ބޭރު ކުޅިވަރު

ކަސިޔަސް، ޒަވީ ނަގައި ފަހަތަށް އެއްލާލައިފި

Oct 1, 2015

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ މަގާމުގައި ހުރި ސްޕޭނުގެ ޒަވީ ހަނާންޑޭޒްގެ މަގާމު ސްޕެއިންގެ ކީޕަރު އިކާ ކަސިޔާސް އަތުލައިފި އެވެ.

މުބާރާތުގައި ރޭ ޕޯޓޯ އަތުން 2-1އިން ޗެލްސީ ބަލިކުރި މެޗާއެކު ކަސިޔަސް މުބާރާތުގައި ކުޅުނު މެޗުތަކުގެ އަދަދު ވަނީ 152 އަށް އަރައިފަ އެވެ. ގަތަރު އަލްސާދަށް މިހާރު ކުޅެމުން އަންނަ ބާސެލޯނާ އާއި ސްޕޭނުގެ ކުރީގެ މިޑްފީލްޑަރު ޒަވީ ކުޅެފައިވަނީ 151 މެޗެވެ.

މި މުބާރާތުގައި އޭނާ އެންމެ ފުރަތަމަ މެޗެއް ކުޅުނީ 1999 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ރެއާލް މެޑްރިޑާއި އޮލިމްޕިއާކޯސް 3-3އިން އެއްވަރުވި މެޗުގަ އެވެ. އެއިރު އޭނާގެ އުމުރަކީ 18 އަހަރެވެ. މިހާރު އުމުރުން 34 އަހަރުގެ ކީޕަރު ކުޅުނު 152 މެޗުގެ ތެރެއިން 150 މެޗު ކުޅުނީ ވެސް ރެއާލް މެޑްރިޑުގަ އެވެ. އޭނާ ޕޯޓޯ އަށް ބަދަލުވީ މި ސީޒަނުގަ އެވެ.

2010ގެ ވޯލްޑް ކަޕާއި 2008 އަދި 2012 ވަނަ އަހަރު ޔޫރޯ ސްޕޭނަށް ކާމިޔާބުކޮށްދިން ކެޕްޓަން ކަސިޔަސް ވަނ މިހާތަނަށް ތިން ފަހަރަކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެއީ 2000، 2002 އަދި 2014ގަ އެވެ.