ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލައާއި ގުޅިގެން ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައާއި ގުޅިގެން ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ ދައުލަތުގެ ގިނަ އިދާރާތަކެއް ގުޅިގެންނެވެ. އެ އޮޕަރޭޝަނަކީ ފުލުހުންނާއި އޭސީސީއާއި ޕީސީސީއާރު އަދި މީރާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.
މި އޮަޕަރޭޝަންގައި ހުޅުމާލޭގެ ހަތަރު ތަނެއް ބަލާ ފާސްކުރަމުން ގެންދައެވެ.
"މި އޮޕަރޭޝަންއާއި ގުޅޭ އިތުރު މައުލޫމާތު ހާމަކުރާނީ އޭސީސީން،" ފުލުހުން ބުންޏެވެ.
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި ހުރިހާ ދިމާލެއްގެ ސިޔާސީ ލީޑަރުންނާއި ބޭފުޅުން ހިމެނޭ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ. ޝަމީމް ވިދާޅުވީ ރައީސް ޔާމީނާއި އަދީބާއި ޒިޔަތުގެ އިތުރުން ތުހުމަތު ކުރެވޭ 260 ސިޔާސީ ބޭފުޅުންގެ އެބަ ތިއްބެވި ކަމަށެވެ. އެ ލިސްޓުގައި އެކި ޕާޓީތަކުގެ ބޭފުޅުން ތިިއްބެވި ކަމަށެވެ. އެ ގޮތުން އެންމެ ބޮޑު ދެ ޕާޓީ ކަމުގައިވާ އެމްޑީޕީއާއި ޕީޕީއެމް އޭނާ ފާހަގަ ކުރެއްވި އެވެ.
"ސިޔާސީ ލީޑަރުންގެ ތެރެއިން ހުރިހާ ދިމާލެއްގެ ބޭފުޅުން ވެސް މީގެ ތެރޭގައި ހިމެނޭ. މި ދެންނެވީ ކޮންމެ ވެސް ވަރަކަށް ފައިސާ ލިބިފައި ހުރިކަން ތުހުމަތުވެގެން ނުވަތަ އެ ނޫންވެސް ސަބަބުތަކާ ހުރެ އެމީހުންގެ ނަން ލިސްޓަށް އަރާފައި އެބައޮތް،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި، ބޮޑު ހިނާޔާތުގެ ތުހުމަތު ކުރެވޭ ބޭފުޅުންގެ ލިސްޓުގައި އެ ކުންފުންޏާއެކު ސައްހަ މުއާމަލާތް ކުރެއްވި ބޭފުޅުންނާއި ހިޔާނާތުގެ މުއާމަލާތް ކުރެއްވި ބޭފުޅުން ވެސް ތިއްބަވާނެ އެވެ. އެހެންކަމުން ލިސްޓުގައި ތުހުމަތު ކުރެވޭ ބޭފުޅުންގެ ތެރެއިން ސީދާ ހިޔާނާތުގައި ބައިވެރިވެރި މީހުން ސާފު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކަމަކީ އެ ލިސްޓު ސާފުކުރުން. އޭގެ ތެރޭގައި ކޮބައިތޯ، ރަނގަޅު މުއާމަލާތް، ކޮބައިތޯ ގޯސް މުއާމަލާތް، ކޮންކަމަކާ ގުޅިގެން ހޯދި ފައިސާއެއްތޯ، މި އެއްޗެހި ސާފުކޮށްގެން އެއަށް ގޮތެއް ނިންމުން،" ޝަމީމް ވިދާޅުވި އެވެ.