ހަބަރު

އޭސީސީގެ އޮޑިޓެއް ހަދަން އަންގަން ކޮމިޓީން ނިންމައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅިފައިވާ މައްސަލަތައް ތަހުގީގު ކުރުމުގައި ކޮމިޝަން އިން ކުރަމުންދާ މަސައްކަތުގެ އޮޑިޓްއެއް ހަދަން އޮޑިޓަ ޖެނެރަލްއަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ފޮނުއްވި ސިޓީއެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ. އެ ސިޓީގައި އެދިފައިވަނީ އޭސީސީއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ އޮޑިޓްއެއް މަޖިލީހުން ހެދުމަށެވެ.

ހަސަން ލަތީފްގެ ސިޓީ ދިރާސާ ކުރުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުށަހެޅުއްވީ ސިޓީގައި ބުނާ ކަންކަން ބަލައި އޮޑިޓްއެއް ހަދަން އޮޑިޓަ ޖެނެރަލްއަށް ފޮނުވުމަށެވެ.

ނަމަވެސް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވީ އެ މައްސަލަ ބަލަން ވާނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކަމަށާއި ކޮމިޓީއަށް މައުލޫމާތު އެއްކޮށް އޭސީސީގެ މެންބަރުން ހާޒިރުކޮށްގެން ކަމަށެވެ. އެ ގޮތަށް ހުށަހެޅުއްވި އެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ، ހަސަން ލަތީފް އެދިވަޑައިގެންފައިވާ ކަންކަން ދިރާސާކޮށް އޮޑިޓެއް ހެދުމުގެ ފަންނީ ކަންކަން ކުރެވޭނީ އޮޑިޓަ ޖެނެރަލްއަށް ކަމަށާއި އޮޑިޓަ ޖެނެރަލްގެ އޮޑިޓް މަޖިލީހުގެ ކޮމިޓީއަށް ފޮނުވުން ދެން ކުރިއަށް ދާނެ ގޮތެއް ފަހުން ނިންމުމަށެވެ.

ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން އަނދުން ހުސައިންގެ ހުށަހެޅުއްވުމާ އެއް ގޮތަށް އޭސީސީގެ އޮޑިޓެއް ހަދަން އޮޑިޓަ ޖެނެރަލްގެ އޮފީހަށް ފޮނުވަން ފާސްކުރި އެވެ. ހަސަންޓޭގެ ހުށަހެޅުއްވުމަށް ތާއީދެއް ނުލިބުމުން އެ ހުށަހެޅުއްވުމަށް ވޯޓަކަށް ނޭހުނެވެ.

އޭސީސީގެ އޮޑިޓްއެއް ހަދަން އެޓާނީ ޖެނެރަލްގެ އޮފީހަށް އަންގަން ކޮމިޓީން ނިންމިއިރު، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީއަކުން ދަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގު ގޮސްފައިވާ ހިސާބު ދެނެގަތުމަށް އެ މައްސަލަ ދިރާސާކުރަމުންނެވެ.