ޑރ. މުހައްމަދު ޖަމީލް އަހުމަދު

"ހިނގާބިނގާވެ އުޅެން ޔާމީނަށް އުނދަގޫ"

ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސް ކަމަށާ އެ މަނިކުފާނަށް ހިނގާބިނގާވެ އުޅެން އުނދަގޫ ހާލަތަކަށް ގޮސްފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އެ މަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގަ އެވެ.

އެންމެ ފަހުން ބޭއްވި އެމަނިކުފާނުގެ އިސްތިއުނާފު ޝަރީއަތްތަކުގައި ބަލި ހާލަތުގެ ވާހަކަތައް ރައީސް ޔާމީން ވަނީ ވިދާޅުވެފައި ވެއެވެ. އެމަނިކުފާނު ވިދާޅުވީ ތަހުގީގަށް ހައްޔަރު ކޮށްފައި ބެހެއްޓި އެއްމަސް ދުވަހުގެ ތެރޭގައި ނަފްސާނީ މައްސަލަތަކާއި ހިތުގެ މައްސަލައެއް ކުރިމަތިވި ކަމަށެވެ.

އޭރު ބަންދުން ދޫވުމުން އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް ދެއްކެވި ކަމަށާއި އެ ތަނުގެ އެންމެ އިސް ޑޮކްޓަރުން ލަފާ ދެއްވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަން ކަމަށް ރައީސް ޔާމީން އޭރު ވިދާޅުވި އެވެ. އަދި އޭރު ވިދާޅުވީ ހިތުގެ އެ ބައްޔަށް ދޭނެ ފަރުވާއެއް ރާއްޖޭގައި ނެތް ކަމަށާއި އެ ޓެސްޓްތައް ވެސް ހެދެން ނެތް ކަމަށެވެ.

އޭގެ އިތުރުން އެމަނިކުފާނުގެ މައިބަދައިގެ ކަށިގަނޑެއް ގުޑާފައިވާ ކަމަށާއި އެ އޮޕަރޭޝަން ވެސް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އެ އޮޕަރޭޝަން ކުރައްވަން ވެސް ބޭނުންފުޅު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

އޭރު ރައީސް ޔާމީން ވިދާޅުވީ ބަންދުން ދޫވެ، ޝަރީއަތް ކުރިއަށް ދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ބާރަބަރަށް ޑޮކްޓަރަށް ދައްކަވަމުން ގެންދެވި ކަމަށާއި ނަމަވެސް މިހާރު ޑޮކްޓަރަށް ނުދެއްކޭ ކަމަށެވެ. އަދި އެ ނުވަ މަސް ތެރޭ ރާއްޖެއިން ބޭރަށް ވަޑައި ނުގެންނެވީ ކޯޓުގެ ހުއްދައާއެކު ވަޑައިގެންނެވި ނަމަވެސް ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނު ފިއްލެވީ ކަމަށް ދެކޭނެތީ އެ ފުރުސަތު ނުދެއްވުމަށް ކަމަށެވެ.

މިއަދު އަވަސްގެ ހެނދުނުގެ ޝޯ "ފަށަމާ" ގައި ރައީސް ޔާމީންގެ ގާނޫނީ ޓީމް ލީޑު ކުރައްވާ ޖަމީލް ވަނީ ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. މިއީ ރައީސް ޔާމީން ޖަލަށްލެވުނު ފަހުން އެމަނިިކުފާނުގެ ގާނޫނީ ޓީމުން އެމަނިކުފާނުގެ ހާލުކޮޅާ ގުޅޭގޮތުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީން ބެއްލެވި ޑޮކްޓަރުން ވިދާޅުވި ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ނަމަވެސް ޑޮކްޓަރުންގެ ލަފާގެ މަތިން ކުރަންޖެހޭ ކަންކަން ކުރައްވަމުން ނުގެންދަވާ ކަމަށެވެ. އޭގެ ސަަބަބުން ރައީސް ޔާމީނަށް މިއަދު ޖިސްމާނީ ގޮތުން ވެސް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ.

"ރައީސް ޔާމީނަށް މިހާރު ވަނީ ޖިސްމާނީ ވަރަށް ބޮޑެތި ގެއްލުން ލިބިފައި. މިސާލަކަށް މިހާރު ހިނގާބިނގާވެ އުޅެން ވެސް އުނދަގޫ. އަޅުގަނޑަށް މީގެ ދެތިން ދުވަސް ކުރިން ކުރެއްވި ފޯން ކޯލްގައި ވެސް އެހެން ވިދާޅުވީ މިހާރު ހިނގަން ވެސް އުނދަގޫވާ ކަމަށް. އަޅުގަނޑުމެން އެބަޖެހޭ ދެއްތޯ އިންސާނިއްޔަތުކަން ވެސް ދައްކަން. އަދި އިސްތިއުނާފުގެ މަރުހަލާ ވެސް މި އުޅެނީ ނުނިމިގެން. ރާއްޖޭގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެއް މިއީ،"

ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޖަލު ހުކުމްތައް އިއްވި ސިޔާސީ ބޭފުޅުން ގިނައިން ތިއްބެވީ ގޭގައި ކަމަށެވެ. އަދި ޑޮކްޓަރުންގެ ލަފާގެ މަތިން ކަންކަން ކުރައްވަމުން ގެންދެވި ނަމަވެސް މި ސަރުކާރުން ރައީސް ޔާމީނާމެދު އެ ގޮތަށް އަމަލު ކުރަމުން ނުގެންދާ ކަމަށެވެ. އެކަމުގެ ސަބަބުން ރައީސް ޔާމީން މިއަދު އުޅުއްވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް މިހާރު ވަނީ ޖިސްމާނީ ވަރަށް ބޮޑެތި ގެއްލުން ލިބިފައި. މިސާލަކަށް މިހާރު ހިނގާބިނގާވެ އުޅެން ވެސް އުނދަގޫ. އަޅުގަނޑަށް މީގެ ދެތިން ދުވަސް ކުރިން ކުރެއްވި ފޯން ކޯލްގައި ވެސް ވިދާޅުވީ މިހާރު ހިނގަންވެސް އުނދަގޫވާ ކަމަށް.
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ރައީސް ޔާމީންގެ ގާނޫނީ ވަކީލް

ރައީސް ޔާމީން ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވީ އެމަނިކުފާނު "ސްޓްރެސްފްރީ" މާހައުލެއްގައި ބެހެއްޓުމަށް ކަމަށާ އެއީ ރާއްޖެއިން ބޭރަށް ފޮނުވުން ނޫން ކަަމަށް ޖަމީލް ވިދާޅުވި އެވެ. އަދި ރާއްޖެއިން ބޭރަށް އެމަނިކުފާނު ފޮނުވަން މަސައްކަތް ކުރުމުގެ ބޭނުމަކީ އެހެން އިލްޒާމެއް އެޅުވުން ކަމަށް ތުހުމަތު ކުރެއްވި އެވެ.

"އެ މާހައުލަކީ ކޮންމެހެން ބޭރަށް ދިއުމެއް ނޫން. އެ މާހައުލަކީ ގެއަށްވިޔަސް ނުވަތަ ރައީސް އެދިވަޑައިގަންނަވާ ތަނަކަށް ބަދަލު ކޮށްދިނުން. އެކަން ކުރައްވަން މި ބޭފުޅުން ބޭނުމެއް ނުވޭ. އެހެންވީމަ ހޯމް މިނިސްޓަރުގެ އަދި ސަރުކާރުގެ ނިޔަތެއް ވެސް ރަނގަޅެއް ނޫން. މި ކުރަން އުޅޭ ކަމަކީ ބޭރަށް ގޮސްފިޔޭ، ފިލައިފިޔޭ މި ޓެގް އަޅުވަން އިނގޭތޯ،"

ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމްގެ އިސްތިއުފާ ކުރިއަށްދާ ގޮތެއް ނުވާ ކަމަށާ އެކަން ނުވެ އުޅެނިކޮށް ރައީސް ޔާމީނަށް ބޭރަށް ވަޑައިނުގެން ހުންނެވީ އަމިއްލަފުޅަށް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވުމަކީ ދަށު ކޯޓުން ޝަރީއަތް ހިންގި ގޮތާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

ދަށު ކޯޓްގެ ހުުކުމްގައި "މާ ސިންގާ ބޮޑު" ޖޫރިމަނާއެެއް ވެސް ދެއްކުމަށް އަންގާފައިވާ ކަމަށާ އެހެން ކަމަށްވީއިރު ރައީސް ޔާމީން ބޭރަށް ފޮނުވައިގެން އެ ހުކުމް ތަންފީޒު ކުރާނީ ކިހިނެތްތޯވެސް ޖަމީލް ސުވާލު ކުރެއްވިއެވެ. ހޯމް މިނިސްޓަރުގެ މި ވާހަކަތަކުންވެސް ދަށު ކޯޓުގެ ޝަރީއަތް ހިނގާގޮސް ހުކުމް ކުރި ގޮތް ގޯސްކަން ހާމަވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

2023 އިގެ އިންތިހާބުގައި ޔާމީން ވާދަކުރައްވާނެ

ޖަމީލް މި އަދުވެސް ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ޔާމީން މިނިވަންވެ ވަޑައިގަންނަވާނެ ކަމަށެވެ. ދަށު ކޯޓްގެ ޝަރީއަތް ކުރިއަށް ދިޔަ ގޮތާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށާ އިސްތިއުނާފު މަރުހަލާގައި ރައީސް ޔާމީނަށް އިންސާފު ލިބޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

"އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ހައިކޯޓުން އިންސާފުގެ މަގުން މައްސަލަ ކުރިއަށް ގެންދަވައިފިނަމަ އެމަނިކުފާނު [ރައީސް ޔާމީން] ބަރީއަވެވަޑައިގަންނަވާނެ. އެހެންވީމަ 2023 ގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ޔާމީން ހުންނަވާނެ،"

ޖަމީލް ވިދާޅުވީ ދަށު ކޯޓުގެ ހުުކުމް އައީ މުޅި މައްސަލަ ބެއްލެވި ފަނޑިޔާރު، ހުކުމް ކުރަން އޮތް ދުވަހު މަގާމުން ވަކިކޮށްގެން ކަމަށެވެ. މިއީ ދުނިޔޭގެ ތަހުޒީބު އެއްވެސް ގައުމެއްގައި ކަންކަން ހިނގަމުންދާ ގޮތް ނޫން ކަމަށާ އެހެން ކަމުން މިކަންކަމަށް ހައިކޯޓް މަރުހަލާގައި ވަރަށް ބޮޑަށް ބެލެންޖެހޭ ކަމަށެވެ.

ފަނޑިޔާރުންގެ މައްޗަށް ނުފޫޒުތަކެއް އެބަހުރި ކަމަށާ ނަމަވެސް މި ނޫން ދުވަހެއް އޮތްކަން ދެކެ ފަނޑިޔާރުން މިނިވަންކަމާއެކު މަސައްކަތް ކޮށްދެއްވުމަށް ޖަމީލް އެދިވަޑައިގެންނެވިއެވެ.

ޕީޕީއެމްގެ ވެރިކަމެއް ދެން ތަފާތުވާނެ

ޖަމީލް ވިދާޅުވީ ދެވަނަ ފަހަރަށް ޕީޕީއެމާއި ގުޅިވަޑައިގެންނެވީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ހަގީގީ ނިޔަތް އޮތީ އެ ޕާޓީގައި ކަމަށްވާތީ އެވެ. ޕީޕީއެމަކީ ދިވެހި ހުރިހާ ރައްޔިތުންގެ ޕާޓީއެއް ކަމަށާ މާޒީގެ ކަންކަން ދޫކޮށް ޕީޕީއެމް އިހުތިޔާރު ކުރީ އަމިއްލަ ކަންކަމަށްވުރެ ބޮޑަށް ގައުމާމެދު ވިސްނަވަންޖެހޭތީ ކަމަށް ޖަމީލް ވިދާޅުވި އެވެ.

"އަދި އެންމެ ރަނގަޅު ގޮތަކީ ވެސް ޕީޕީއެމާއެކު ކުރިއަށް ދިއުން ކަމަށްވާތީ،"

ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަކީ ގައުމު ދުށް ތަރައްގީގެ އެންމެ ކާމިޔާބު ވެރިކަން ކަމަށެވެ. އަދި އިސްލާމްދީނާއި ދިވެހި ގައުމިއްޔަތަށް އެންމެ ބޮޑު ހިމާޔަތެއް ވެސް ދިން ވެރިކަން ކަމަށެވެ. އަދި މިއަދު ޕީޕީއެމް /ޕީއެންސީ ހިންގުމުގައި ތިއްބެވީ ތަފާތު ދައްކާނެ ބޭފުޅުން ކަމަށާ 2023 ގައި އުފެދޭ ޕީޕީއެމްގެ ވެރިކަން ހުރިހާ ގޮތަކުން ވެސް ތަފާތު ވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ހާއްސަ މެސެޖެއް

ޖަމީލް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި އެމަނިކުފާނާ ބައްދަލުވެވަޑައިގަންނަވާ ކޮންމެ ފަހަރަކު މިހާރު ގައުުމު އޮތް ހާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާ ކަމަށެވެ.

އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ދެއްވާ ހާއްސަ މެސެޖެއް އެބައޮތް ކަމަށް ވިދާޅުވެ ޖަމީލު ވިދާޅުވީ ދިވެހި ރައްޔިތުުންގެ ބުރަ މަސައްކަތުން ގެނައި އިސްލާހީ ހެޔޮ ބަދަލުތައް ފުނޑުފުނޑުކޮށްލަމުން ދާއިރު އެކަން ކަމަށް ދެލޯ މަރާލައިގެން ނުތިބުމަށް ރައީސް ޔާމީން ރައްޔިތުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި އެކަންކަމާ ދެކޮޅަށް ފާޅުގައި ނިކުތުމަށް ގޮވާލައްވާ ކަމަށެވެ.

"މަޖިލީހުން ހުރިހާ ތަނަކަސް ވަދެގެން ވަކި ބައެއްގެ އަތްމައްޗަށް ހުރިހާ ބާރެއް ނަގައިގެން ކުރަމުންދާ މަސައްކަތް ހުއްޓުވަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވަނީ. އެހެންވީމަ އެކަންކަމާ ދެކޮޅަށް ރައްޔިތުން ނުކުންނަން ޖެހޭ އެއީ ހަގީގަތުގައި ރައީސް ޔާމީންގެ މެސެޖަކީ،"