ކޮލަމް

އިމެއް ނެތް ޑިމޮކްރަސީ: ހުރިހާ ދައްޗެއް ސަރުކާރުތަކަށް!

Jul 4, 2020
8

ދިގު 30 އަހަރުގެ ވެރިކަމުގެ ވާހަކައިން ދިވެހިން ޑިމޮކްރަޓިކީ ކިހާވަރަކަށްތޯ ފަށަމާ ހިނގާށެވެ. ޑިމޮކްރަސީ އަކީ ކުރު ގޮތަކަށް ދަންނަވާނަމަ "ގާނޫނީ ހުކޫމަތު" ގެ ވެރިކަމެއް ހިންގުމަށް ކިޔާ ނަމެއް ކަމަށް މި ފަހަރު ބުނަމާ ހިނގާށެވެ. ޑިމޮކްރަސީގެ މާނަ އެކި މީހުން އެކި ފަހަރު އެކި ގޮތްގޮތަށް އެބަޔަކު ބޭނުންވާ މަގްސަދެއް ހާސިލް ކުރުމަށް ބޭނުންކުރާ ލަފުޒަކަށް ހަދަމުންދާތީ އެވެ.

ކުރީގެ ރައިސް މައުމޫނުގެ ޒައާމަތުގައި ގާނޫނީ ހުކޫމަތު ވަރަށް ވަރުގަދަޔަށް ހިންގެވި އެވެ. އެއިރުގެ ގާނޫނޫނީ ހުކޫމަތުގައި ގިނަ ސިޔާސީ ޕާޓީ ހެދުމަކީ ހުއްދަ ކަމެއް ނޫނެވެ. އެހެނީ އެއީ އެއްމެ ޕާޓީއަކުން ސަރުކާރުން ހިންގަން ކަނޑައަޅާފައިވާ ނިޒާމަކަށް ގާނޫނުއަސާސީ ބައްޓަން ކުރެވިފައި އޮތުމެވެ. އަދި ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން އޮތީ ވަކި މިންގަނޑެއްގެ ތެރޭގައި ނުވަތަ ވަކި ހުދޫދުތަކެއްގެ ތެރޭގައެވެ.

އެހެންކަމުން އެއިރުގެ ގާނޫނާ ޚިލާފަށް އެފަދަ ޕާޓީތައް ހަދައިގެން އުޅުމާއި ހަދަން އުޅުމަކީ އެދެވިގެންވާ ކަންކަމެއް ނޫނެވެ. އަދި ޒިންމާދާރު ކަމެއް ނެތް ގޮތުގައި ޚިޔާލުފާޅު ކުރުމަކީ އަމުދުން އެދެވިގެންވާކަންކަމެއް ނޫނެވެ. އެފަދަ ހާލެއްގައި ދުލަށް އައިހައި އެއްޗެއް ކިޔުމަކީ ވާނެ ކަމަކަށް ނުވާތީ އެއީ އެއްވެ ވާހަކަދައްކައި ޖަލްސާ ބޭއްވުމަށް ވެސް އޮތް ހުރަހަކެވެ. ނަމަވެސް އެއީވެސް ދުނިޔޭގައި މިއަދުވެސް ހިންގަމުން އަންނަ އެއްޕާޓީން ވެރިކަން ހިންގުމުގެ ވައްތަރެއްގެ ސިޔާސީ ނިޒާމެކެވެ.

އެ ނިޒާމުގައި ގާނޫނުގައިވާ ކަންކަމާ ޚިލާފަށް ކަންކަން އެއްވެސް ބަޔަކު ހިންގައިފިނަމަ އެބަޔަކަށް އެއިރު ދެމި އޮތް ގާނޫނުގެމަ ތީން ފިޔަވަޅު އެޅިގެން ދެއެވެ. ގާނޫނުތައް ވުޖޫދަށް ގެނެވެނީ ވެސް ހަމަތައް ކަނޑައެޅުމަށެވެ. ހަމަތައް ކަނޑައަޅަން ޖެހެނީ މުޅި މުޖްތަމައުގެ މަސްލަހަތުގެ ފައިދާއަށެވެ. އެއީ އެކަން ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ބަލައިގެންފައިވާ ގޮތެވެ.

އެފަދަ ގާނޫނީ ހުކޫމަތެއްނެތި އިންސާނުންނަށް ހަމަޖެހުމާއެކުއެއް ނޫޅެވޭނެ އެވެ. އެހެން ކަމުން އެއްމެންގެ މަސްލަހަތަށް ހަދަންޖެހޭ ގާނޫނުތަކަކީ ސިޔާސީ އިލްމާއި، ގާނޫނީ އިލްމާއި، މުޖްތަމައުގެ އިލްމާއި، އިގްތިސޯދީ، ތާރީހީ އަދި ސަގާފީ އިލްމުގެ އިތުރަށް ވެސް ކަންކަން ހަމަކޮންމެހެން އުނގެނި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކުން ހަދާ ގާނޫނތަކަށް ވާންޖެހެ އެވެ. އެހެން ނޫންނަމަ ނަމެއްގައި ހަދާ ގާނޫނެއް ނުވަތަ ނަމެއްގައި ހުރި ގާނޫނު ހަދާ މަޖުލިހެއްގެ ބޭނުމެއް ރައްޔިތުންނަކަށް ނޯންނާނެ އެވެ.

އެކަމަކު ކުރީގެ ރައީސް މައުމޫން ހިންގެވި ނިޒާމުގައި ވެސް ބިނާ ކުރުވަނިވި ފާޑު ކިޔުމަކަށް އެއްވެސް ހުރަހެއް ނޯވެ އެވެ. ކަމެއް ރަނގަޅަށް ގެންދެވުމަށް މަޝްވަރާ އެރުވެ އެވެ. އަދި ހިޔާލުވެސް ފާޅު ކުރެވެ އެވެ. ނަމަވެސް ވަކި މިންގަނޑެއްގެ ތެރޭގަ އެވެ. ދޭދޭ މީހުންނަކަށް މަޝްވަރާ ކުރަން އެއްވެސް ހުރަހެއް ނެތެވެ.

ނަމަވެސް ރާއްޖެ ކުރިއަރަމުން ބަދަލުވަމުން އައުމުގެ ނަތީޖާއެއްގެ ގޮތުން އުއްމީދުތައް މަތިވެ ނިޒާމީ ބަދަލުތަކަށް އިންތިހާއަށް ބޭނުންވާ ތަފާތު ފަންތިތަކެއް އުފެދުމުގެ ނަތީޖާއެއްގެ ގޮތުން އެއިރުގެ ސިޔާސީ ނިޒާމު، ކުރީގެ ރައީސް މައުމޫން އެއިރު ގާނޫނުގައި އޮތް ވަރަށްވުރެ އިންތިހާއަށް ފުޅާ ކުރުމަށް ފުރުސަތު ހުޅުވާލައްވައި އެއްމެން ވެސް އެއްވެ ބަހުސް ކުރަމުން ގެންދެވުމަށް ޖޫން 9، 2004 ގައި އިއުލާނު ކުރައްވައި އަދި އެކަމަށް ބޭނުންވާ ގާނޫނުތައް ހެދުމުގެ މަސައްކަތްޕުޅު ފެއްޓެވިއެވެ.

އިމެއް މިނެއް ނެތި ހިޔާލުފާޅު ކުރަން ފުރުސަތު ދެއްވުމުން އެމަނިކުފާނުގެ ޒައާމަތުގައި ރައްޖޭގެ ކުރިއެރުމަށް މާނަވީ އެއްވެސް ކުރިއެރުމެއް ގެނެސްފައި ނުވާކަމުގެ ތުހުމަތާއި ހުދުމުތާރު ކަމުގެ އިލްޒާމް އެމަނިކުފާނުގެ އިސްތަށިފުޅުގައި އެއްބަޔަކު އެޅުވި އެވެ. އަނެއްބަޔަކު އެމަނިކުފާނު ގައުމު އާރާސްތުކުރެއްވުމަށް ކުރެއްވި ގިނަގުނަ މަސައްކަތްޕުޅު ބަލައިގަތެވެ. ދިގުމުއްދަތެއްގެ ވެރިކަމެއް ރިސޯސް މަދު ގައުމެއްގައި ބިނާ ކުރެއްވުމުގެ ބުރަ މަސައްކަތް އެންމެ ފަހުން ރައްޔިތުންގެ އުއްމީދުތައް އިންތިހާއަށް މަތިވިވީނުން ގޮސް ބދަލަކަށް އެދެން ފެށެވި ވާނުވާގައި އެމަނިކުފާނުގެ ވެރިކަން ބަދަލުވެގެން ދިޔަ އެވެ.

އެމަނިކުފާނު 2004 ގެ ޖޫން މަހު ގާނޫނުތަކަށް ގެންނަވަން ފެއްޓެވި ބަދަލުތައް 2008 ގެ އިންތިހާބުގެ ކުރިން ތަސްދީގު ކުރެއްވި އެވެ. އަދި ބައެއް ގާނޫނުތައް އެއިގެ ކުރިން ވެސް ނިންމަވައި މިސާލަކަށް، ގިނަ ސިޔާސީ ޕާޓީ ހެދުން 2005 ގެ ޖޫންގައި އަދި އެއިގެ ކުރިން އެއްވެ އުޅުމުގެ މިނިވަން ކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ގެނެސް ދެއްވި އެވެ.

ޑިމޮކްރަސީގެ މިންވަރު ގާނޫނުތެރެއިން ފުޅާކޮށްލުމުން ގައުމު ބައިބައިވެގެން ދިޔައެވެ. އަދި ފުރުސަތަށް އެދިއެދި ތިބި އުއްމީދު މަތި ފަރާތްތަކުން ހިންގި ހަރަކާތްތައް ޑިމޮކްރަސީއަށް އޮބިނޯވެ ހަމަނުޖެހުމަކަށް ބަދަލުވެ އެކަން ގާނޫނުން ހުއްޓުވަން ކުރެވޭނެ މަސައްކަތް މަޑުޖެހިގެންދިޔަ އެވެ. ނަތީޖާއަކީ އިންތިހާއަށް ނަފުރަތު އުފެދުމާއި ބައިބައިވުމާއި އެތައް ހަމަނުޖެހުމަކަށް މަގުފަހިވެގެން ދިޔުމެވެ. އަދި ދިވެހިންގެ އުއްމީދު ކޮންމެ ދުވަހަކުހެން މަތިމިވާ މިންވަރަށް ހައްލު ނުގެނެވި އެއިރުއްސުރެ މިއަދާ ހަމައަށްވެސް މި މާހައުލު މިއޮތީ އެގޮތަށެވެ.

ދެހާސް އަށެއްގައި ފުރަތަމަ ޑިމޮކްރަސީގެ ނަމުގައި ގެނެވުނު "ބަދަލު ސަރުކާރު" ރައްޔިތުންގެ ގިނަ ބަޔަކަށް ކަމުނުގޮސްގެން އެ ސަރުކާރު ގެ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި އެއިރުގެ ނައިބު ރައިސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައިސްކަމާ ހަވާލު ކުރއެއްވި އެވެ. އިމެއް މިނެއްނެތި މަތިވެފައިވާ އެދުންތައް ހައްލު ކުރައްވަން ގާނޫނީ ހުކޫމަތު ދަމަހައްޓަވަން އެމަނިކުފާނަށް ވެސް އިންތިހާއަށް ދަތިވި އެވެ. އަދި އެކަމުގެ ތެރޭގައި އެތައް ހަމަނުޖެހުމަކަށް މަގުފަހިވެގެން ދިޔައެވެ. ހައްގު ނޫން އެތައް އިލްޒާމެއް އެމަނިކުފާނުގެ އިސްތަށިފުޅުގައި ވެސް އެޅުއްވިގެން ދިޔައެވެ.

ދެހާސް ތޭރައި ގެނެވުނު ވެރިކަމަށް ވެސް އިމެއް މިނެއްނެތް ޑިމޮކްރަސީ ވީ އިންތިހާއަށް ދަތިތަކާ ކުރިމަތިކުރުވި ސަރުކާރަކަށެވެ. ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮބި ނޯވެ ކޮންމެވެސް ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެ އެއިގެ ބޭނުންތެރިކަން ފެނި ހާމަ ވެގެން ދިޔަވެސް މެއެވެ. އެއީ ނަފުރަތާއި ހަމަނުޖެހުމަށް އިންތިހާއަށް މަގުކޮށިގެން ދިއުމުންނެވެ. އަދި ބައެއް ނޭދެވޭ އެތައް ކަމަކަށް އެއްވެސް ފިޔަވަޅެއް އެޅިގެން ގޮސްފައި ނުވާކަން ވެސް ފާހަގަ ކުރަންޖެހެއެވެ.

މިހާރުގެ ސަރުކާރުގައި މިވީހާތަނުގައި ފެނިގެންގޮސްފައި މިވަނީ ހަމަ މިދެންނެވި އިމެއް މިނެއް ނެތް ހިޔާލުފާޅު ކުރުމާއި މީޑީއާގެ މިނިވަންކަން ކުރިއަށް ގެންދިއުމަށް ޖޫން، 2004 ގައި ދިން ފުރުސަތުގެ ދަށުން ހިންގަމުން އަންނަ ނޭދެވޭ ކަން ކަމަށް ފިޔަވަޅުތަކެއް އަޅަން މަސައްކަތް ކޮށް އަދި ބައެއް ފިޔަވަޅުތައް އަޅުއްވަމުންދާތަނެވެ. އެންމެ ފަހުންވީ މިއަދު ސަރުކާރުގެ ކަންކަންދާގޮތާދޭތެރޭ ރައްޔިތުން ހިތްހަމަނުޖެހި ރައްޔިތުންގެ މަޖުލިސް ދޮށަށް އެއްވި ފަރާތްތައް އިންސާނީ ކަރާމާތް ގެއްލޭ ގޮތަށް އަނެއްކާވެސް ހުއްޓުވަން ފިޔަވަޅުތަކެއް މިވަނީ އަޅާފައެވެ.

ސުލްހަވެރިގޮތުގައި ރައްޔިތުން ބޭނުންތާކު ކުރާ އިހުތިޖާޖުތައް އެއްވެސް ހިފެހެއްޓުމެއް ނެތި ކުރަން ޖާގަ ގާނޫނުއަސާސީގަ ލިބިދީފައި އޮތަސް ވެސް މިއަދުވެސް އަދިވެސް އަމަލީ ގޮތުން މިވަނީ އެ ހައްގު ނުލިބިއެވެ. ދިވެހިރާއްޖޭގައި ސުލްހަވެރި ކަމާއެކު ހިޔާލުލުފާޅު ކުރުމާއި އިހުތިޖާޖު ކުރުން ކަށަވަރުކޮށް ދިނުމަކީ ގާނޫނުއަސާސީން ސަރުކާރުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއްކަން ކަށަވަރުކޮށްދޭން ޖެހެއެވެ. ހަމައެއާއެކު ފިތުނަ އާއި، ރުޅިވެރިކަމާއި ނަފްރަތު އުފައްދާ ކަންކަމަށްވެސް ފިޔަވަޅު އަޅުއްވައި ގައުމުގެ ސުލްހަމަސަލަސްކަން ވެސް ކަށަވަރު ކޮށްދޭން ޖެހެ އެވެ.

އެޑިޓަރުގެ ނޯޓް: މި ލިޔުން ލިޔުއްވެވި މުޙައްމަދު ފަރުޙާދަކީ ޚާރިޖީ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވެވި އަދި ފަހުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހާއި، ބައިނަލްއަގުވާމީ މަސްރަހާއި އަދި މުޖްތަމައުގެ ތަފާތު އެކި މައްސަލަތައް ދިރާސާ ކުރައްވާ ބޭފުޅެކެވެ. އިންޑިއާގެ އޮޒްމޭނިއާ ޔުނިވަސިޓީން ސިޔާސީ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ސިޔާސީ ދާއިރާއިން މާސްޓާސް ހޯއްދަވާފަފައި ވެއެވެ.