ލަލީގާގެ ތާވަލުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑަކާއެކު އޮތް ނަމަވެސް، ލީގް ޗެމްޕިއަން ލިބޭނެ ކަމުގެ އިހްސާސެއް އަދިވެސް ނުކުރެވޭ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ފިޒިކަލީ ވަރުގަދަ ގޭމެއް ކުޅޭ ގެޓާފޭ އަތުން ރޭ ރެއާލް މޮޅުވީ 1-0 ންނެވެ. ރެއާލްގެ ގޯލަކީ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީން ކެޕްޓަން ސާޖިއޯ ރާމޯސް ކާމިޔާބު ކުރި ގޯލެކެވެ.
މެޗުން ލިބުނު ތިން ޕޮއިންޓާއެކު ރެއާލް ވަނީ ދެ ވަނައިގައި އޮތް ވާދަވެރި ބާސެލޯނާއަށް ވުރެ ހަތަރު ޕޮއިންޓް ކުރިއަށް ޖެހިލާފަ އެވެ. ބާސާ އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ވީ އެއްވަރެވެ. ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ ފަސް މެޗެވެ.
ޒިދާން ބުނީ ކުރިއަށްވެސް އޮތީ ފައިނަލުގެ ފަސް މެޗު ކަމަށާއި އެ ފަސް މެޗުގެ ނަތީޖާއިން ނޫނީ ލީގް ލިބޭނެ ކަމަށް ވާހަކަ ދެކެވެން ނެތް ކަމަށެވެ.
"އަދި ހަމަ އެއްވެސް އެއްޗެއް ނުލިބޭ، އަހަންނަށް އެނގޭ މިއީ ކިހިނެއް ދާނެ ކަމެއްކަން، މިކަން ނިމުނީމަ ނޫނީ އެއްވެސް އެއްޗެއް ބުނެވޭކަށް ނެތް،" ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ. "އަހަރެމެންގެ މަސައްކަތް އެއްފެންވަރެއްގައި ބަހައްޓަން ޖެހޭނެ، މެޗުން މޮޅު ވެވުނީމަ އަހަރެމެން މިތިބީ އުފަލުން، ޓީމު ކުރި މަސައްކަތާ މެދު ފަހުރުވެރިވޭ."
މެޗު ފަށިގެން ގެޓާފޭގެ ފަރާތުން ރެއާލްއަށް ވަރަށް ބޮޑަށް އުނދަގޫ ކުރިމަތި ވި އެވެ. ފުރަތަމަ ހާފުގައި ބޮޑަށް ނުރައްކާ ކުރީވެސް ގެޓާފޭއިންނެވެ. ރެއާލްއަށް ކިރިޔާވެސް ހަމަޖެހުމެއް ލިބުނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި މާކޯ އެސެންސިއޯ އާއި ރޮޑްރިގޯ ހޮއިސް ކުޅެން ނުކުތުމުންނެވެ. ގެޓާފެ ކުރިމަތީގައި ރެއާލްއަށް މެޗުގެ އުނދަގޫ ކުރިމަތިވުމުން ޒިދާން ބުނީ އުނދަގޫ ނުއުފުލައި އެއްވެސް ކާމިޔާބެއް ނުހޯދޭނެ ކަމަށެވެ.
"ކުރިން މެޗުގައި އަހަރެމެން ކުޅުނީ އެސްޕަންޔޯލް އާ ދެކޮޅަށް، ލީގްގެ ފުލުގައި އޮތް ޓީމެއް، އެއީ ވެސް ވަރަށް އުނދަގޫ މެޗެއް،" 1-0 މޮޅުވި އެ މެޗަށް އިޝާރާތް ކޮށް ޒިދާން ވާހަކަ ދެއްކި އެވެ. "އުނދަގޫ ނުއުފުލައި ކާމިޔާބެއް ނުހޯދޭނެ."