ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އައިޖީއެމްއެޗް ކޭސް: ޕޮޒިޓިވްވީ އަދަދު 15އަށް

އައިޖީއެމްއެޗްއިން މިހާތަނަށް 15 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އައިޖީއެމްއެޗުގައި ކޮވިޑް-19 ފެތުރުނުކަން އެނގުނީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާދެމުން ދިޔަ އިންޑޮނޭޝިއާގެ ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވްވުމާއެކު އެހެން ބައެއް މީހުންގެ ޓެސްޓުތައް ހެދުމުންނެވެ. މިހާރު ވަނީ އައިސީޔޫ ބަންދުކޮށް ދެމުން އައި ހިދުމަތް އެހެން ތަނެއްގައި ދޭން ފަށާފަ އެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ އެމީހާ ވަނީ މަރުވެފައެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިއަދުވެސް ދެ ނަރުހުންނާއި އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ހޯދި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެހެން ކަމުން މިހާތަނަށް ހަ ސްޓާފުންނާއި ހަތް ޕޭޝަންޓުން އަދި ދެ އެހީތެރިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ނަޒްލާ ވިދާޅުވީ އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާ މިހާތަނަށް 308 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ސާމަޕްލްތަކުގެ ނަތީޖާ ނުލިބޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މި ކޭސްތަކާ ގުޅިގެން ހޮސްޕިޓަލުގެ އުސޫލުތައް ވެސް ވަނީ ހަރުކަށި ކޮށްފަ އެވެ. ލޮކްޑައުންގައި ލުއި ދިނުމުގެ ތިން ވަނަ މަރުހަލާގެ ބައެއް ބަދަލުތައް މަޑުޖައްސާލާފައި ވާއިރު ވަކި ގޮތެއް އަންގަންދެން އަމަލު ކުރާނީ ކުރިން އަމަލު ކުރި ގޮތަށް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އެގޮތުން، ވޯޑުގައި ތިބޭ ބަލި މީހުންނަށް ޒިޔާރަތް ކުރުން މަނާކޮށް ދުރާލާ ރޭވިގެން ކުރިއަށް ގެންދާ ރޫޓީން އޮޕަރޭޝަންތައް ހުއްޓާލުން ހިމެނެ އެވެ.