ސްޓެލްކޯ

ޖޫން ބިލުން 40 ޕަސެންޓް ޑިސްކައުންޓް

މިދިޔަ މަހުގެ ކަރަންޓް ބިލަށްވެސް 40 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުން މި ނިންމުން ނިންމާފައިވަނީ ޖޫން މަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އާންމުން ކުރަމުންދަނިކޮށެވެ. މިއަދު ނޫސްވެރިންނާއެކު ސްޓެލްކޯގައި ބޭއްވި ބައްދަލްވުމެއްގައި ޖޫން މަހުގެ ކަރަންޓް ބިލަށްވެސް 40 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ.

އަދި އިންސްޓޯލްމަންޓަށް ބަހާލައިގެން ބިލް ދެއްކޭނެ އިންތިޒާމްވެސް ހަމަޖައްސައިދިނުމަށް ކަރަންޓް ކުންފުނިން ވަނީ ނިންމާފައެވެ. އެގޮތުން މާޗް، އޭޕްރީލް، މެއި އަދި ޖޫން މަހުގެ ބިލްތައް ބަހާލައިގެން ދެއްކޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ. އެ ފުރުސަތު ވިޔަފާރިތަކަށްވެސް ދިނުމަށް ވަނީ ނިންމާފައެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އޭޕްރީލް އަދި މެއި މަހުވެސް ވަނީ ކަރަންޓް ބިލުން 40 ޕަސެންޓްގެ ޑިސްކައުންޓެއް ދީފައެވެ. އަދި އެ ދެ މަހު ފެން ބިލުން ވަނީ 30 ޕަސެންޓްގެ ޑިސްކައުންޓެއް ދީފައެވެ. އެގޮތުން ސްޓެލްކޯ މެދުވެރިކޮށް 92،588 ގޭބީސީއެއްގެ ކަރަންޓް ބިލުން 50 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދިނެވެ. އަދި ފެން ކުންފުނި މެދުވެރިކޮށް 33،198 ގޭބީސީ އަކަށް 9.8 މިލިއަން ރުފިޔާގެ ޑިސްކައުންޓާއި ފެނަކަ މެދުވެރިކޮށް 12،661 ގޭބީސީ އަކަށް 0.3 މިލިއަން ރުފިޔާގެ ޑިސްކައުންޓްވެސް ސަރުކާރުން ވަނީ ދީފައެވެ.

ގިނަ ބަޔަކު ވަނީ ޖޫން މަހުގެ ކަރަންޓް ބިލް ވަރަށް ބޮޑުވެފައިވާކަން ފާހަގަކޮށްފައެވެ. އަދި ލޮކްޑައުންގެ ކުރިން އައި ބިލްތަކާއި ޖޫން މަހުގެ ބިލްގައި ހުރި ތަފާތުތައް ވަނީ ހިއްސާކޮށްފައެވެ. ބައެއް ބިލްތައް ތިންގުނަ އަދި ހަތަރު ގުނަަވެސް ވަނީ ބޮޑުވެފައެވެ. އެގޮތުން ހާހެއްހާ ރުފިޔާ ކުރިން ނާރާ ގޭގޭގެ ބިލްތަކަށް މިފަހަރު ވަނީ 4،000 ރުފިޔާ އަރާފައެވެ.

ޖޫން މަހުގެ ކަރަންޓް ބިލުން 40 ޕަސެންޓް ޑިސްކައުންޓެއް ދިނުމަށް ނިންމާފައި މިވަނީ މި މައްސަލަ ބަލާ ސްޓެލްކޯ ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށް މައްސަލައެއްވެސް ހުށައަޅާފައިވަނިކޮށެވެ. އަދި މިމަހުގެ ކަރަންޓް ބިލް ނުދެއްކުމަށް އިިދިކޮޅު ކޯލިޝަނުން ގޮވާލާފައިވަނިކޮށެވެ.