ޗެލްސީ

ސީޒަން ނިމެންދެން ޗެލްސީ އޮންނާނީ ޕްރެޝަރުގައި

ސީޒަން ނިމެންދެން ޗެލްސީ އޮންނާނީ ޕްރެޝަރުގައި ކަމަށާއި އެ ޕްރެޝަރާ ޗެލްސީން ޑީލް ކުރަން ޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗް ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

ރޭ ވަޓްފޯޑްގެ މައްޗަށް 3-0 ން ޗެލްސީ މޮޅުވި މެޗުގެ ކުރިން އެ ޓީމާ އެންމެ ވާދަވެރިކޮށް އޮތް ލެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުތަކުން މޮޅުވުމުން ޗެލްސީއަށް އޮތީ މެޗުން މޮޅުވާން މަޖުބޫރު ވެފަ އެވެ. މިދިޔަ ހަފުތާގައި ވެސްޓަހަމް އަތުން ޗެލްސީ ބަލިވުމުން، ރޭ ޔުނައިޓެޑާއި ލެސްޓާ މޮޅުވުމުން ޗެލްސީއަށް އޮތް ޕްރެޝަރު ވަކިން ބޮޑުވި އެވެ.

"މިހާރު ކޮންމެ މެޗެއްވެސް ވަނީ ޕްރެޝަރަކަށް،" ލަމްޕާޑް ވާހަކަ ދެއްކި އެވެ. "ވެސްޓްހަމް މެޗުވެސް ވީ ޕްރެޝަރަކަށް އެއީ އަހަރެމެންނަށް އެނގޭ އެ މެޗުން މޮޅުވިނަމަ އަހަރެމެންނަށް ތިން ވަނަ އަށް ދެވޭނެ ކަން، އެއީ މުޅިން ތަފާތު ޕްރެޝަރެއް."

އޭނާ ބުނީ ވަޓްފޯޑް އާ ދެކޮޅަށް ކުޅުނު މެޗުގައި މުޅި ޓީމުގެ ފަރާތުންވެސް ފެނިގެން ދިޔަައީ ރަނގަޅު ކުޅުމެއް ކަމަށެވެ. ޗެލްސީގެ ލަނޑުތައް ކާމިޔާބު ކުރީ އޮލިވާ ޖިރޫޑް، ވިލިއަން އަދި ރޯސް ބާކްލީ އެވެ. ވިލިއަން ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ.

ޗެލްސީ ހަތަރު ވަނައިގައި އޮތީ، ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް ވުރެ އެއް ޕޮއިންޓް ފަހަތުގައި އޮތުމުންނެވެ. އަދި ފަސް ވަނައިގައި ޔުނައިޓެޑްގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑެއް އޮތުމުންނެވެ. ލަމްޕާޑް ބުނީ ޔުނައިޓެޑަށް ވުރެ ދެ ޕޮއިންޓް ކުރީގައި އޮތުމުންވެސް ޗެލްސީ އުފާ ކުރަން ޖެހޭ ކަމަށް ލަމްޕާޑް ބުންޏެވެ.

"އެ ޓީމަކީ [ޔުނައިޓެޑް] ވަރަށް މޮޅު ޓީމެއް،" ލަމްޕާޑް ބުންޏެވެ. "އެމީހުން ކުރިން ކުޅުނު މެޗު އަހަރެން ބެލިން، އެ ޓީމުގެ ފްރޮންޓްލައިނަށް ބަލައިފިއްޔާ ގެންނާނެ އިންޑަވިޖުއަލް ކޮލިޓީ ވަރަށް ރަނގަޅަށް އޮތް ޓީމެއް، އެ ފްރޮންޓްލައިން 20 ގޯލް ޖަހައިފި، މޭސަން ގްރީންވުޑް ދަނީ އާންމުކޮށް ލަނޑު ޖަހަމުން ބުރުނީޯފެނާންޑޭޒް އާއި ޕައުލް ޕޮގްބާ މިޑްފީލްޑްގައި ވަރަށް ރަނގަޅު."

"އެ ޓީމުގެ މައްޗަށް ދެ ޕޮއިންޓްގެ ފަރަގެއް އޮތުމަކީ އަހަރެމެން އުފާ ކުރަން ޖެހޭނެ ކަމެއް، އަހަރެމެންނަށް އެނގޭ ސީޒަން ނިމެންދެން އެ ޓީމު އެއްވަރެއްގައި ހިފަހައްޓަނެކަން، ސަބަބަކީ އެ ޓީމު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި."

ލީގްގައި ޗެލްސީ އާއި ޔުނައިޓެޑަށްވެސް ބާކީ އޮތީ ފަސް މެޗެވެ.