައި އެލެކްސިސް ސަންޗޭޒް ގޯލު ޖެހި ނަމަވެސް އާސެނަލް ބަލިވީ ޖެހިގެން އައި މިނިޓްގައި ބޯގަސަން ޖެހި ގޯލުންނެވެ.

މިއީ އަމިއްލަ ދަނޑުގައި ޗެމްޕިއަންސް ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ބަލިވި ހަ ވަނަ މެޗެވެ.