ބޭރު ކުޅިވަރު

ފީފާ އާއި ޔުއޭފާގެ ސްޓާފުންގެ މެޗު ފަސްކޮށްފި

Oct 1, 2015

ދުނިޔެގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އާއި ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާގެ މުވައްޒަފުން މާދަމާ ކުޅެން ހަމަޖައްސާފައި އޮތް އެކުވެރިކަމުގެ މެޗު މުއްދަތެއްނެތި ފަސްކޮށްފި އެވެ.

މި މެޗު ފަސް މިކުރީ ފީފާގެ ރައީސް ސެޕް ބްލެޓާ ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓިނީ އަށް ފީފާއިން 2 މިލިއަން ޕައުންޑްދިން މައްސަލާގައި އޭނާއާ ދެކޮޅަށް ސްވިޒަލޭންޑްގެ އެޓާނީ ޖެނެރަލް ތަހުގީގު ފަށާފައިވަނިކޮށެވެ. ނަމަވެސް މިކަމުގައި އެއްވެސް ގޯސްކަމެއް ނުހިމެނޭކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވެ އެވެ.

މި މެޗު ފަސް މިކުރީ ފީފާގެ އިސްވެރިންގެ ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގު ކުރަމުންދާތީވެ ގައުމުން ބޭރަށް ވަޑައިނުގެނަންވަން ބްލެޓާ ނިންމަވާފައިވަނިކޮށެވެ. އެއީ އޭނާ ހައްޔަރުކޮށްފާނެތީ އެވެ. ކުރިން ހަމަޖެހިފައ އޮތްގޮތުން މި މެޗު ބެއްލެވުމަށް ޔޫއޭފާގެ މައިމަރުކަޒު ހުންނަ ނިއޯންއަށް ބްލެޓާ ވަޑައިގަންވާނެ އެވެ.

ފީފާ އާއި ޔޫއޭފާއިން މިއަދު ގުޅިފައިވާ ބަޔާނުގައިވަނީ މެޗު ފަސްކުރި ވާހަކަ ފިޔަވައި އިތުރު އެއްވެސް ވާހަކައެއް ބުނެފައެއްނުވެ އެވެ.

ޖެހިޖެހިގެން ފަސް ވަނަ ދައުރަކަށް މިދިޔަ ޖޫން މަހު އިންތިހާބުވި ނަމަވެސް އިސްތިއުފާ ދެއްވަން ބްލެޓާ ނިންމެވުމުން ޕްލެޓީނީ އަކީ އަންނަ ފެބްރުއަރީ މަހު ބާއްވާ ފީފާގެ އިންތިހާބުގައި ރައީސް ކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ކެމްޕޭން ކުރައްވަމުން އަންނަ ބޭފުޅާ އެވެ. އޭނާ ވަނީ ފީފާއިން ދިން ދެ މިލިއަން ޕައުންޑަކީ ބްލެޓާގެ މުޝީރަކަށް އޭނާ 1999 އިން 2002 ވަނަ އަހަރާ ހަމައަށް ހުނެންވެއިރު އުޖޫރައިގެ ގޮތުގައި ދޭން ޖެހޭ މުސާރަކަމަށް ބުނެ ޔޫއޭފާގެ މެމްބަރު ގައުމުތަކަށް ސިޓީ ފޮނުވަން ފައްޓަވާފަ އެވެ.