މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާ ހުކުރު ނަމާދު ކުރަން ހަމަޖެހިފައިނުވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީއިން ނެރުނު ސާކިއުލާއެއްގައި ބުނީ މާދަމާ، މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނުކުރާ ގޮތަށް ނިންމީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
ކޮވިޑް-19 ފެތެރެން ފެށުމާއެކު ހުކުރު ނަމާދު ކުރުން ހުއްޓާލިތާ މިހާރު ވަނީ ތިން މަސް ވެފަ އެވެ.
ބައްޔާ ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމަށްފަހު އަލުން ނަމާދު ކުރަން ފަށާފައިވަނީ އިއްޔެ އެވެ. މިހާރު ހުރިހާ ނަމާދެއް ވެސް ޖަމާއަތުގައި ކުރެ އެވެ. ނަމަވެސް ނަމާދު ހަތް މިނެޓަށް ވުރެ ދިގު ނުކުރުމަށް ވަނީ އަންގާފަ އެވެ.
މީގެއިތުރުން ނަމާދަށްފަހު މިސްކިތްތަކުގައި މަަޑު ކުރުމާއި އަތް ޖޯޑުކޮށް ސަލާމް ކުރުމާއި މިސްކިތްތަކުގައި ހުންނަ ފޮތްތައް ނުކިޔުމަށް ވަނީ އަންގާފަ އެވެ. އަދި މިސްކިތަށް ދާއިރު އަމިއްލަ މުސައްލަ ގެންދިޔުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.