ބޭރު ކުޅިވަރު

މޮރީނިއޯގެ ކުރީގެ ކްލަބުން ޗެލްސީ އަށް ލަނޑު ދީފި

Sep 30, 2015

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ޗެލްސީގެ ރޭ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯގެ ކުރީގެ ކުލަބު ކަމަށްވާ ޕޯޓޯ އަތުން 2-1 އިން ބަލިވެއްޖެ އެވެ.

މޮރީނިއޯގެ އަމިއްލަ ގައުމު ކަމަށްވާ ޕޯޗުގަލްގައި ކުޅުނު މެޗަށް ފަހު އޭނާ ބުނީ ބަލިވީ ތާކުންތާކު ނުޖެހޭ ގޯލެއް ވަދެގެން ކަމަށެވެ.

"އަހަރުމެންނަށް ފެނުނު ޑަޒަން ޑަޒަނަށް ޕޯޓޯ ކޯނަރު ނެގިތަން. އަހަރުމެން އެކަންކަމަށް ތައްޔާރުވެތިބީ. އެކަމަކު ގޭމުގެ ކޮންޓްރޯލް އަހަރުމެން އަތުގައި އޮއްވައި ތާކުންތާކު ނުޖެހޭ ގޯލެއް ވަނީ. އެހެންނޫނީ މިއީ ވަރަށް ހަމަހަމަގޭމެއް. ތާކުންތާކުން ނުޖެހޭ ދެ މިސްޓޭކެއްގައި އަހަރުމެން ބަލިވީ،" މޮރީނިއޯ ބުންޏެވެ.

މި މެޗުން ބަލިވި ނަމަވެސް މޮރީނިއޯ އަށް މި މުބާރާތުގައި އަދި ޕްރެޝަރެއްނެތެވެ. ޓީމު ޓޭބަލުގެ ތިން ވަނާގަ އެވެ. ބާކީ އަދި ހަތަރު މެޗު އެބައޮތެވެ. ނަމަވެސް މިއީ ޕްރެމިއާ ލީގުގައި ގިނަ މެޗުތަކަކުން ބަލިވަމުން އަންނަ ޓީމަށް އަރައިގަތުމަށް އަނެއްކާ ވެސް ކުރިމަތިވި ހުރަހެކެވެ.