ހަބަރު

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ހަތަރު މެންބަރެއްގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ޖުލައި 12 އަދި 13 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރު 12:30 އަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޗްއާރުސީއެމްގެ މެމްބަރުންގެ ތެރެއިން ދައުރު ހަމަވަނީ އެ ކޮމިޝަންގެ ރައީސް އައިމިނަތު އިނާސް އާއި މެމްބަރު ނައިވީން އަބްދުﷲ އާއި މޫސާ އަލީ ކަލޭފާނާއި އައިޝަތު އަފްރީން މުހައްމަދު އެވެ. މި ހުރިހާ މެމްބަރުންވެސް ކޮމިޝަނަށް އައްޔަންކުރައްވާފައިވަނީ 2015 ވަނަ އަހަރު އެވެ.

ފަސް މެމްބަރުން ހިމެނޭ ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން މަގާމުގެ ދައުރު ހަމަނުވެ ދެން ހުންނަވާނެ މެމްބަރަކީ ކޮމިޝަންގެ ނާއިބު މުހައްމަދު ޒާހިދު އެވެ. އެނާ ކޮމިޝަނަށް އައްޔަންކުރެއްވީ 2017 ވަނަ އަހަރު އެވެ.

އެ ކޮމިޝަނުގެ ހަތަރު މެންބަރެއްގެ ދައުރު ހަމަވާއިރު، އެޗްއާރުސީއެމްގެ މެންބަރުން އެކަށީގެންވާ މިންވަރަށް ޒިންމާ އަދާނުކުރާކަމަށް ތުހުމަތުކޮށް، މެމްބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މަސައްކަތް ފަށައިފަ އެވެ.