މި އަހަރުގެ އެޕްރީލް މަހު ރާއްޖޭގެ ޓޫރިޒަމް ތަރައްގީކޮށްފައިވާ، ތިން އަތޮޅަކުން ގްރީން ޓެކްސް ލިބިފައި ނުވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ "ގްރީން ޓެކްސް" ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ އެޕްރީލް މަހު ގްރީން ޓެކްސް ނުލިބެނީ ހއ. އަތޮޅާއި މ. އަތޮޅު އަދި ފ. އަތޮޅުންނެވެ. މި އަތޮޅުތަކީ ވެސް ރާއްޖޭގެ މަޝްހޫރު ރިސޯޓްތަކާއި ގެސްޓްހައުސްތައް ހުރި އަތޮޅު ތަކެވެ.
ގްރީން ފަންޑުގެ ރިޕޯޓުގައިވާ ގޮތުން ދ. އަތޮޅުގައި ހިމެނޭ ރިސޯޓު ތަކުން ގްރީން ޓެކުހުގެ ގޮތުގައި 2.5 މިލިއަން ރުފިޔާ ލިބިފައިވީ ނަމަވެސް، އެ އަތޮޅުގެ ހޮޓާ އަދި ގެސްޓްހައުސް ތަކުން ގްރީން ޓެކްސް ލިބިފައެއް ނުވެ އެވެ.
ގްރީން ފަންޑުގެ ރިޕޯޓް ދައްކާ ގޮތުން އެޕްރީލް މަހު އެ ފަންޑަށް ލިބިފައިވަނީ 35 މިލިއަން ރުފިޔާ އެވެ. މީގެތެރޭގައި ހިމެނެނީ ސަފާރީ ތަކުން ލިބުނު 604,080.60ރ. އާއި ގެސްޓްހައުސް ތަކުން ލިބުނު 790,736.19ރ. އަދި ހޮޓާ ތަކުން ލިބުނު 559,697.22ރ. ގެ އިތުރުން ރިސޯޓު ތަކުން ލިބުނު 34 މިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގްރީން ފަންޑުގައި އެޕްރީލް މަހުގެ ނިޔަލަށް ގްރީން ފަންޑުގައި 972 މިލިއަން ރުފިޔާ އެބަހުއްޓެވެ. އެ ފަންޑުން މިހާތަނަށް 73 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި ފަންޑަށް މިހާތަނަށް ލިބިފައިވަނީ 271 މިލިއަން ރުފިޔާ އެވެ.
ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފެށީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތް ތަކަށް ފައިސާ ހޯދާށެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ޓޫރިސްޓުން އައުން ހުއްޓާލާފައިވާތީ ގްރީން ޓެކުސް ލިބުން އެއްކޮށް މިހާރު ވަނީ ހުއްޓިފަ އެވެ.