އޮފްބީޓް

ލިބޭ ހުރިހާ ފައިސާއެއް ގަސް ގަންނަން ހަރަދުކުރާ މީހެއް

ސިރިލް ސޮންޓިލާނޯ އަކީ ގަސް އިންދުމާއި ގަސް ގެންގުޅުމުގައި ދެ ވަނަ އެއް ނެތް މިސާލެކެވެ. ގަސް ދެކެ އޭނާ ވާ ލޯބީގެ ސަބަބުން އެތައް ލައްކަ ރުފިޔާއެއް މިހާރުވެސް އޭނާ ވަނީ ގަސް ގަތުމަށާއި ގަސްތައް ބެލެހެއްޓުމަށް ހަރަދުކޮށްފަ އެވެ.

އެމެރިކާގެ ކެލިފޯނިއާގެ ރަށެއްގައި ދިރިއުޅޭ ސޮންޓިލާނޯ ބުނި ގޮތުގައި އޭނާއަކީ ގަހަށް ދެވި ހިފާފައި ހުރި މީހެކެވެ. އަދި ގަސް ގަތުމަށް އޭނާ އަށް ލިބޭ ހުރިހާ ފައިސާއެއް ޚަރަދުކުރާކަށް އޭނާ އެއްގޮތަކަށް ވެސް ދެރައެއް ނުވެ އެވެ. އެހެންވެ މިހާރު އޭނާގެ ނަމަކަށް ވެސް ގިނަ މީހުން ކިޔަނީ "ޕްލާންޓް ޑެޑީ" ނުވަތަ ގަހުގެ ބައްޕަ އެވެ.

އިންސްޓަގްރާމްގައި އޭނާ ޝެއާކުރާ ގަހުގެ ފޮޓޯތައް ބެލުމަށާއި ގަހަ ބެހޭ މައުލޫމާތު ހޯދުމަށް 90،000 އަށް ވުރެ ގިނަ މީހުން މިހާރު އޭނާގެ އެކައުންޓް ފޮލޯ ކުރެ އެވެ. އަދި އިންސްޓްގްރާމުގައި ގަސް އިޝްތިހާރުކޮށްގެން އޭނާއަށް ފުދޭ ވަރަކަށް ފައިސާ ވެސް މިހާރު ލިބެ އެވެ. އެ ހުރިހާ ފައިސާއެއް ވެސް ޚަރަދުކުރަނީ އިތުރު ގަސް ގަތުމަށެވެ.

ސޮންޓިލާނޯ ބުނި ގޮތުގައި އޭނާގެ ގަސްތަކުގައި އެއްވެސް މައްސަލައެއް ހުރިތޯ ބަލަން ޗެކް ކުރަން ކޮންމެ ދުވަހަކުވެސް ގަޑިއެއްހާއިރު އޭނާ ގަސްތަކާ އެކު ހޭދަ ކުރެ އެވެ. އަދި އަލަށް ގަސް ގަހުގައި އަޅާ މަލާއި ޖަހާ ކުރިތައް ބަލާ އެކަންކަމުން ހިތްހަމަޖެހުން ހޯދަ އެވެ.

ހަފުތާ ބަންދު ދެ ދުވަހުން ކޮންމެ ދުވަހެއްގެ 2-3 ގަޑިއިރު އޭނާ ގަސްތަކާއެކު ހޭދަ ކުރެ އެވެ. އާ ގަސް އިންދުމާއި ދިގުވާ ގަސްގަހުގައި ދަނޑިކޮޅު ޖެހުމާއި އަދި ގަހުގެ ފޮޓޯ އަދި ވީޑިއޯ ނެގުމުގަ އެވެ.

ސޮންޓިލާނޯ ބުނީ އޭނާ ކޮންމެ ހަފުތާއަކު މަދުވެގެން 2-3 ގަސް ގަނެ އެވެ. އަދި މިހާރު އޭނާ އަތުގައި ތަފާތު 200 ވަރަކަށް ވައްތަރުގެ 400 އަށް ވުރެ ގިނަ ގަސް އެބަހުއްޓެވެ.

އޭނާ ބުނި ގޮތުގައި ގޭގައި މިހާ ގިނަ ގަސް ހުރުމުން އޭނާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން އިހްސާސް ކުރެވެ އެވެ. އަދި އޭނާގެ ނަޒަރުގައި އިންސާނުންނަށް ވުރެ ގޭގައި ގެންގުޅެން ރަނގަޅީ ގަހެވެ.

ސޮންޓިލާނޯގެ ގޭގައި އޭނާއާއެކު ދެން އުޅެނީ އޭނާ އޮޅުކޮށްގެން ގެންގުޅޭ ބުޅާ ތަކެވެ.