ބޭރު ކުޅިވަރު

އިވާގެ މައްސަލާގައި މޮރީނިއޯގެ ކުށެއްނެތް

Oct 1, 2015

ޗެލްސީގެ ޑޮކްޓަރު އިވާ ކަރެނެއިރޯގެ މައްސަލާގައި އެ ޓީމުގެ ކޯޗު މޮރީނިއޯގެ ކުށެއް ނެތް ކަމަށް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފި އެވެ.

އީވާއާ ދިމާލަށް ކޯޗު ހޯސޭ މޮރީނިއޯ ބޭއަދަބީ ނުވަތަ ޖިންސީ ގޮތުން ދިމާކުރުން ފަދަ ބަހެއް ބޭނުންކުރިތޯ ބެލުމަށްފަހު އެފްއޭއިން ބުނެފައިވަނީ މޮރީނިއޯ ގޯސްކަމެއް ނުކުރާ ކަމަށެވެ.

މިދިޔަ އޮގަސްޓް 8 ވަނަ ދުވަހު ހިނގި މިހާދިސާގެ މައްސަލަ އެފްއޭއިން ބަލަން ފެށީ އެމައްސަލަ ބަލައިދިނުމަށް އެ ޖަމާއަތަށް ލިބެމުންދިޔަ މެސެޖްތަކުގެ ސަބަބުންނެވެ.

އިނގިރޭސި އެފްއޭގެ ގަވާއިދުގައިވަނީ އެއްވެސް އޮފިޝަލަކު ބޭއަދަބީކޮށް އަނެކާ އަށް މުހާތަބްކޮށްފިނަމަ އެމީހަކަށް ފިޔަވަޅުއަޅާނެ ކަމަށެވެ.

މޮރީނިއޯ އާއި އީވާ މައްސަލަޖެހުނީ ސްވަންސީ އަތުން ޗެލްސީ އެއްވަރުވި މެޗުގައި އެޑެން ހަޒާޑަށް އަނިޔާ ނުވަނީސް ފަރުވާދޭން ދަނޑަށް އެރުމުންނެވެ. މޮރީނިއޯ ބުނީ ޓީމު މޮޅުވާން މަސައްކަތްކުރާއިރު ދަނޑަށް އަރަންޖެހޭނީ ގޭމުގެ އޮއިވަރު ދެނެގަނެގެން ކަމަށާއި އޭނާގެ އޮފިޝަލުންނަކީ އެފަދަ ބަޔަކަށްވާންޖެހޭނެ ކަމަށެވެ.

މި މައްސަލާގައި އިވާގެ މަގާމު ވަނީ ދަށްކޮށްފަ އެވެ. އަދި އޭގެ ފަހުން އަދިވެސް އޭނާ ވަޒީފާއަށް ނުނުކުމެ ހުރުމަށްފަހު އޭނާ މިހާރު ވަނީ ޗެލްސީގެ ވަޒިފާ ދޫކޮށްލައި މި މައްސަލާގައި ކޯޓަށް ދިއުމަށް ތައްޔާރުވަމުންނެވެ. އަދި މިކަމުގައި އިނގިރޭސި އެފްއޭގެ އަންހެން މެމްބަރުން ވަނީ އަންހެނުންގެ ހައްގުތައް ގެއްލިދަނީކަމަށް ބުނެ އީވާއާ ބައިއަތު ހިފައިފަ އެވެ.

މި ސީޒަނުގައި ޗެލްސީ އަޑިއަޅާލާފައި އޮތްއިރު ޓީމުގެ ކުޅުންތެރިންނާއި ކޯޗާ މައްސަލަޖެހިފައިވާ ކަމަށް ވެސް ވާހަކަ ދެކެވެއެވެ. މިކަމުގެ ފަހަތުގައިވާ އެއް ސަބަބަކީ ވެސް އީވާގެ މައްސަލަކަމަށް ބައެއް މީޑިޔާތަކުން ތުހުމަތުކުރެ އެވެ.