ކޮވިޑް-19 އާއެކު އޮންލައިން މެދުވެރިކޮށް މާލީ މުއާމަލާތްތައް ކުރަން ވެސް ވަރަށް ފަރިތަ ވެއްޖެ އެވެ. މިކަން އޮތީ ހަމައެކަނި ރާއްޖޭގައި އެކަންޏެއް ނޫނެވެ. މުޅި ދުނިޔޭގައި ވެސް އޮންލައިން މެދުވެރިކޮށް ގޭގައި ތިބެ ފަސޭހައިން ހިދުމަތް ހޯދާ މީހުންގެ އަދަދު އެތަށް ޕަސެންޓެއް އިތުރުވެއްޖެ އެވެ. އިންޓަނެޓް ބޭންކިންގެ ހިދުމަތްތާއި އާއްމުކޮށް މިކިޔާ "އީ-މަނީ" ނުވަތަ "އީ-ވޮލެޓް" އަކީ ޖީބުގައި އޮންނަ ވޮލެޓަށްވުރެ ފަސޭހަ ހިދުމަތްތަކެއްކަން ގިނަ އާއްމުން ދަސްކޮށްފި އެވެ. މި ހުރިހާ ފަސޭހައާއެކު އެކަންކަމާ ގުޅުން ކުށުގެ ވެށި ވެސް ބަދަލުވެފައި ކުށް ކުރުން އިތުރެވެ.
ރާއްޖޭގައި ވެސް ހަރަކާތްތެރިވާ ދުނިޔޭގެ މަޝްހޫރު އޮޑިޓް ފާމްއެއް ކަމަށްވާ ޕްރައިޒް ވޯޓާ ހައުސް ކޫޕާސް (ޕީޑަބްލިއުއެސް) އިން އާއްމުކޮށްފައިވާ ސާވޭ އަކުން ދައްކާ ގޮތުގައި މި އަހަރު ދުނިޔޭގައި ފްރޯޑް އާއި އިކޮނޮމިކް ކްރައިމް އިންތިހާއަށް ވަނީ މަތިވެފަ އެވެ.
ޕީޑަބްލިއުއެސް އިން ބުނެފައިވާ ގޮތުގައި މުޅި ދުނިޔެއަށް ބަލާއިރު ސާވޭގައި ބައިވެރިވި 45 ޕަސެންޓު ކުންފުންޏަށް މިފަދަ ކޮންމެ ވެސް "ހަމަލާ" އެއްގައި ގެއްލުން ވެފައި ވެއެވެ. މުޅި މި ސާވޭ ދައްކާ ގޮތުގައި އިންޓަނެޓުގެ "ވައި ގޮޅި ތަކުން" ވަދެގެން ކުރާ ކުއްތަކުގެ ސަބަބުން މުޅި ދުނިޔެއިން ގެއްލުމުގެ ފައިސާގެ އަަދަދު މި އަހަރު 45 ބިލިއަން ޑޮލަރަށް އަރަ އެވެ.
މި ދިރާސާއަކީ ދުނިޔޭގައި ކުރި ދިރާސާއެއް ނަމަވެސް މިއީ އިންޒާރެކެވެ. މި ފަދަ "ހަމަލާ" ތައް ރާއްޖެ އަށް ނާންނާނެ ހެއްޔެވެ؟ މި ކަމުން ރާއްޖެ ހިމާޔަތްވެފައި ވަނީ ކިހާ ވަރަކަށް ހެއްޔެވެ؟ ހާއްސަކޮށް ކޮވިޑް-19 އާ ގުޅިގެން ހިންގާ "ކޮވިޑް ފްރޯޑް" ގެ މަޅިން ދިވެހިން މި ތިބެވެނީ ސަލާމަތް ވެގެން ހެއްޔެވެ؟
"ރާއްޖެ ފަދަ ކުޑަ އިގްތިސޯދު ތަކަށް މި ފަދަ ހަމަލާތަކުގެ ބިރު ބޮޑު. މިހާރު ވެސް ފިޝިން އީ-މެއިލްތައް [އޮޅުވާލައިގެން ފައިސާ ހޯދާ] އީ-މެއިލްތައް ކެނޑިނޭޅި ދަނީ އަންނަމުން. މިއީ ކުންފުނިތަކާއި އާއްމު ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެއް. ނޫންނަ ބޮޑު އަދަދު ތަކުން ވައްކަން އިތުރު ވެދާނެ،" ރާއްޖޭގެ ބޮޑު ޓެލެކޮމް ކުންފުންޏެއްގެ ސައިބަ ސެކިއުރިޓީ ރައްކާތެރިކަމުގެ ބައިގެ އެންމެ އިސްވެރިއެއްގެ މަގާމު އަދާ ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.
ކޮވިޑް-19 އިގެ ކުރީގައި އޮޅުވާލައިގެން ފައިސާ ހޯދަނީ ފާރަލައި މަގު މަތިން ފޭރިގެނެވެ. ނުވަތަ ވަރަށް އާދައިގެ ގޮތަކަށް ފޯނު ކޯލަކުންނެވެ. އެކަމަކު ވަގުންނާއި ހީލަތްތެރިންގެ ފަލްސަފާ ކޮވިޑް-19 އިގެ ބަލާ އާފާތާ ގުޅިގެން ބަދަލުކޮށްލީ މިހާރު ދުނިޔެ އޮތް ގޮތަށެވެ. އެމީހުން ވެސް ތައްޔާރު ވެއްޖެ އެވެ.
ހެކިން ގްރޫޕްތަކާއި ފައިނޭންޝަލް ފްރޯޑް ހިންގާ ގޭންގުތަކުން މިހާރު މިކަން ބަދަލުކޮށްފައި ވަނީ މުޅިން އެހެން ގޮތަކަށެވެ. ކްރޮސް ބޯޑާ މެދުވެރިކޮށް ނުވަތަ ގައުމުގެ ސަރަހައްދީ ރޮނގުގެ އެތެރޭގައި ތިބެގެން ނަމަވެސް އިންޓަނެޓް މެދުވެރިކޮށް ކުރާ ކުއްތަކުން އާއްމުންގެ އަތުން އެތަށް މިލިއަން ޑޮލަރެއް ދަނީ ފޭރެމުންނެވެ.
"ޕޭޕަލް މެއިލް އިން ކުރާ ސްކޭމް މެއިލް ވެސް އިންނަކީ ހަމަ ރަސްމީ މެއިލްއާ ވަރަށް އެއްގޮތް ގޮތަކަށް. އެހެންވީމަ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެއް. އެ ފަދަ އީ- މެއިލެއް އަންނަ ތަކުން، ކޮށްލެވޭ އެންމެ ކްލިކްއަކުން މުޅި އަތްމަތި އެއްކޮށް ހުސް ވެދާނެ ނުރައްކަލެއް މިއީ،" އޭނާ ވިދާޅުވި އެވެ.
އިންޓަނެޓު މެދުވެރިކޮށް ހިންގާ ފޭރުންތައް "ކޮވިޑް ފްރޯޑް" ގެ ނަމުގައި ދުނިޔޭގެ މަޝްހޫރު ވެފައިވާއިރު، ގިނަ ގައުމުތަކެއްގެ ސަރުކާރުން ތަކުން ދަނީ މި ކަމަށް ސަމާލުވެ ތިބެން އިންޒާރު ނެރެމުންނެވެ. އެންމެ ފަހުން މިފަދަ ސަމާލުކަމުގެ އިންޒާރެއް ނެރެފައިވާ އެއް ގައުމަކީ ނިއު ޒިލޭންޑެވެ. އެ ގައުމުގެ ހިއްސާގެ ބާޒާރުގެ ބެލެނިވެރި ފަރާތް ކަމަށްވާ ދަ ފައިނޭންޝަލް މާކެޓް އޮތޯރިޓީ (އެފްއޭ) އިން ނެރެފައިވާ ސަމާލުވުމުގެ ނޯޓިހެއްގައި ވާގޮތުން މަނީ ރެމިޓަންސް ނުވަތަ ފައިސާ ފޯރުކޮށް ދިނުމުގެ ހިދުމަތްތައް މެދުވެރިކޮށް ސްކޭމްތަކެއް ހިންގަން ބަޔަކު މަސައްކަތްކުރާކަން ވަނީ ފާހަގަ ވެފަ އެވެ.
ނައިޖީރިއާގައި އޮޅުވާލައިގެން ފައިސާ ހޯދަން ކުރާ ކޯލްތައް 300 ޕަސެންޓް މި ކޮވިޑްގެ ހާލަތާ ގުޅިގެން އިތުރުވެފައިވެ އެވެ. އެކަން ހާމަ ކުރީ އެ ގައުމުގެ އެޓާނީ ޖެނެރަލެވެ. އޮޅުވާލައިގެން ފައިސާ ފޭރުމުގެ ކޮވިޑް ފްރޯޑުގެ 188,000 މައްސަލައެއް ދުނިޔޭގެ އެންމެ ބޮޑު އިގްތިސޯދު ކަމަށްވާ އެމެރިކާގައި ވަނީ ހިންގާފަ އެވެ. މި ފަދަ ހަމަލާތަކުގައި އެމެރިކާއިން ގެއްލުނު ފައިސާގެ އަދަދު 130 މިލިއަން ޑޮލަރަށްވުރެ މައްޗެވެ. މިދިޔަ ބުރާސްފަތި ދުވަހު އެކަނި އެމެރިކާގެ ވާޖީނިއާ ސްޓޭޓުން މިގޮތަށް ގެއްލުނު ފައިސާގެ އަދަދު ދެ މިލިއަން ޑޮލަރަށް އަރަ އެވެ.
ބީއެމްއެލް މައްސަލަ އިންޒާރެއްތަ؟
ކޮވިޑް ފްރޯޑް ނުވަތަ އިންޓަނެޓު މެދުވެރިކޮށް މި ހާލަތުގައި ފޭރެން ހިންގާ ޒާތުގެ ހަމަލާ ތަކެއް ދާދި ދަހުން ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ވެސް އިހުސާސް ވެފަ އެވެ. އެ ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓް ތަކުން ގިނަ އަދަދެއްގެ ފައިސާ ކަނޑާފައިވާ ކަމަށް މީހުން ސޯޝަލް މީޑިއާގައި ޝަކުވާ ކުރި އެވެ. ބޭންކުން ވަނީ އެކަން ހިންގާފައި ވަނީ އެ ބޭންކުގެ ސިސްޓަމްގެ ތެރެއިން ނޫންކަން ޔަގީންކޮށް ދީފަ އެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ފޭކް އީ-މެއިލް ތަކުގެ ސަބަބުން އެކައުންޓް ތަކުން ގޮތް ނޭނގޭ މުއާމަލާތް ތަކެއް ހިންގަމުން ދެއެވެ. އެހެންވެ އެކަމަށް ސަމާލުވެ ތިބެން ޖެހެ އެވެ.
"ގޮތް ނޭގޭ އީމެއިލް އަދި ކާކުކަން ނޭގޭ ފަރާތްތަކުން ފޮނުވާ އީމެއިލަށް ޖަވާބު ނުދެއްވުމަށާއި މިފަދަ އީމެއިލްތަކުގައި ހުންނަ ލިންކްތައް ބޭނުން ނުކުރުމަށް ކަސްޓަަމަރުންނަށް ތަކުރާރުކޮށް އިލްތިމާސް ކުރަން،" ސައީދު ވިދާޅުވި އެވެ.
މިއީ ކިހިނެއް ހިންގާ ކަމެއް ހެއްޔެވެ؟ މިކަމާ ދުނިޔޭގައި ހިންގާ ކޮވިޑް ފްރޯޑްއާ ގުޅުމެއް އެބައޮތް ހެއްޔެވެ؟ އެމެރިކާ ފަދަ ގައުމުތަކުން މިލިއަން ޑޮލަރުން ފައިސާ ގެއްލޭއިރު، ދިވެހިންނަށް މި ބިރު އޮތީ ކިހާ ވަރަށް ހެއްޔެވެ؟
ރާއްޖޭގައި މިފަދަ މައްސަލަތައް މިހާރު ހިންގާ ވަރާއި ގޮތުގެ މައުލޫމާތު ހޯދަން ފުލުހުންނަށް ގުޅުމުން މިހާތަނަށް މައުލޫމާތެއް ލިބިފައި ނެތްނަމަވެސް މީގެ ކުރިން ވެސް ރާއްޖޭގައި މިފަދަ ފްރޯޑުތައް ހިންގާފައި އެބަހުއްޓެވެ. އަދި އެފަދަ ކަންކަމަށް ސަމާލުވާން ފުލުހުން ވެސް އިލްތިމާސް ކޮށްފައިވެ އެވެ.
ކޮވިޑް ފްރޯޑުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު، މީގައި އެންމެ ބޮޑު ބިރަކީ އިންޓެންޓް މެދުވެރިކޮށް ހިންގާ މުއާމަލާތްތަކުގައި ތިމާގެ މާލީ ސެކިއުރީޓީއާ އެންމެ ގުޅުން ހުރި ސިއްރުތައް އެހެން ބަޔަކަށް ދިއުމުގެ ބިރު އޮތުމެވެ. މިއީ މީހަކު އަތަށް ވޮލެޓާއި ކޭޝް ކާޑުގެ ޕިން ދިނުން ފަދަ ކަމެކެވެ.
އޮޅުވާލައިގެން އެކި ތަންތަނުގެ ނަމުގައި އެކި ފަރާތްތަކުގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ މައުލޫމާތު ހޯދުމަކިީ މިހާރު އާއްމު ކަމެވެ. މިގޮތުން އީމެއިލް މެދުވެރިކޮށް ބައެއް ފަރާތްތަކަށް އޮޅުވާލައިގެން އޮންލައިން ޕްލެޓްފޯމްތަކުގައި ބޭނުން ކުރާ އެކައުންޓްތައް އެކައުންޓްގެ މައުލޫމާތު ހޯދަ އެވެ. ސައްހަ ނޫން ވެބްސައިޓް ނުވަތަ އެފަދަ ވެބްސައިޓްތަކުގެ ލިންކް ވެސް އީމެއިލް މެދުވެރިކޮށް ފޮނުވައިގެން މިފަދަ މައުލޫމާތު ހޯދަން ބޭނުންކުރެ އެވެ.
"ބައެއް ފަހަރު އަތުވެ ދާނެ މެސެޖެއް އަހަރެންގެ ފޯނުގެ ވަޓްސްއެޕްގެ އޯޓީޕީ އޮޅިގެން ތިޔަ ފޯނަަށް ގޮސްފިއޭ ފޮނުވައި ދޭށޭ. އެ މެސެޖު ފޮނުވާ ހިސާބުން ވަޓްސްއެޕް ފަދަ އެކައުންޓްތަކުގެ ކޮންޓްރޯލް ވެސް އެ މީހަކަށް ގެއްލޭނެ. މިފަދަ ހާލަތްތަކުގައި ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެ މެސެޖު ފޮނުވި ނަންބަރަށް ގުޅާލުން. އެ ވެދާނެ ރަހުމަތްތެރިއަކަށް ވެސް. ހަގީގަތުގައި އެ މީހަކަށް ވެސް ނޭނގޭނެ އެ ނަމްބަރު ބޭނުން ކުރާ ކަމެއް."
މިއީ ސަމާލުވާން ޖެހޭ ކަމެކެވެ؛ ވޮލެޓު ޖީބުގައި އޮތަސް އަތްމަތި އެއްކޮށް މިހާރު ހުސްކޮށްލެވި ދާނެ އެވެ. އެ ހާލަތުގައި އަތުގައި އޮންނަ ކޭޝް ކާޑު ވާނީ ހަމަ ހުސް ޕްލާސްޓިކް ކޮޅަކަށެވެ. ބިރަކީ މިއީ އެވެ. އިންޓަނެޓުގެ "ވަގު ދޮރުތަކުން" ވަދެ ވައްކަން ކުރުން އާއްމު ވެއްޖެ އެވެ. އެންމެން މިކަމަށް ސަމާލުވެ ތިބޭށެވެ.