ލައިފްސްޓައިލް

ކޮލު މަސްތައް ވިރުވުމުން މޫނު ހަތަރެސްކަން ވެއްޖެ

ކޮސްމެޓިކް ސާޖަރީ ހަދައިގެން ސިފަޔަށް ބަދަލު ގެނައުމަކީ މިހާރު ވަރަށް ގިނަ އަންހެނުން ކުރާ ކަމެކެވެ. އެ މީހާ އުފެދިފައިވާ ގުދުރަތީ ސިފަ ކަމު ނުގޮސްގެން ބައިވަރު ފައިސާ ޚަރަދު ކޮށްގެން ތަފާތު ސާޖަރީތައް ހަދައި މޫނުގެ އެކި ތަންތަނަށް ބަދަލު ގެނައުމަކީ ބައެއް މީހުން ވަރަށް ހިތްހަމަޖެހިގެން ކުރާ ކަމެކެވެ. ނަމަވެސް ކޮސްމެޓިކް ސާޖަރީތައް ހަދައިގެން ފަސޭހަވެ އެ ބޭނުންވާ ސިފަ ގެންނަން ވަރަށް ވަގުތު ނަގަ އެވެ. ހަމަ ސާޖަރީ ނިމޭއިރަށް މޫނުގެ ސޫރަ އެ ބޭނުންވާ ގޮތަކަށް ނުހުރެ އެވެ.

އޮސްޓްރޭލިޔާގެ 19 އަހަރުގެ ޒުވާން އަންހެނަކަށް ވެސް ދިމާވީ މިފަދަ ކަމެކެވެ. އޭނާގެ ކޯތާފަތް މަތީގައި މާ ބޮޑަށް މަސް ޖަހާފައި ހުރުމުން އެ މަސްތައް ވިރުވާލަން ހެދި ކޮސްމެޓިކް ސާޖަރީއަކަށް ފަހު އޭނާގެ މޫނު ހަތަރެސްކަން ވިއެވެ.
ސޯފިއާ މަރްކުއިން ވަނީ ޓިކްޓޮކްގައި އޭނާގެ ތަޖުރިބާ ހިއްސާ ކޮށްފަ އެވެ. އަދި ސާޖަރީ އަށް ފަހު އޭނާގެ މޫނު ހުރި ގޮތުގެ ވީޑިއޯއެއް ވެސް އޭނާ ޕޯސްޓްކޮށްފައި ވެއެވެ.

ސޯފިއާ ބުނި ގޮތުގައި އޭނާ ބޭނުންވީ އާއިލާގެ މީހުންނާއި އެކުވެރިން އޭނާގެ މި ސިފައާ ދޭތެރޭ ދެކޭ ގޮތެއް ބަލާލާށެވެ.
މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެގެން އުޅޭ މި ވީޑިއޯގައި އޭނާ ބުނަނީ މޫނަށް ކަށިތަކެއް ހަރައިގެން ފަރުވާއެއް ހޯދި ކަމަށެވެ. އަދި އާއިލާގެ މީހުންނަށް އޭނާ މިކަން ކުރިކަން ނޭނގޭ ކަމަށާއި މި ވީޑިއޯ ޕޯސްޓް ކޮށްގެން އެ މީހުން ބުނާ އެއްޗެއް ބަލަން ބޭނުންވީ ކަމަށެވެ.

ވީޑީއޯ ބަލާފައި ސޯފިއާގެ ބައްޕައަށް ލެވުނީ ނޭވާ ހިފަހައްޓާލެވުނު ތަން ފެނުނެވެ. އޭނާގެ މަންމައަށް ފުން ނޭވާއެއް ލެވުނީ އެވެ. އޭނާގެ ކޮއްކޮ ބުނީ "ވަރަށް ބިރުގަނެއްޖެ" ކަމަށެވެ.

އެހެން ވީޑީއޯއެއްގައި ސޯފިއާ ބުނީ އޭނާގެ މޫނު ހަތަރެސްކަންވީ ހެދި ސާޖަރީގައި މައްސަލައެއް އުޅޭތީ އެއް ނޫނެވެ. އެއީ ސާޖަރީގެ ސަބަބުން މޫނު ދުޅަވެފައި ހުރީމަ ފެންނަ ގޮތެވެ. އަދި މިއީ ވަގުތީ މައްސަލައެއް ކަމަށާއި ދުޅަ ތިރިވީމަ ރީތިވާނެ ކަމަށް އޭނާއަށް ފަރުވާދިން ކްލިނިކުން ބުނެފައިވާ ކަމަށެވެ.

"އަހަރެން ގަސްތުގައި އަހަރެންގެ މޫނު ހަތަރެސްކަން ކުރީކީ ނޫން. އަހަރެން ނެގީ 'ކައިބެލާ' ކިޔާ ފަރުވާއެއް. ކޮލުގައި ހުރި ސަރުބީތައް އިންޖެކްޝަން ޖަހައިގެން ނަގަނީ،" ސޯފިއާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ވަރަށް ގިނަ މީހުން ދެ ދަތްދޮޅި ހުރީމަ ވެސް މި ސާޖަރީ ހަދަ އެވެ. އޭނާގެ ސަރުބީ ހުރީ ކޯމަތީގަ ވީމަ އެ ސަރުބީތައް ނެގީ އެވެ. މިހާރު ހުރި ދުޅަތައް މުޅިން ފިލުމުން މޫނު ވަރަށް ރީތި ވާނެ ކަމަށް ސޯފިއާ އުންމީދު ކުރެ އެވެ.