ބޭރު ކުޅިވަރު

ރޮނާލްޑޯގެ އާދަޔާހިލާފު ކެރިއަރު: 500 ގޯލު

Oct 1, 2015

ޕޯޗުގަލް އާއި ރެއާލް މެޑްރިޑުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރުގައި 500 ލަނޑު ހަމަކޮށްފި އެވެ.

އުމުރުން މިހާރު 31 އަހަރުވެފައިވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އޭނާގެ 500 ވަނަ ގޯލު ޖެހީ ޗެމްޕިއަންސް ލީގުގައި ރޭ މަލްލޯ އަތުން 2-0 އިން ރެއާލް މޮޅުވި މެޗުގަ އެވެ. މެޗުގެ ދެ ގޯލު ވެސް ޖެހީ ރޮނާލްޑޯ އެވެ.

ކެރިއަރުގައި މިހާތަނަށް 753 މެޗު ކުޅެދީފައިވާ ރޮނާލްޑޯ ވަނީ 2009 ވަނަ އަހަރު ރެއާލް އަށް ބަދަލުވި ފަހުން މިހާތަނަށް އެކުލަބަށް މިހާތަނަށް ކުޅުނު 308 މެޗުގައި 322 ގޯލު ޖަހައިދީފަ އެވެ. މެންޗެސްޓާ ޔުނައިޓެޑަށް އޭނާ ޖަހާދީފައިވަނީ 118 ލަނޑެވެ. އަދި ސްޕޯޓިން އަށް ފަސް ގޯލު ޖަހާދީފައިވާއިރު ގައުމީ ޓީމަށް ވަނީ 55 ގޯލު ޖަހާދީފަ އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ރޮނާލްޑޯ މިއަދަދަށް ގޯލު ޖަހާފައިވާއިރު ރެއާލް މެޑްރިޑަށް އެންމެ ގިނަ ގޯލު ޖަހައިދިން އެކުލަބުގެ ކުރީގެ ކެޕްޓަން ރައުލް ގޮންޒާލޭޒްގެ ރެކޯޑް މުގުރާލަން ވެސް ރޮނާލްޑޯ މިހާރު ބޭނުންވަނީ އެންމެ ގޯލެކެވެ.

ޕޯޗުގަލްގެ ގައުމީ ކެޕްޓަން އެންމެ ފުރަތަމަ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ 2008ގަ އެވެ. އޭގެ ފަހުން 2013 އަދި 2014ގަ އެވެ.