މީހުން

ވައިކަރަދޫ ދަނޑުވެރި ޓީޗަރު

ހދ. ވައިކަރަދޫއަކީ ދަނޑު ހެއްދުމުގެ މަސައްކަތް ކުރާ ބިން ތަނަވަސް ރަށަކަށް ވުމާއެކު ދަނޑުވެރިކަން ކުރަން ކޮންމެ ގޭބިސީއަކަށް ވެސް 5000 އަކަފޫޓުގެ ބިމެއް ދީފައި އޮވެ އެވެ. ކޮވިޑާ ގުޅިގެން މިވަގުތު އިތުރު 2500 އަކަފޫޓުގެ ބިން ދީފައިވެ އެވެ. އެ ރަށުގައި އާމްދަނީ ހޯދަން ކުރާ މައިގަނޑު މަސައްކަތަކަށް އެކަން އޮވެ އެވެ.

ނަމަވެސް އެހެނިހެން ވަޒީފާތަކުގައި ވަޒީފާ އަދާ ކުރަމުން ލިބޭ ހުސްވަގުތު ތަކުގައި ދަނޑުވެރިކަމަށް ހުންނަ ޝައުގުގެ ބޮޑު ކަމުން ދަނޑުވެރި މަސައްކަތް ކުރާ މީހުން ވެސް އެ ރަށުގައި އުޅެ އެވެ. ވައިކަރަދޫ، މާސް، މޫސާ ފަހީމަކީ އެ ރަށު ސްކޫލްގެ ޓީޗަރެކެވެ، އަދި އޭނާ ހޮބީ އެއްގެ ގޮތުން ދަނޑު ހެއްދުމުގެ މަސައްކަތް ކުރެ އެވެ. ކިޔަވައި ދެމުން ރަނގަޅު ފެންވަރެއްގައި އޭނާ ދަނޑުވެރިކަން ކުރެ އެވެ.

ދިވެހި ބަސް ކިޔަވައިދޭ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ މޫސަ ދަނޑު ހެއްދުމުގެ މަސައްކަތުގައި އުޅެނީ ސްކޫލްގެ ހުރިހާ ކަމެއް ނިމުމުން އޭނާއަށް ލިބޭ ހުސް ވަގުތު ތަކުގަ އެވެ.

މޫސަ ބުނިގޮތުގައި ދަނޑުވެރި ކަމަށް އޭނާގެ ޝައުގުވެރިކަން އުފެދުނީ އޭނާގެ މައިންބަފައިންގެ ފަރާތުންނެވެ. އެއީ ދަނޑު ހެއްދުމުގެ މަސައްކަތް ކުރިންސުރެ ކުރާ ބަޔަކަށްވާތީ އެމީހުން ދަނޑުކޮށާ ގޮވާންކޮށް އުޅޭއިރު އެ މަސައްކަތުގައި ބައިވެރިވެ އެވެ.

"މިކަމަށް ޝައުގު އެފެދުނީ މައިންބަފައިން މި މަސައްކަތް ކުރާތަން ފެނިގެން. ކިޔަވަން އުޅުނުއިރު ވެސް މަންމަމެން ދަނޑުކޮށަން އުޅޭއިރު އެކަމުގައި އުޅެން. އެހެން އައިސް ވަކި ދިރިއުޅުން ފެށި ފަހުން ވެސް އެ މަސައްކަތް ކުރަމުން މިދަނީ،" އެނާ ބުންޏެވެ.

މޫސައަކީ 13500 އަކަފޫޓުގެ ބިމެއް ކުއްޔަށް ނަގައިގެން މިހާރު ވެސް ރަނގަޅަށް ދަނޑުވެރިކަން ކުރާ މީހެކެވެ.

"މީގެ ދެތިން އަހަރު ކުރިން މައިގަނޑު އެއްޗަކަށް ހެއްދީ ފަޅޯ. އެކަމަކު މިހާރު ބައްޔެއް ޖެހިގެން ފަޅޯ ނުހެދެން ފެށީމަ މިހާރު މައިގަނޑު ފަތްކޭލަށް ބަދަލު ކޮށްގެން މިއުޅެނީ... އަބަދުވެސް ރޯދަޔާ ދިމާކޮށް ކަރާ، ބަށި، ކިޔުކަމްބާ، މެލަން އެއްޗެހި ވެސް ހައްދަން. ދޭތެރެ ދޭތެރެއިން ބަރަބޮލާއި މިރުސް ކަހަލަ އެއްޗެހިވެސް ހައްދަން،

މޫސަ ބުނި ގޮތުގައި ބިންބިއަކީ ވެސް އޭނާ ހައްދާ ބާވަތެކެވެ. ބިންބިއަކީ މޫސުމީ އެއްޗަކަށްވުމާއެކު ހުޅަނގު މޫސުމާ ދިމާކޮށް މިދުވަސްކޮޅު މޫސަ ބިންބި ހައްދަ އެވެ.

"މިރަށު މީހުން ކުރީގައި ބިންބި ހައްދާ އުޅުނީ މޫސުމީ ދަނޑުވެރިކަމެއްގެ ގޮތުގައި. މިހާރުވެސް ބިންބި ހައްދަނީ ހުޅަނގު މޫސުމާ. މިކަމުގައި އެބައޮތް ތާރީހެއް ވެސް. ހުޅަނގު މޫސުމުގެ ތިން ވަނަ ނަކަތް ކެއްޗަކީ. މި ނަކަތުގައި އުކާ ގޮވާމުގައި އަދަ ނަކަތުގައި ބަދަ ޖަހާނެ. ދެން އެ ބިންބި ކަނޑާނެ މިއަހެލި ނަކަތުގައި. މާ ނަކަތުގަ ބިންބި ހިފައިގެން ރަށަށް އަންނާނީ،" އޭނާ ބުންޏެވެ.

މޫސަ ބުނި ގޮތުގައި ކުރިން އެ ރަށު މީހުން ދަނޑުވެރިކަން ކުރަމުން އައީ ކައިރި ފަޅުރަށްރަށުގަ އެވެ. ދަނޑުވެރިކަން ކުރާ އާއިލާތަކުން ހުޅަނގު މޫސުމާ ދިމާކޮށް އާއިލާ އެކުގައިހެން ފަޅު ރަށްރަށަށް ގޮސް އެ މަސައްކަތް ކުރަން މަޑުވެސް ކުރެ އެވެ.

"އޭރުގައި އެ މަސައްކަތް ކުރާ މީހުން ފަޅުރަށްރަށަށް ދާނެ އިރުވައި މޫސުމުގެ ފަހު ދެ ނަކަތުގައި. ގޮސް ދަނޑުކޮށާ ހިއްކަނީ. ހުޅަނގުގެ ދެވަނަ ނަކަތް، ބުރުނު ދެބައިވީމައި ދަނޑު އަންދާނީ".

އޭނާ ބުނި ގޮތުގައި ދަނޑު އަންދާ އެންދުމަށް އެމީހުން ކިޔައި އުޅުނީ "ދަނޑު ހުޅުޖެހު"މެވެ. އަދި ހުޅަނގުގެ ތިން ވަނަ ނަކަތް، ކެތި ނަކަތުގެ ވިއްސާރަ ފެށުމުގެ ކުރިން ބިންބި އުކާނެ އެވެ. ދަނޑިބުރިއަކުން މުޅި ދަނޑުގައި ރޮގު ދަމްއި ބިންބި އުކުމަށްފަހު މަށަން އަޅާފައި ބާއްވަނީ އެވެ. އެ ބިންބި ދެހަފުތާ ނުވަތަ ދެހަފުތާ ބައިން ރުވާވަރު ވާނެ އެވެ.

"މިދަނޑުން ބިންބި ނަގައިގެން ދެން އެހެން ދަނޑުތަކުގައި ރުވާނީ. ރުވާލީމާ އަދައިގައި ބަދަ ޖަހައިގެން ތިން ވަނަ ބަދައިގައި ނުކުންނާނެ ކުރާގަނޑު. ތިންވަނަ ބަދައިން ކުރާ ޖެހީމާ ފަހު ދިހަ ނަކަތުން ޖެހޭނެ ބިންބި ދޮން ވެގެން ކަނޑަން. މާ ނަކަތުގެ ވިއްސާރަ މަޑުވީމަ ބިންބިތައް ހިފައިގެން ރަށަށް ދާނީ" މޫސަ ކިޔައި ދިނެވެ.

މޫސަ ބުނި ގޮތުގައި އޭރާ މިހާރާ ހުރި ތަފާތު ކަމަކީ އޭރު މި މަސައްކަތް ކުރަނީ ފަޅު ރައްރަށުގަ އެވެ. އެހެންވެ ބިންބި ދަނޑުތައް ފުދޭ ވަރަކަށް ބޮޑެވެ. ނަމަވެސް މިހާރު ބިންބި ހެއްދުމުގެ މަސައްކަތް ކުރަމުންދަނީ ރަށުގައި ތިބެގެނެވެ. އަދި ކުރިއާ ހިލާފަށް މިހާރު ކޮންމެވެސް ވަރަކަށް ބޭސް ވެސް ބޭނުން ކުރާ ކަމަށް މޫސަ ބުންޏެވެ.

މިހާރުވެސް ބިންބ ނާޅިއެއް 200ރ. ވިއްކެ އެވެ. ބިންބި ވިއްކަނީ ކައިރި ރަށްރަށަށެވެ. ކުޑަކުދިންނަށް ކާންދިނުމަށް އުތުރުގެ ރައްތަކުން ބިންބި ގަނެ އެވެ.

ރޯދަމަހާ ދިމާކޮށް ދަނޑުވެރިން އެންމެ ފޯރީގައި ހައްދާ އެއްޗަކީ ކަރައެވެ. މޫސަ ވެސް ރޯދަޔަށް ކަރާ ހައްދަ އެވެ. ރަޖަބު މަސް ފެށޭއިރަށް ކަރާ ހެއްދުމުގެ މަސައްކަތް ފަށަ އެވެ. އޭނާ ބުނީ ގޮތުގއި އެ ހިސާބުގައި މަސައްކަތް ފަށައިގެން ރޯދަޔަށް ބަރާބަރަށް ކަރާ ލިބޭވަރު ވެއެވެ. އެހެން ނަމަވެސް ބާޒާރު ލިބުމުގައި ދަތިވެ އެވެ.

"އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ މާކެޓްގެ މައްސަލަ. މާލެއާ ދުރުވީމަ މިޖެހެނީ ގިނަ ފަހަރު ކުޅުދުއްފުށްޓަށް މިތަކެތި ގެންދަން. ކުޅުދުއްފުއްޓަށް ގެންގޮސް އެ ރަށުގައި މި އޮންނަ މަޝްހޫރު 'ހޮނިހިރު ބާޒާރު' ގައި މި ވިއްކަން ޖެހެނީ. އަޅުގަނޑުގެ ވަޒީފާގެ ގޮތުން ގިނަ ފަހަރު ހޮނިހިރު ދުވަހު ވެސް އެބައޮވޭ ސްކޫލުގައި އިތުރު ހަރަކާތްތައް. އެހެންވީމައި ނޯވެ ގިނަ ފަހަރު ދަނޑުގައި ހައްދާ ތަކެތި ހިފައިގެން ކުޅުދުއްފުއްޓަށް ދެވޭކަށް. ދެން މިޖެހެނީ އެހެން މީހަކަށް މިތަކެތި ހަވާލު ކޮށްފައި ފޮނުވަން. އެހެންވީމައި ތަކެތި ނުއަގުގައި ވިކުމާއި މިކަހަލަ ކަންކަން ދިމާވޭ" އޭނާ ބުންޏެވެ.

މޫސަ ބުނި ގޮތުގައި ދަނޑުވެރިކަމުގެ މަސައްކަތަކީ އޭނާގެ ހޮބީއެކެވެ. އަދި އެކަމަށް ހުސްވެގެން ހުރެ ކުރާނަމަ ރަނގަޅު ފައިދާއެއް ވެސް ލިބޭނެ އެވެ. މިހާރުވެސް ވައިކަރަދޫން ދަނޑުވެރި ގިނަ ތަކެތި މާލެއަށް ނުގެނެވުނަސް ށ. ފީވަކަށް ރަނގަޅަށް ތަކެތިވ ގަނެ އެވެ.

މޫސަގެ ދަނޑުގައި މިވަގުތު ހެދިފައި އޮތް އެންމެ ގިނަ އެކައްޗަކީ ފަތްކޭލެވެ. މި ހުޅަނގު މޫސުމުގެ ވިއްސާރައިގައި ބޮޑު ގެއްލުމެއް ވެސް އޭނާއަށްވި އެވެ.

"100 އަށްވުރެ ގިނަ ގަސް ހަލާކުވި. އޭގެ ތެރޭން 53 ގަހުގައި އޮތީ ކެޔޮގަނޑު ވެސް އައިސްފައި އެއްވެސް ވަރަކަށް ބޭނުންކުރެވޭ ވަރު ނުވެގެން ބައެއް ކެޔޮގަނޑުތައް ހަމަ އެކީގައި އެއްލާލަން ޖެހުނު" މޫސަ ބުންޏެވެ.