ރިޕޯޓް

މުސާރަ ނުދީ ބިދޭސީން "އުކާލަނީ" މާލެއަށް!

ބޮޑުފިނުޅުން: މޫސާ ރަޝީދު
Jul 5, 2020
16

ރަހީނެއްގެ ގޮތުގައި ބަންދުވެ، 24 ގަޑިއިރުގެ ބިރުވެރިކަމުގެ ތެރޭގައި އުޅުމަށް ފަހު ބިދޭސީންގެ އަތް ދަށުން ސަލާމަތްވި، ބ. ބޮޑުފިނޮގައި މަސައްކަތް ކުރާ ދިވެހި މުއައްޒަފެއްގެ ދުލުން އެ މީހުންނާ ބެހޭ ގޮތުން ފުރަތަމަ ވެސް ބޭރުވި ވާހަކައަކީ މިއީ އެވެ: "މުސާރަ ނުދޭތާ ހަތް މަސް މިވީ. އެ މީހުން އުޅުނު ހާލު އެހެން މީހުނަށް ނޭނގެނީ! ކެތް ކުރެވޭނީ ވެސް ވަކި ވަރަކަށް!"

ބ. ތުޅާދޫއާ އެއް ފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ ރިޒް ޕްރައިވެޓް ލިމިޓެޑްގެ މުއައްޒަފުންނަށް މުސާރަ ނުދޭތީ އެ ރަށުގައި ހުރި ހުރިހާ މުދަލެއްހެން ވަނީ ތަޅާ ހަލާކުކޮށް، ސުންނާފަތިކޮށްފަ އެވެ. ކޮންސްޓްރަކްޝަނަށް ބޭނުން ކުރާ އެކްސްކަވޭޓަރުތައް ހަލާކުކޮށްލާ، ރަށުގައި ހަދަމުން އައި ކޮޓަރިތަކާއި ހަދާ ނިމިފައި ހުރި ކޮޓަރިތަކުގެ ދޮރުތައް ވައްޓާލައި، އެ ރަށުގައި ބާއްވާފައި އޮތް ދެ ލޯންޗެއް ގެއްލުންދީ ބޭނުން ނުކުރެވޭ ވަރު ކޮށްފައި ވެއެވެ. ދެން ދިމާކޮށްލީ އެތަނުގައި މަސައްކަތް ކުރާ ދިވެހިންނާ އެވެ.

ދިވެހިންނަށް ބިރު ދައްކާ ބައެއް މީހުންނަށް މަރުގެ އިންޒާރުދީ ރަށުން ފުރުން މަނާކޮށް ކޮޓަރިތަކުގައި އެ މީހުން ބަންދުކޮށްފައި ބޭތިއްބި އެވެ. އޭގެ ތެރެއިން މިސްކިތަށް ދާން ކޮޓަރިން ނުކުންނަން ހުއްދަ ދިނުމުން ފުންމާލައިގެން ފަތާފައި ތުޅާދޫއަށް އެރި މީހާ ފިޔަވާ ދެން ތިބި 12 ދިވެހިން ތިބީ ބިދޭސީންގެ އަތްދަށުވެފަ އެވެ. އެވަރު ނުވެގެން އެ މީހުން ތިބި ކޮޓަރިތަކަށް ވެސް ގަލާއި ދަގަނޑު އުކާ ތަކުރާރުކޮށް ބިރު ދައްކަމުން ދިޔަ އެވެ.

އެ ކަންކަން ހިނގައި ގޮސް ފުލުހުންގެ ފައުޖެއް ރަށަށް އަރަން އުޅޭކަން ބިދޭސީންނަށް އެނގުމުން ފުލުހާ ވެސް ދިމާކޮށްލި އެވެ. ފުލުހުންގެ ލޯންޗު ފަޅު ތެރޭ އޮއްވާ ތޫނު ދަގަނޑާއި ގާ އުކާ ފުލުހުންނަށް ބޮޑެތި އަނިޔާތައް ދީ، ފުލުހުންް ރަށަށް އެރިޔަ ނުދީ ހިފެހެއްޓި އެވެ.

"މާލެއިން ވެސް ފުލުހުންގެ ފައުޖެއް އަންނަކަށް އެ މީހުންނަށް އެނގުނު. ބުނި 1000 ފުލުހުން އަޔަސް ވަޅިން ކޮށާލާނަމޭ،" އެތަނުގައި ބަންދުވި ދިވެއްސަކު ބުންޏެވެ.

އެހެން ނަމަވެސް ޖެހިގެން އައި ދުވަހުގެ ހެނދުނު 6:00 ޖަހާއިރު ފުލުހުން އެ ރަށަށް އެރުމުން އެ މީހުން އަމާންދީ، ފުލުހުންގެ އަމުރަށް ކިޔަމަންވި އެވެ. ބަނދަރު މަތީ އެ މީހުން އުކަން ތައްޔާރު ކޮށްފައިވާ ގާ ފުނިތަކާއި އަތް ގާޑިޔާތަކަށް އަރުވާފައިވާ ދަގަނޑުތަކާއި ކޮޅު ތޫނުކޮށްފައިވާ ލަޓި ބުރިތައް ހުއްޓެވެ. އަދި ފުޅިފުޅީގައި މިރުސް ފެން އަޅާ ތައްޔާރު ކޮށްފައިި ވެސް ހުއްޓެވެ.

މިއީ ދިވެހި ފަސްގަނޑުގައި ބިދޭސީން ފަރާތުން ދިވެހިންނަށް ބިރުވެރިކަމާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް ބޮޑުފިނޮޅުގައި މި ދަރަޖައަށް ހާލަތު ގޯސްވެގެން ދިޔައީ ކީއްވެ ހެއްޔެވެ؟

ފުލުހުން އަރަން ޖެހުނު ފުރަތަމަ ފަހަރެއް ނޫން!

ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން އަންނަނީ ދެ ކުންފުންޏެއްގެ މުއައްޒަފުންނެވެ. އެއީ އެ ރިސޯޓުގެ ވެރި ފަރާތް ކަމަށްވާ ސީލް މޯލްޑިވްސް އާއި އެ ރިސޯޓު ހަދަން ހަވާލުކޮށްފައިވާ ރިޒް ކުންފުންޏެވެ. އޭގެ ތެރެއިން ބިދޭސީން ގެނެސްގެން އެ ރަށުގައި މަސައްކަތް ކުރަނީ ރިޒް ކުންފުނީގެ މުއައްޒަފުންނެވެ. ގާތްގަނޑަކަށް 4000 އާއި 6000 ދެމެދުގެ އަދަދެއްގެ މުސަރާގައި ރެއާ ދުވާލު މަސައްކަތް ކުރަމުން ދިޔަ އެ ބިދޭސީންނަށް މި އަހަރު މުސާރައެއް އަދި ނުލިބެ އެވެ. ބައެއް މީހުންނަށް ލިބުނީ ޖެނުއަރީ މަހުގެ މުސާރަ އެކަންޏެވެ.

އެ މައްސަލާގައި ފުރަތަމަ ވެސް ރިޒް ކުންފުންޏާ ވާހަކަ ދައްކައިގެން ކުޑަ ހައްލެއް ވިޔަސް ގެނެވޭތޯ އެ މީހުން މަސައްކަތް ކުރި އެވެ. އެ މީހުން މުސާރަ ދޭނެ ތާރީހެއް ކޮންމެ ފަހަރަކު ވެސް ދެ އެވެ. އެ ތާރީހުގައި މުސާރަ ނުދޭތީ އަލުން ގުޅުމުން އަނެއްކާ ވެސް ދެނީ ތާރީހެކެވެ. އެގޮތަށް މިހާ ދުވަހު ފައިސާ ފޮއްޗެއް ނުދީ ހިފަހައްޓާލި އެވެ.

"ހަމަ ވަގުތު ދެނީ ވަގުތު ދެނީ. 15 ދުވަސް ފަހުން މުސާރަ ދޭނަމޭ! ދެން އެއް މަސް ފަހުން މުސާރަ ދޭނަމޭ... އެކަމަކު އެއްވެސް އެއްޗެއް ނުދީ ބަރާ ބަރަށް އެ މީހުން ލައްވާ މަސައްކަތް ކުރުވާ. ވަކި ވަރަކަށް ވުރެ މައްޗަށް ދިޔައީމަ ކޮންމެ މީހަކު ވެސް ރުޅި އަންނާނެ. ހެޔޮ ނުވާނެ އެހެން ހަދަން،" އެ މީހުންގެ ހާލަތު ކައިރިން ދުށް ދިވެހި މުއައްޒަފު ކިޔާ ދިނެވެ.

މި މައްސަލާގައި އެ މީހުންް ރުޅިގަދަވެ ހަޅުތާލު ކުރަން ކުރިންސުރެ ފަށައިފިއެވެ. އޭރު އަދި އެއްޗެއްސަށް ގެއްލުމެއް ނުދެ އެވެ. އެހެން ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް ފުލުހުން އެ ރަށަށް ގޮސް އެ މީހުންނާ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަނީ އެވެ. އަދި ކުންފުންޏަށް ގުޅައިގެން ވެސް މަޝްވަރާ ކުރެ އެވެ. ދެން ވެސް ދެނީ ހަމަ ތާރީހެކެވެ.

"އަހަރެންގެ އާއިލާއާ ދަރިންނަށް ކާކަށް ނުދެވޭ! ފައިސާ ނުފޮނުވާތީ އެ މީހުން ގުޅާ... އަހަރެންގެ ބޯ ހަލާކުވެއްޖެ! ކޮންމެ ފަހަރަކު ބުނަނީ މާލެ ފޮނުވާާލާނަމޭ... ދެން ތުޅާދޫން މީހުން ގެނެސްގެން މަރާލާނަމޭ ބުނަނީ..." މި މައްސަލާގައި ހައްޔަރު ކުރި ބިދޭސީއަކު އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގައި އެ މީހުން އުޅުނު ހާލަތު ކިޔައި ދިނެވެ.

މާލެ ފޮނުވާލާނެ ކަމަށް ބުނާ ވާހަކައިގެ ތަފުސީލް ބެލިއިރު، އިތުބާރު ހުރި ފަރާތަކުން އަވަސްއަށް ކަށަވަރުކޮށްދިން ގޮތުގައި މުސާރައިގެ މައްސަލަ ދިމާވެގެން ގިނަ ބިދޭސީންތަކެއް ކޮންމެ ފަހަރަކު މާލެ ގެންދެ އެވެ. އަދި މާލެ ގެންދިޔުމަށް ފަހު އެތަނަށް އެ މީހުން މާލޭގައި ގަނަތެޅެން ދޫކޮށްލާފަ ބޯޓު ފުރައިގެން ދަނީ އެވެ.

"ބޮޑުފިނޮޅަކީ ހަމަ ބިދޭސީން ނިދަން އަންނަ ތަނެކޭ ބުންޏަސް ދޮގަކަށް ނުވާނެ. ކޮންމެ ފަހަރަކު މާލެއަށް ބިދޭސީން ގެންގޮސް ދޫކޮށްލާފައި އެހެން ބިދޭސީންތަކެއް ހޮވާލައިގެން މި ގެންނަނީ،" އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ބުންޏެވެ.

ލައްކައިން ދިވެހިންްނަށް ވެސް ދަރާ!

ބޮޑުފިނޮޅުގައި މިކަން ދިމާވެފައި މިވަނީ ހަމައެކަނި ބިދޭސީންނަކަށް ނޫނެވެ. ރިޒް ކުންފުނީގެ ދަށުން މަސައްކަތް ކުރާ ދިވެހިންނަށް ވެސް ދިމާވެފައި ވަނީ އެ ހާލެވެ. އެ ތަނުގައި މުއައްޒަފުންގެ ކެއުމުގެ ކަންކަން ބަލަހައްޓާ މީހަކު ބުނި ގޮތުގައި އޭނާއަށް ލިބެން ޖެހޭ މުސާރައިގެ އަދަދު 115،000 ރުފިޔާއަށް މިހާރު އަރާފައި ވެއެވެ.

"ރެއާއި ދުވާލު ނުނިދާ މަސައްކަތްކޮށްގެން 480 ބަންގާޅިންނާއި 70 ދިވެހިން ވެސް ބަލަހައްޓައިފިން. އަޅުގަނޑަށް ވެސް 115،000 ރުފިޔާ ނުދީ އެބައޮތް. އަޅުގަނޑު ގުޅާފަ ބުނިން ބައްލަވާ މިހާރު ހަތް މަސް ވީއޭ މުސާރަ ނުދޭތާ. ރެއާ ދުވާލު މަސައްކަތް ކުރާއިރު ހައްގު މުސާރަ ދޭން،" އޭނާ ބުންޏެވެ.

އޭނާގެ އިތުރުން ރިޒް ކުންފުނީގެ ދަށުން މަސައްކަތް ކުރި އެހެން ދިވެހިން ވެސް ބުނާ ގޮތުގައި އެ މީހުންނަށް ވެސް މުސާރައެއް ނުލިބެ އެވެ. އެ މީހުން ވެސް ތިބެނީ މުސާރަ ދޭން ކަމުގެ އިންތިޒާރުގަ އެވެ. އެކަމަކު އެއްވެސް ހަބަރެއް ކުންފުނީގެ ފަރާތުން ފަހުން ނުވެ އެވެ.

މިއީ ކުޑަކުޑަ ވާހަކައެއް އަދި ކުޑަކުޑަ ކަމެއް ނޫނެވެ. އެތައް އާއިލާތަކާއި އެތައް ބައެއްގެ ދިރިއުޅުމަށް ސީދާ އަސަރު ކުރާނެ މައްސަލައެކެވެ. މުސާރަ ނުދީ އެ މީހުން އާދޭސް ކުރަން ތިބި ދުވަސްވަރުގައި ރިޒް ކުންފުނީގެ ވެރިޔާ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވަނީ އޭނާ ތަމްސީލް ކުރާ ނަރޫދޫގެ 87 ގޭބިސީއެއްގެ މޭ މަހުގެ ކަރަންޓު ބިލު ދައްކައިދީފަ އެވެ. އެކަން ކުރިއިރު ވެސް ބަޔަކަށް މުސާރަ ނުދޭތީ އާއިލާތަކެއް ބަނޑަށް ތިބި ކަމުގެ ޝަކުވާތައް ތަކުރާރުކޮށް ދިޔައީ ކުރަމުންނެވެ.

ދިވެހިންތަކެއް ރަހީނުކޮށް ފުލުހުންނަށް އަނިޔާ ކުރުން ގޯހެވެ. އެކަމަކު މުސާރަ ނުދީ ރަށެއްގައި ރެއާ ދުވާލު މަސައްކަތް ކުރުވާ އެ މީހުންނަށް ބިރު ދައްކާ، އެހެން ދިމާލަކަށް ދާން ހުއްދަ ނުދީ ހަތް މަސް ދުވަހު އެ ބިދޭސީން ވެސް އުޅެން ޖެހުނީ ހަމަ "ރަހީނު" ވެގެނެވެ. ބޮޑުފިނޮޅުގައި ތިބެގެން ތަހައްމަލު ކުރަމުން ދިޔަ ކަންކަން ވަކި ކުޑައެއް ނޫނެވެ. ބޮޑުފިނޮޅުގައި ހިނގަމުން ދިޔަ ބޮޑު ޖަރީމާއަށް ބަލާލައިނެ ވެސް އަޅާލާނެ ވެސް މީހަކު ނުވި އެވެ.