ސިފައިންނާއި ފުލުހުން ހިމެނޭ ގޮތުން ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލު ކުރައްވަން އެ މަނިކުފާނު ނިންމަވައިފި އެވެ.
މިއީ ކޮވިޑް-19 މާލޭގައި ފެތުރުމާއެކު ސިފައިންނާއި ފުލުހުން ކޮށްފައިވާ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ރައީސް ސޯލިހު ބާއްވާ ބައްދަލު ކުރެއްވުމަށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ރައީސް ފުލުހުންނާ ބައްދަލު ކުރުން ތާވަލުކޮށްފައި ވަނީ މިއަދު ހަވީރަށެވެ. ސިފައިންނާ ބައްދަލު ކުރައްވާނީ މިރޭ އެވެ.
ރައީސް ސޯލިހު ފުލުހުންނާ މިއަދު ހަވީރު ބައްދަލު ކުރައްވާއިރު ރައްޔިތުންގެ މަޖިލީހުން ގެންދަނީ ފުލުހުންގެ ބިލެއް ދިރާސާ ކުރަމުންނެވެ. އެކަމާ ގުޅިގެން ފުލުހުންގެ ތެރޭގައި ނުތަނަވަސްކަން ވެސް އެބަ އޮތެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ފުލުހުންގެ އަގު ވެއްޓޭ ގޮތަށް ވާހަކަތައް ވެސް ދައްކަވާފަ އެވެ.
އެކަމަށް އިޝާރަތް ކުރައްވައި މީގެ ކުރިން ރައީސް ވިދާޅުވެފައި ވަނީ ސިފައިންނާއި ފުލުހުންނަކީ ގައުމުގެ ސަލާމަތަށް ވަރަށް މުހިންމު ބައެއް ކަމަށާއި، އެ މީހުން ކުރަމުން އެ ގެންދަނީ އަގު ނުކުރެވޭ ވަރުގެ ހިދުމަތެއް ކަމަށެވެ.
"ވަކި ބަޔަކު ކުރި ކަމެއްގެ ސަބަބުން މުޅި މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ އެތަންތަން އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަކަށް އަޅުގަނޑު ނުދެކެން،" ކޮންމެ ތަނެއްގައިވެސް އިސްލާހު ކުރަންޖެހޭކަންކަން ހުންނާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.
އަދި ސަލާމަތީ ބާރުތަކުގެ ހިންގުން ބަދަލުކޮށް، އިސްލާހުކުރުމުގެ މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރައީސް ސޯލިހު އެންމެފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވާފައިވެ އެވެ.