ހަބަރު

"ބޮޑުފިނޮޅު ބިދޭސީންނަށް އަދަބު ނުދީ އިހުމާލުވި ބަޔަކަށް ފިޔަވަޅު އަޅާ"

Jul 6, 2020
5

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންތަކަކަށް މުސާރަ ނުދީގެން އެ ރަށުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން އެ މީހުންނަށް އިތުރު އަދަބުތަކެއް ނުދީ، މައްސަލަ ބޮޑުވާން މެދުވެރިވި ސަބަބުތައް ހޯދައި، ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ގޮވާލައިފި އެވެ.

ބިދޭސީންނަށް ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން މުސާރަ ނުދިން މައްސަލައިގައި އެ މީހުން ހަމަނުޖެހުން ހިންގައި، ދިވެހިންތަކެއް ރަހީނުކުރި މައްސަލަ ވަނީ ހޫނުވެފަ އެވެ. މުސާރަ ނުދެވުނީ އެ ރަށް ތަރައްގީކުރާ ސީލް މޯލްޑިވްސް އިން ފައިސާ ނުދިނުމުން ކަމަށް ރިޒް ކުންފުނިން ވަނީ ބުނެފަ އެވެ. އެކަމަކު ސީލް ކުންފުނިން އެކަމަށް އިންކާރު ކުރެ އެވެ.

ހަމަނުޖެހުންތަކާ ގުޅިގެން 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހުންގެ މައްޗަށް ވައްކަމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ކުރެ އެވެ. އެ ބިދޭސީން ވަނީ ބަންދު މަޖިލީހުގައި މުސާރަ ނުދޭ ކަމަށާއި އެކަމާ ޝަކުވާ ކުރުމުން މަރުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ބުނެ އެވެ.

މިކަމާ ގުޅިގެން، ޓްރާންސްޕޭރެންސީން ނެރުނު ބަޔާނުގައި ބުނީ، ބިދޭސީންނަށް އެތައް މަހެއްގެ މުސާރަ ނުދީ، މަސައްކަތް ކުރުވުން އެ ޖަމިއްޔާ އިން ކުށްވެރިކުރާ ކަމަށެވެ. އެ ބިދޭސީންނަށް އިތުރު އަދަބު ދިނުމުގެ ވިސްނުން ދޫކޮށް، އެކަން އެގޮތަށް ކުރި މީހުންނަށް ފިޔަވަޅު އަޅަން ވެސް ވަނީ ގޮވާލައިފަ އެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި، ބޮޑުފިނޮޅުގެ ހަމަނުޖެހުމާ ގުޅިގެން، އެކަމުގެ ޒިންމާވާ ދެ ކުންފުނިން ނެރެފައިވާ ބަޔާންތަކަށް ބަލާއިރު ވެސް އިހުމާލުވެފައިވާ މިންވަރު ހަމާވެ އެވެ.

އޭގެ އިތުރުން، އިންސާނީ ވަގުފާރި އާއި އުޖޫރައިން ވައްކަން (ވޭޖުތެފްޓް) ކުރުމުގެ އިތުރުން، ފަޅު ރަށެއްގައި ބަންދުކޮށް، ކާބޯތަކެތި ފުރިހަމައަށް ފޯރުކޮށް ދީފައިނުވާކަން ފާހަގަކުރެވޭ ކަމަށެވެ.

"މި މައްސަލަ ބޮޑުވާން މެދުވެރިވި ސަބަބުތަކާއި މިކަމުގެ ވަށައިގެންވާ އެންމެހާ ކަންކަން ރަނގަޅަށް ތަހުގީގުކޮށް، މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ހޯދާ، އެބަޔަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ގޮވާލަމެވެ. އަދި ހަމަ މިކަމުގައި ހައްޔަރު ކުރެވިފައިވާ އެންމެހާ ބިދޭސީ މަސައްކަތްތެރިންނަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އިން ލިބިދޭ އެންމެހާ ހައްގުތައް ފޯރުކޮށްދެވޭކަން ކަށަވަރު ކުރުމަށް ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށާއި، ލޭބާ ރިލޭޝަންސް އޮތޯރިޓީ އަށް މި ޖަމިއްޔާ އިން ގޮވާލަމެވެ" ޓްރާންސްޕޭރެންސީގެ ބަޔާނުގައި ވެ އެވެ.

ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނުކޮށް ހަމަނުޖެހުން ހިންގި މައްސަލާގައި 19 ބިދޭސީއަކު ހައްޔަރުކޮށް ވައްކަމާއި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވެ އެވެ. އެމީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ. ބަންދު ޖެހުމަށް ބޭއްވި އަޑުއެހުމުގައި އެކަކު ބުނި ގޮތުގައި އޭނާއަށް މުސާރަ ނުދޭތާ ހަތް މަސް ވެފައިވާއިރު އާއިލާއާއި ދަރިންނަށް ކާންދޭނެ އެއްވެސް ލާރިއެއް ނެތެވެ. އެ މައްސަލާގައި ގިނަ އުނދަގޫތަކެއްވެ، "ބޯ ހަލާކުވެފައިވާ" ކަމަށް އޭނާ ބުންޏެވެ.