އިދިކޮޅު ލީޑު ކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް، މިނިސްޓަރު ޒާހިރަށް ފާޑުވިދާޅުވެފައިވަނީ މާދަމާގެ ހުކުރު ޖަމާއަތް ކެންސަލް ކުރުމާއި ގުޅިގެންނެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހުކުރުގެ ޖަމާއަތް ގާއިމް ނުކުރާތާ 15 ހަފްތާ ވަނީ ވެފައެވެ. މިސްކިތްތައް ބަންދުކޮށްފައިވާތާ ގިނަ ދުވަސްތަކެއް މިސްކިތްތައް ހުޅުވާ، މިމަހުގެ ފުރަތަމަ ދުވަހުގެ މަގުރިބު ނަމާދުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ދަނީ ނަމާދު ކުރަމުންނެވެ.
ނަމަވެސް އިސްލާމިކް މިނިސްޓްރީން ވަނީ މާދާމާ ހުކުރުގެ ޖަމާއަތް ނޯންނާނެ ކަަމަށް ބުނެފައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން މި ނިންމުން ނިންމީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލްވުމުގައި ނެގުނު ވޯޓެއްގައި ހުކުރުގެ ޖަމާއަތް މާދަމާ ނުބާއްވަން ފާސްވުމާއި ގުޅިގެންނެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަވަސްއަކަށް ނުލިބުނެވެ.
އަބްދުއްރަހީމް ވިދާޅުވީ އިސްލާމްދީނުގައި ﷲ ޝަރުއުކުރެއްވި ކަންކަމާ މެދު ގޮތް ކަނޑައަޅަނީ ގުރުއާނާ ސުންނަތުގެ އަލީގައި ދިރާސާ ކޮށްގެން ކަމަށެވެ. އަދި ވޯޓުލައިގެން ގިނަ ވޯޓު ލިބޭގޮތަކަށް ނަމާދު ކުރުމާ ނުކުރުން، ރޯދަ ހިފުމާ ނުހިފުން، ޒަކާތް ދިނުމާ ނުދިނުން ކަނޑައެޅުމަކީ ވަރަށް ޖާހިލު ލާދީނީ އަމަލެއް ކަމަށެވެ.
"ލާދީނީ މިސްރާބަށް ރާއްޖެ ގެންދަން މަސައްކަތްކުރާ މީހުން މިސްކިތްތައް ތަޅާލަން ވީތޯ ނުވަތަ ނޫންތޯވެސް ވޯޓު ނަގަން މިހާރުގެ އިސްލާމިކް މިނިސްޓަރު މި ހުޅުވައިދެއްވީ މަގެއް ނޫންބާ،" އަބްދުއްރަހީމް ސުވާލު ކުރައްވާފައިވެއެވެ.
އިސްލާމިކް މިނިސްޓްރީއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ މާދަމާ، މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނުކުރާ ގޮތަށް ނިންމީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.