ބޭރު ކުޅިވަރު

ދެ މިނިޓް ތެރޭގައި ޖެހި ގޯލުތަކުން ބާސެލޯނާ މޮޅުވެއްޖެ

Sep 30, 2015

އެންމެ ދެ މިނިޓް ތެރޭގައި ޖެހި ދެ ގޯލުން ބަޔާން ލެވަކޫސަން އަތުން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ރޭ ބާސެލޯނާ މޮޅުވެއްޖެ އެވެ.

މެޗުގެ ފުރަތަމަ ގޯލު ޖެހީ ލެވަކޫސަންއިންނެވެ. މި ލަނޑު ޖެހީ މެޗުގެ 22 ވަނަ މިނިޓްގައި ޕަޕޮޑަޕްލަސް އެވެ. މިއާއެކު ބާސެލޯނާ އަށް ފަހަތުން އަރައ މޮޅުވާން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ޓީމު ޕްރެޝަރަށް ދަނިކޮށް ނަތީޖާ އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ސާޖިއޯ ރޮބާޓޯ އެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ 80 ވަނަ މިނިޓްގަ އެވެ. އަދި ލުއިސް ސުއަރޭޒް ޓީމު މޮޅު ކޮށްދިނ 82 ވަނަ މިނިޓްގައި ޖެހި ގޯލުންނެވެ.

މި މެޗުގައި ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ އަށް އަނިޔޭވުމުގެ އޭނާ ވަނީ ބަދަލުކޮށްފަ އެވެ. ނަމަވެސް އޭނާގެ އަނިޔާއާ ބެހޭ ގޮތުން ކުލަބުން ބަލިއެއްޗެއް ނުބުނެ އެވެ.

ނަމަބެސް ކޯޗު ލުއިސް އެންރީކޭ ބުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީ އަނިޔާގެ ސަބަބުން ނުލައި ކުޅެން ޖެހުމަކީ ވަރަށް ބޮޑު ޗެލެންޖަކަށްވާއިރު އިނިއެސްޓާ އަށް ނުކުޅެވޭގޮތްވެއްޖެނަމަ އެއީ ވަރަށް ބޮޑު ދެރައަކަށްވާނެ ކަމަށެވެ.

ބާސެލޯނާ އަށް އަނިޔާގެ މައްސަލަ ބޮޑުވަމުންދާއިރު އެ ޓީމަށް ވަނީ ކުޅުންތެރިން ރަޖިސްޓްރީކުރުން މަނާކޮށްފަ އެވެ. އެއީ ގަވާއިދާ ހިލާފަށް 12 އަހަރުން ދަށުގެ ކުޅުންތެރިން ލައްވައި ސޮއިކުރުވި މައްސަލާގައި ފީފާއިން މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެ ޓީމާކުޅުންތެރިން ނުގަނެވޭގޮތަށް ސަސްޕެންޑްކޮށްފައިވާތީ އެވެ.