ދުނިޔެ

އިންޑިއާގައި ޗައިނާގެ އެޕްތައް މަނާ ކުރުމުން ކަންބޮޑުވުން

Jul 1, 2020

ބެއިޖިންގް (ޖުލައި 1) - އިންޑިއާގައި ވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ "ޓިކްޓޮކް" އާއި "ވީޗެޓް" ފަދަ ޗައިނާގެ ކުންފުނިތަކުން އުފައްދާފައިވާ ގިނަ މޯބައިލް އެޕްތައް އިންޑިއާ ސަރުކާރުން މަނާ ކުރުމުން، ޗައިނާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެކަމާ ގުޅޭގޮތުން، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ ބައިނައަލްގުވާމީ ހަމަތަކުގެ މަތިން، އިންޑިއާގައި ހަރަކާތްތެރިވާ ޗައިނާ ކުންފުނިތަކުގެ ހައްގުތައް ހިމާޔަތް ކުރުމަކީ އިންޑިއާ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

އިންޑިއާގެ ސަލާމަތާއި މިނިވަން ކަމަށް ނުރައްކާވާ ކަމަށް ބުނެ މިދިއަ ހޯމަ ދުވަހުން ފެށިގެން އިންޑިއާ ގައި ޗައިނާއަށް ނިސްބަތްވާ 59 އެޕް ވަނީ މަނާކޮށްފަ އެވެ.

އިންޑިއާ ސަރުކާރުން މިފަދަ ފިޔަވަޅެއް އަޅާފައިވަނީ ޗައިނާ އާ ގުޅޭ ބޯޑަރު ސަރަހައްދުގައި އިންޑިއާ ސިފައިންނާއި ޗައިނާ ސިފައިންނާމެދު ބޮޑު ކުރިމަތިލުމެއް ހިނގާފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ކުރިމަތިލުމުގައި އިންޑިއާ ސިފައިންގެ 20 މީހަކު ވަނީ މަރުވެފަ އެވެ.

އެޕް ބޭނުން ކުރާ މީހުންގެ މައުލޫމާތު ޗައިނާ ސަރުކާރާ ހިއްސާ ކުރާ ކަމަށް އަމާޒުވެފައިވާ ތުހުމަތުތައް ޓިކްޓޮކް އާއެކު ގިނަ ކުންފުނިތަކުން ވަނީ ދޮގު ކޮށްފަ އެވެ.

އެކަމަށް ބާރުދެމުން ޗައިނާ ސަރުކާރުން ބުނީ، އެ ގައުމުގެ ހުރިހާ ކުންފުނިތައްވެސް ހިނގާނީ ބައިނަލްއަގުވާމީ ވިޔަފާރީގެ އުސޫލުތަކާއި ހަމަތަކުގެ މަތީން ކަމަށެވެ.

އެގޮތުން، އެއްވެސް ކުންފުންޏެއްގެ ވިޔަފާރީގެ ތެރެއަށްވަދެ، އެފަދަ މައުލޫމާތެއް ހޯދަން މަސައްކަތް ނުކުރާކަމުގެ ޔަގީންކަން ވެސް ޗައިނާ ސަރުކާރުން ވަނީ ދީފަ އެވެ.

ޗައިނާ ކުންފުނިތަކުން އުފައްދާފައިވާ އެޕްތައް މަނާކޮށްފައިވަނީ، ޗައިނާގެ އުފެއްދުންތައް އިންޑިއާއަށް އެތެރެކުރުން މަނާކުރުމަށްވެސް ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.