ލައިފްސްޓައިލް

އަމާނާތްތެރިކަމާއެކު އަތްދަބަސް ރައްދުކޮށްދިނީ ބިދޭސީއެއް!

މަރިޔަމް ޝިފާނާ ހުސެއިން ދިރި އުޅެނީ ހުޅުމާލޭގަ އެވެ. އެހެން ދުވަހެކޭ އެއްގޮތަށް އޭނާގެ މަސައްކަތަށް މާލެ އައުމަށް ބަހުގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުއްޓެވެ. އެ ދުވަހު ބަސް އަންނަލެއް ލަސް ވެގެން އެންމެ ފަހުން ފެރީގައި މާލޭ އައުމަށް ޝިފާނާ ނިންމި އެވެ.

އެއީ ބަހާ ހުރެ މަސައްކަތަކަށް ދާން އިތުރަށް ލަސްވިޔަ ނުދިނުމަށެވެ. އެކަމަކު އެއީ އޭނާގެ އާއްމު ރޫޓިން އެއް ނޫނެވެ. އެހެންވެ އޭޓީއެމުން ފައިސާ ނަގައިގެން ފެރީއަށް ޓިކެޓްގެ ފައިސާ ހަމަކޮށްލި އެވެ.

ޝިފާނާއަކީ ނަރުހެކެވެ. އޭނާގެ ރަސްމީ ވަޒީފާއަކީ އިސްކަންދަރު ސްކޫލްގެ ސީނިއާ ސްކޫލް ހެލްތު އޮފިސަރެވެ. ކޮވިޑް-19 ލައްވާލުމުން ސުކޫލް ބަންދުވުމާއެކު ޝިފާނާ މަސައްކަތް އޮންނަނީ ރެޕިޑް ރެސްޕޮންސް ޓީމާއެކު ސާމްޕަލް ނެގުމުގަ އެވެ.

ހެނދުނު 7:00 ގެ ފެރީން މާލެ އައިސް މަސައްކަތުގައި ބިޒީކޮށް އުޅުނު އިރު ފޯނު ވެސް އޮތީ ނިވިފަ އެވެ. އެރޭގެ އިރާކޮޅު އެމްބުލަންސް ކުރީގައި އޭނާގެ ޓީމާއެކު ދުއްވަމުން ދިޔައީ ކޮވިޑް ސާމްޕަލް ނެގުމުގެ މަސައްކަތުގަ އެވެ. އޭނާ ފޯނު އޮން ކުރި ވަގުތު ނުދަންނަ ނަމްބަރަކުން އޭނާގެ ފޯނަށް ގިނަ ކޯލް އައިސް މިސްޑްކޯލް އެލާޓްތަކެއް ވެސް އަންނަން ފެށިއެވެ. އަދި ފޯނު އޮން ކުރުމާއެކު އެ ނަމްބަރުން އަލުން ގުޅި އެވެ.

ޝިފާނާ ބުނިގޮތުގައި އެ ފޯން ކޯލްގައި "މަރިޔަމް ކޮންތާކު ތިހިރީ؟ ކޮންތާކަށްހޭ މިއަދު ދިޔައީ؟" އެކަހަލަ ވާހަކަތަކާއި ސުވާލުތަކެއް އަހަން ފެށި އެވެ.

"ނުދަންނަ މީހަކު ގުޅާފައި މިކަހަލަ ސުވާލުތަކެއް ކުރުމުން ވަރަށް ރުންކުރުކޮށް އަޅުގަނޑަށް ވެސް ޖަވާބު ދެވުނު... އޭގެ ފަހުން ދެން އެހީ އެއްޗެއް ގެއްލިގެން ހެއްޔޭ ތިއުޅެނީ؟ އަހަރެން ބުނިން ނޭނގެއޭ ކޯންޗެއްހޭ؟ އެ ހިސާބުން ފެރީގައި އަޅުގަނޑުގެ ދަބަސް ބާއްވާފައި އޮތީ ކަމަށް ބުނި... އެހިސާބުން ދެން މި އެނގުނީ ދަބަސް ނެތްކަން!" ޝިފާނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފެރީގައި ވެސް އިށީނދެ ތިބެން ޖެހެނީ ގައިދުރުވުމަށް ދުރުދުރުގަ އެވެ. އެ ދަތުރުގައި ވޮލެޓް ގޮތަށް އޭނާ ގެންގުޅޭ ދަބަސް ފެރީގައި ހެނދުނު ބޭއްވުނު ކަމެއްވެސް އޭނާގެ ހަނދާނަކު ނެތެވެ.

ޝިފާނާ ބުނި ގޮތުގައި އޭނާއަށް ގުޅީ ބިދޭސީއެކެވެ. އެ ބިދޭސީ މީހާ ބަހަށް ވަރަށް ނުފަރިތަ އެވެ. ނަމަވެސް ދިވެހިން ވާހަކަ ދައްކަމުން އެމީހާ އޮޅިންފިލުވަން ބޭނުންވީ އޭނާއަށް ފޯނު ކުރެވުނީ ވޮލެޓްގެ ވެރިފަރާތަށްތޯ އެވެ.

"ވަރަށް ހައިރާންވެފައި އަހަރެން އެހިން ނަމްބަރު ހޯދީ ކިހިނެއްތޯ؟ އެހުމުން އެ ބިދޭސީ މީހާ ބުނީ 'ކާޑު ހުންނަނީ ނަމްބަރު' އެހެން!" ޝިފާނާ ބުންޏެވެ.

ޝިފާނާއަކީ 10 އަހަރުން ދަށުގެ ތިން ކުދިންގެ މަންމައެކެވެ. އަދި އޭނާގެ އަތްދަބަހުގައި އެކުދިންގެ އައިޑީ ކާޑު އޮތުމުން އެ ކާޑުތަކުގައި ކުދިންގެ އިމަޖެންސީ ކޮންޓެކްޓްގެ ގޮތުގައި އޭނާގެ ނަމްބަރު އޮތުމާއެކު ބިދޭސީ އެ މީހާއަށް އޭނާގެ ނަމްބަރު ލިބުނީ އެވެ. ހުރިހާ އެއްމެންގެ އައިޑީ އާއި ކޭޝް ކާޑާއި އޭޓީއެމުން ނެގި ފައިސާ ވެސް އޭނާގެ އެ ދަބަހުގައި ހުއްޓެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭގަނޑު ވެހުނު ބޯވަރޭގައި އޭނާ ދަބަސް ބަލާ ދިޔައިރު ވާރޭ ތެރޭގައި ކުޑައެއް ނަގައިން ހެވިފައި ހުރި ބިދޭސީ މީހަކު އޭނާގެ އެތަށް ދަބަސް ދިއްކޮށްލި އެވެ. ޝިފާނާ އޭނާއަށް ޝުކުރު އަދާކޮށް ފައިސާ ދޭން އުޅުމުން އެެވެސް ނުހިފި އެވެ. ހަމައެކަނި އަމާނާތްތެރިކަމާއެކު ޝިފާނާގެ އަތްދަބަސް ރައްދު ކޮށްދިނީ އެވެ.

"އަހަރެން ރުންކުރު ވެގެން ވާހަކަ ދެއްކިއިރު ވެސް އެމީހާ އޯގާތެރިކަމާއެކު ބޭނުންވީ އަހަރެންގެ ދަބަސް ރައްދުކުރަން. އަދި ބޯކޮށް ވެހުނު ވާރޭގަނޑެއްގެ ތެރޭގައި އޭނާ ދަބަސް ރައްދުކޮށް ދިނުމުން ވަރަށް އުފާވި. އަހަރެން ފައިސާ އާއި އެހެން ހުރިހާ ތަކެއްޗެއް ވެސް އަނބުރާ ލިބުނު. އަދި ވަގުތުތަކެއް ސަލާމާތްވި! އަލުން ކާޑުތައް ހެއްދުމުގެ ތަކުލީފުން ސަލަމާތްވި، އެތައް ކަމެއް ލުއިވި. އެ މީހާއަކީ އޯގާތެރިކަމުގެ ރީތި ނަމޫނާއެއް! އެމީހާގެ އޯގާތެރިކަމުން އަހަންނަށް ވެސް އެހެން މީހުންނަށް އޯގާތެރިކޮށް ހިތުމަށް ހަނދާންކޮށްދިން ކަހަލަ"