ބޮލީވުޑް

އޮސްކާގައި ބައިވެރިވުމުގެ ދައުވަތު އާލިއާ އާއި ރިތިކްއަށް

އެކަޑަމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސަސް (އޭއެމްޕީއޭއެސް)ގައި ބައިވެރިވުމުގެ ދައުވަތު ބޮލީވުޑް ތަރިން ކަމަށްވާ ރިތިކް ރޯޝަން އާއި އާލިއާ ބަޓް އަދި ފެޝަން ޑިޒައިނާ ނީތާ ލުއްލާ އަށް ލިބިއްޖެ އެވެ. މި ފަންނާނުން ހިމެނެނީ ދުނިޔޭގެ އެކި ގައުމުތަކުން މި އެވޯޑުގައި ބައިވެރިވުމަށް މިފަހަރު ދައުވަތު ފޮނުވި 819 މީހުންގެ ތެރޭގަ އެވެ. މި ފަންނާނުން ނަގާފައިވަނީ ތިއެޓްރިކަލް މޯޗަން ޕިކްޗާޒްގެ ރޮނގުން ކޮށްފައިވާ މަސައްކަތަށް ބަލާފަ އެވެ. ރިތިކް އާއި އާލިއާ މި ދައުވަތު ގަބޫލުކޮށްފިނަމަ 93 ވަނަ އޮސްކާ އެވޯޑުގައި ބައިވެރިވުމުގެ ފުރުސަތު މި ތަރިންނަށް ލިބޭނެ އެވެ.

އާންމުކޮށް އޮސްކާ އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބާއްވަނީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހު އެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރިފައިވާތީ މިހާރު ވަނީ މި ހަފުލާ އޭޕްރީލް 25، 2021 ގައި ބާއްވާ ގޮތަށް ބަދަލުކޮށްފަ އެވެ.
އާލިއާ އަށާއި ރިތިކް އަށް މި ޝަރަފު ލިބުމުން ބޮލިވުޑްގެ ބައެއް ފަންނާނުން ދަނީ މި ދެ ތަރިންނަށް މަރުހަބާގެ މެސެޖުތައް ސޯޝަލް މީޑިއާގައި ޝެއާ ކުރަމުންނެވެ.

އެގޮތުން ޑައިރެކްޓަރު މިލަޕް ޒަވޭރީ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އާލިއާ އާއި ރިތިކް އަކީ އިންތިހާއަށް ހުނަރުވެރި ދެ އެކްޓަރުން ކަމަށާއި މިއީ ވަރަށް ރަނގަޅަށް ހޮވާފައިވާ ހޮވުމެއް ކަމަށެވެ. އަދި މި ދެ ތަރިންނަށް މިފަދަ ފަޚުރެއް ހައްގުކަމަށް ދެކޭ ކަމަށް ވެސް މިލަޕް ބުނެފައި ވެއެވެ. އެކަޑަމީގައި އެމީހުން ބައިވެރިވުމުން އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޑައިރެކްޓަރު ދެކެ އެވެ.

ރިތިކް އާއި އާލިއާ ނޫނަސް ފިލްމު އިންޑަސްޓްރީގައި އެކި ރޮނގުރޮނގުން މަސައްކަތްކުރާ ބައެއް އިތުރު ފަންނާނުންނަށް ވެސް މިފަހަރުގެ އެވޯޑު ހަފުލާއަށް ދައުވަތު ލިބިފައި ވެއެވެ. އޭގެ ތެރޭގައި ކާސްޓިން ޑައިރެކްޓަރުން ކަމަށްވާ ނަންދިރީ ޝްރީކާންތު އާއި ޓެސް ޖޯސެފް، ޑޮކިއުމެންޓްރީ ފިލްމްމޭކާ ނިޝްތާ ޖެއިން އާއި އަމިތު މަދޭޝިޔާ، ވިޝުއަލް އިފެކްޓްސް ސުޕަވައިޒަރުން ކަމަށްވާ ވިޝާލް އާނަންދު އާއި ސަންދީޕް ކަމަލް އަދި ފިލްމު ސްކޯ ކޮމްޕޯސާ ނައިނީތާ ދެސާއީ ހިމެނެ އެވެ.

އެކަޑަމީގައި ބައިވެރިކުރަނީ ދޮން ނަސުލުގެ ފިރިހެނުން ކަމަށް ބުނެ ފާއިތުވީ ދުވަސްތަކުގައި އެ އެކަޑަމީއަށް ވަރަށް ގިނަ ފާޑުކިއުންތައް އަމާޒުވެފައިވާތީ މި ފަހަރު އެކަޑަމީގައި އަލަށް ބައިވެރިވުމުގެ ދައުވަތު ތަފާތު ގައުމުތަކެއްގެ ތަފާތު ނަސްލުތަކެއްގެ ބަޔަކަށް ދީފައިވާ ކަން ފާހަގަ ކުރެވެ އެވެ.

މި ފަހަރު އަލަށް ދައުވަތު ދިން ފަންނާނުންގެ ތެރެއިން 45 ޕަސެންޓަކީ އަންހެނުންނެވެ. މީގެ ތެރޭގައި އެތެނިކް ނުވަތަ ތަފާތު ރޭޝިއަލް ކޮމިއުނިޓީޒްގެ 36 ޕަސެންޓް މީހުން ހިމެނެ އެވެ. އަދި ދުނިޔޭގެ 68 ގައުމެއްގެ އިންޓަނޭޝަނަލް އާޓިސްޓުން ހިމަނާފައި ވެއެވެ.

"އޮސްކާ ނޮމިނީޒްގެ ގޮތުގައި 75 މިފަހަރު އެބަތިބި. އޭގެ ތެރެއިން އޮސްކާ ހާސިލު ކުރާ މީހުންގެ އަދަދަކި 15. އަދި ސައިންޓީފިކް އެންޑް ޓެކްނިކަލް އެވޯޑު ލިބޭ ފަސް މީހަކު އެބަތިބި. މިފަހަރު ދައުވަތު ފޮނުވި ފަންނާނުންގެ ތެރެއިން ދައުވަތު ގަބޫލުކުރާ މީހުން ހިމެނޭނީ 2020ގައި އެކަޑަމީ އަށް އިތުރުވާ ހަމައެކަނި މެމްބަރުންގެ ގޮތުގައި،" އެކަޑަމީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.