ރޭޕް

ކުޑަކުއްޖާގެ ރޭޕް ކޭހުގައި ފުލުހުންގެ އިހުމާލެއް

މ. އަތޮޅުގެ ރަށެއްގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެއިން މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ހާމަކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ފުލުހުން އޭރު ބުނީ ކުޑަކުއްޖަކު ރޭޕް ކޮށްފައިވާ މައްސަލައެއް ބަލަމުންދާ ކަމަށެވެ. އެ މައްސަލާގައި ހިމެނޭ އަންހެން ކުއްޖާ ބަނޑުބޮޑު ކަމަށާ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައީ އެ އަތޮޅު ހޮސްޕިޓަލުން ކަމަށެވެ.

މި މައްސަލާގައި ތުހުމަތުވާ ފިރިހެން މީހާއާއި ކުޑަ އަންހެން ކުއްޖާއަކީ ކޯޓުން ބޭރުން ކައިވެނިކޮށްގެން އުޅޭ ބައެއް ކަމަށާއި މައްސަލަ ގުޅެނީ ހަރުކަށި ފިކުރުގެ މީހުންނާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭގެ ފަހުން އިއްޔެގެ ވަގުތެއްގައި ފުލުހުން ވަނީ ކުޑަކުއްޖަކާ "އިނދެގެން" އުޅުނު މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ދީފައެވެ.

މި މައްސަލާގައި ފުލުހުން އަމަލު ކުރަމުން ގެންދާ ގޮތާއި އަދި މައްސަލައާއި ގުޅިގެން ފުލުހުން މައުލޫމާތު އާންމު ކުރަމުންދާ ގޮތާމެދުވެސް އަނިޔާ ލިބުނު އަންހެން ކުއްޖާގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މީޑިއާއަށް ހާމަކުރާ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫންކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ހާދިސާ ހިނގާދިޔަ ގޮތް

އަވަސްއާ ވާހަކަ ދައްކަމުން އަނިޔާ ލިބުނު އަންހެން ކުއްޖާގެ އާއިލާއިން ބުނީ ކުއްޖާ ރޭޕްކޮށް ޖިންސީ ގޯނާކޮށްފައިވަނީ އޭނާ ކުރިން ރައްޓެހިވެގެން އުޅުނު މީހެއް ކަމަށެވެ. އެއީ މި މައްސަލައާއި ގުޅިގެން މިހާރު ހައްޔަރުކޮށްފައިވާ އުމުރުން 23 އަހަރުގެ އަހުމަދު އައްޠަފެވެ.

ނަމަވެސް ކުޑަކުއްޖާއާއި ގަދަކަމުން އޭނާ ގުޅުން ހިންގީ އެ ދެ މީހުން ރުޅިވި ފަހުން ކަމަށް އާއިލާއިން ވާހަކަ ދެއްކި ކުއްޖާގެ ބޭބެއާއި ދައްތަ ވަނީ ބުނެފައެވެ.

"ރުޅިވީމަ ކޮއްކޮއާ ދިމާއަށް އެ މީހާ [ހައްޔަރުކޮށްފައިވާ ފިރިހެން މީހާ] ވަނީ ބުނެފައި ހިތުން ނުފިލާވަރު ކަމެއް ކޮށްލާނެ ކަމަށް. އެގޮތުން އެއް ރޭ ދަންވަރު ކޮއްކޮ ކާ ގޭގައި އެއްޗެއް ކާން އިންދާ އެ ފިރިހެން މީހާ ފާރުމަތިން އަރައިގެން އަންނަތަން ފެނުމުން ކޮއްކޮ އަވަހަށް ގޭތެެރެއަށް ވަދެ ތަޅުލީ. އެކަމަކު ފޯން އޮތީ ކާގޭގައި ކަމަށްވުމުން މަންމަ ކޮޓަރިއަށް ގޮސް މަންމައާއެކު ދާންވެގެން ގޮވީ. އެކަމު މަންމަގެ ހަބަރެއް ނުވުމުން ގަޑިއެއްހާއިރު މަޑުކުރުމަށްފަހު ކޮއްކޮ ނިކުތީ ފޯން ބަލާ،" ކުއްޖާގެ ދައްތަ ކިޔައިދިނެވެ.

"އޭރު ކާގޭގައި ނެތް ފޯނެއް. ކޮއްކޮ ކާގެއިން ނިކުތްއިރު އޭނާ މި ހުރީ ފޯން ހިފައިގެން. ފޯން ދޭށޭ ބުނުމުން ކޮއްކޮގެ އަތުގައި ހިފީ. މީގެ ކުރިންވެސް ޖިންސީ ގޯނާއެއް އޭނާގެ ފަރާތުން ފޯރާފައިނުވާތީ ކޮއްކޮ ހިޔެއް ނުކުރޭ އޭނާ އެފަދަ ކަމެއް އެރޭވެސް ކޮށްފާނެ ކަމަކަށް. ނަމަވެސް ގަދަކަމުން ހިފަހައްޓާ އަގަމަތީ އަތްއަޅައިގެން ގެންގޮސް ކޮއްކޮ ކޮޓަރިއަށް ވައްދާ ނުރުހުމުގައި އެކުރިކަމެއް ކުރީ. އޭނާއަށް އިވޭނެ ކޮއްކޮ މަންމައަށް ގޮވިވަރު. އެހެންވީމަ މަންމަގެ ހަބަރެއް ނުވާކަން އެނގޭތީ އޭނާ އެކަންކޮށްފައި އެރޭ ދިޔައީ،"

ކުއްޖާ އެވާހަކަ ފުރަތަމަ ހިއްސާކުރީ އޭނާގެ ދައްތައަކަށެވެ. އޭނާގެ ދައްތަ ވަނީ އެ ވާހަކަ ރިސޯޓްގައި ހުރި އޭނާގެ ބޭބެއަކަށް އަންގާފައެވެ. އަދި ހަމަ އެދުވަހު އެ މައްސަލަ ޖެންޑާގެ ސަމާލުކަމަށް ގެނައެވެ. ފުލުހުންގެ ސަމާލު ކަމަށްވެސް ގެނައެވެ. އެއީ ލޮކްޑައުންގެ ދުވަސްތަކަށްވާތީ ޖެންޑާގެ ޓީމަކަށް އެ ރަށަށް ނުދެވޭނެ ކަމަށް ބުންޏެވެ. އަދި ރަށުގައި ތިބޭ ފުލުހުން ވަނީ ތިން ދުވަހެއްގެ މަތިން އެގެއަށް އައިސްފައެވެ.

"ކޮންމެ ދުވަހަކުވެސް ފުލުހުން އަންނަނީ އަސުރު ވަގުތު. ކަންދިމާކުރި ގޮތުން ތިން ދުވަހުވެސް ކޮއްކޮ ހުރީ ނަމާދަށް. ބުނިން މަޑުކޮށްލަން. ނަމަވެސް އެހާ ކުޑަ ވަގުތުކޮޅަށްވެސް މަޑުކޮށް ނުލާ ދައްތައާ ވާހަކަ ދައްކާލާފަ ފުލުހުން ދަނީ،"

އެރޭގެ އަނިޔާތަކަށް ފަހުވެސް އެ ފިިރިހެން މީހާ ގެންދިޔައީ އަންހެން ކުއްޖާއަށް ތަފާތު އުނދަގޫތައް ކުރަމުންނެވެ. ތަކުރާރުކޮށް ކޮންމެ ރެއަކުވެސް އެގޭގެ ތެރެއަށްވަދެ އެމީހާ ގެންދިޔައީ އެކުއްޖާއަށް އެކި ގޮތްގޮތުން ގޯނާ ކުރަމުންނެވެ.

ކުޑަކުއްޖާ ބަނޑުބޮޑުކަން އެނގުން

އަންހެން ކުއްޖާ ބަނޑުބޮޑުކަން އެނގުނީ އަތޮޅު ހޮސްޕިޓަލަށް ކުއްޖާގެ މަންމަ ދައްކަން ދިޔަ ދުވަހެއްގައެވެ. އެ ކުއްޖާއަކީވެސް ސިސްޓް ހުރުމުން އެކަމަށް ބޭސް ކުރަމުންދާ ކުއްޖެކެވެ. އަތޮޅު ހޮސްޕިޓަލަށް ދިޔައީ އެ ކުއްޖާގެ މަންމަ ޑޮކްޓަރަށް ދައްކަން ނަމަވެސް އެދުވަހު ކުއްޖާގެ މަންމަ ދައްކާ ޑޮކްޓަރު ނެތުމުން ކުއްޖާ ޑޮކްޓަރަށް ދެއްކީ ބައްޔާ ގުޅޭ ޑޮކްޓަރަކު އެވަގުތު ޑިއުޓީގައި އިނުމުންނެވެ.

ބަނޑުބޮޑުކަން އެނގުނީ އެހިސާބުންނެވެ. އެ މައްސަލަ ފުލުހާއި ޖެންޑާގެ ސަމާލު ކަމަށްވެސް ގެނައީ ހޮސްޕިޓަލުންނެވެ.

"އެކަން އެނގުމާއެކު އެ ރަށުގައި ތިބޭ ފުލުހުން އަތުވެއްޖެ ކޮއްކޮގެ ބަޔާން ނަގަން. އެ ފުލުހުން ބުނީ އެއްގޮތަކަށްވެސް ކަންބޮޑުވާނެ ކަމެއް ނެތޭ، ފުރިހަމަ ރައްކާތެރިކަން ދޭނަމޭ. އެއްވެސް ކަމެއް ސިއްރުނުކޮށް ކިޔައިދޭށޭ. އެއްވެސް ބަޔަކަށް އެނގެން ނުޖެހޭ މައުލޫމާތެއް ފުލުހުން ހިއްސާ ނުކުރާނަމޭ. އެހެންވީމަ ކަންވީގޮތް ކޮއްކޮ ވަރަށް ރަނގަޅަށް ކިޔައިިދިން،"

"ނަމަވެސް ބަޔާންދޭން ކޮއްކޮ ތަހުގީގު ކޮޓަރީގައި އިންދާ އެ ވާހަކަތައް ނޫސްތަކުގައި ޖަހައިފި، އެ ރަށުގައި އެ ވާހަކަ ފެތުރިއްޖެ، މި ރަށުގައި ފެތުުރިއްޖެ، ކުއްޖާގެ ވަނަވަނަރަށް ދަންދެން ހާމަކޮށްފި، އެއީ ވަރަށް ދެރަވި ކަމެއް،" ކުއްޖާއާ ހަވާލާދީ އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

ކޯޓުން ބޭރުގައި ކައިވެނިކޮށްފައިވާ ކަމަށް ފުލުހުން ބުނުން

މި ހުރިހާ ކަމެއްގެ ތެރެއިން އަންހެން ކުއްޖާގެ އާއިލާއަށް އެންމެ ބޮޑު "ޝޮކެއް" ލިބުނީ އެ ކުއްޖާއަކީ ކޯޓުން ބޭރުން ކައިވެނިކޮށްގެން އުޅޭ ކުއްޖެއް ކަމަށް ފުލުުހުން އިސްވެ ހާމަކުރުމެވެ.

އެ ވާހަކަތައް މީޑިއާތަކުގައި ފެތުރުމުން ކުއްޖާގެ އާއިލާއިން ވަނީ މުލީ ޕޮލިސް ސްޓޭޝަނަށް ގުޅާފައެވެ. އަދި އެފަދަ ވާހަކަތަކެއް ފަތުރަން ޖެހުނު ސަބަބަކީ ކޮބައިތޯ ވަނީ ސުވާލުކޮށްފައެވެ.

"ފުރަތަމަވެސް އެމީހުން ބުނީ އެއީ ކުށްވެރިޔާ [މައްސަލާގައި ހައްޔަރުކުރި ފިރިހެން މީހާ] ބުނި ވާހަކައެއް ކަމަށް. އެެހެންވީމަ އޭނަ ބުނި ބުނުމެއްގެ މައްޗަށް ބިނާކޮށްގެނޯ އެ މައުލޫމާތު ދިނީ ފުލުހުން މި ބުނަނީ. މިއީ ކިހާ ހެއްވާ ކަމެއްތޯ. އަޅުގަނޑުމެން ކޮއްކޮއަށް ނޭނގޭ އޭނާ މީހަކާ ކައިވެނި ކުރިކަމެއް. ކޯޓުން ބޭރުންވެސް އެތެރެއިންވެސް ކައިވެނި ކުރި ކަމެއް ނޭނގޭ. ހަމައެކަނި އޭނާގެ ވާހަކަ އަޑު ނާހާ ކޮއްކޮގެ ބަހެއްވެސް މިކަމުގައި ހޯދަން ޖެހޭނެ ނޫންތޯ. މި ހުރިހާ އަނިޔާއަކާ ހިތާމައެއް އަޅުގަނޑުމެން އާއިލާއަށް ލިބިފައިވާއިރު އަޅުގަނޑުމެން ކޮއްކޮގެ ބަހެއްވެސް ހޯދާކަން އެ މީހުން ބޭނުމެއްނުވި،"

ކުއްޖާ މިވަގުތު ހުރީ ޖެންޑާ މިނިސްޓްރީގެ އެދުމުގެ މަތިން ކައުންސިލިންއަށް އަދި އެހެން ބައެއް ކަންކަމަށް މާލޭގައެވެ. އާއިލާއިން ވަނީ ކުއްޖާއާ ތަކުރާރުކޮށް ސުވާލުކޮށްފައެވެ. އޭނާއާ އެއްވެސް ގޮތަކުން ދިމާވެ ކޯޓުން ބޭރުން ނަމަވެސް ކައިވެނިކޮށްގެން އުޅޭތޯ ތަކުރާރުކޮށް ސުވާލުކުރިއެވެ.

"ކޮއްކޮ ބުނި އޭނާއާ އެ އަނިޔާ ކުރި ދުވަހު ނޫނީ އެހެން ބައްދަލުވެސް ނުވާކަމަށް. ދެން ކިހިނެތްހޯ ކައިވެނިކުރާނީ. ކޮއްކޮ އުޅެނީ ކޯޓުން ބޭރުން ކައިވެނިކޮށްގެނެއް ނޫން. ގަބޫލުކުރަން ބޭނުންނުވިޔަސް މިއަދު އަނިޔާވެރިޔާގެ ސަބަބުން ކޮއްކޮ އިނީ ބަލިވެ. އެހެންވީމަ އިތުރު ދޮގުތަކެއް ހަދައިގެން ކޮއްކޮ އުޅެނީ ކޯޓުން ބޭރުން ކައިވެންޏެއް ކޮށްގެން ކަމަށް ބުނެ އެެއީ ކައިވެނީގެ ތެރެއިން ލިބުނު ކުއްޖަކަށް ހަދާކަށް ކޮއްކޮ ނޫޅެ. މީގަ ދެރައީ ފުލުހުން އަނިޔާ ލިބުނު ކުއްޖާގެ ބަހެއް ނެތި އެފަދަ ވާހަކަތަކެއް ފެތުރުން،"

އާއިލާއިން ބުނީ ފުލުހަށް ގުޅުމުން ހައްޔަރުކޮށްފައިވާ ފިރިހެން މީހާ ބުނާ ގޮތުން މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި އެމީހުން ކައިވެނިކޮށްފައިވާ ކަމަށް ފުލުހުން ކައިރީގައި ބުނެފައިވާ ކަމަށެވެ.

"މިއީ ކުއްޖާ ސަލާމަތް ކުރަން ބުނާ ވާހަކައެއް ނޫން. އެ ކުއްޖާއަކާ އެ މީހާއާ އަކާ ދިމައެއް ނުވޭ. އަދި މި މައްސަލަ މި ޖައްސަނީވެސް އަޅުގަނޑުމެން. ފުރަތަމަ ރިޕޯޓްކުރީވެސް އަޅުގަނޑުމެން. މުއައްސަސާތަކުން އަޅާނުލާ ތިއްބާ ކޮއްކޮ ބަލިވެއިންކަން މި އެނގުނީ. އެހާހިސާބުން އަނެއްކާވެސް އިތުރު އެހެން ވާހަކަތަކެއް މި ދައްކަނީ،"

ހަރުކަށި އާއިލާއެއް ކަމަށް ތުހުމަތު ކުރުން

މިއީވެސް އަންހެން ކުއްޖާގެ އާއިލާގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ކުއްޖަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގާ އެ ކުއްޖާ ބަލިވެ އިން މައްސަލާގައި ހައްޔަރުކުރި މީހެއްގެ ވާހަކަތަކަށް ބިނާކޮށް ފުލުހުން މިވަނީ އާއިލާއެއްގައި "ހަރުކަށި" ލޭބަލް އަޅުވާފައެވެ.

އަދި ކޯޓުން ބޭރުން ކައިވެނި ކުރި ކަމުގެ ތުހުމަތުވެސް ކޮށްފައެވެ.

"އަޅުގަނޑުމެން އެކަކީވެސް ހަރުކަށި ފިކުރުގެ ބައެއް ނޫން. ކުއްޖާގެ ދެ ބޭބެ އުޅެނީ ރިސޯޓްގައި. ދެން ކުޑަކުއްޖާވެސް އަދި އާއިލާގެ އިތުރު ތިން މެންބަރަކު އުޅެނީ މޫނު ބުރުގާ އަޅައިގެން. އެއީ ދީނީ ކަމެއްގެ ގޮތުގައި ކުރިކަމެއް. އެއީ ހަރުކަށިވެގެން ކުރިކަމެއް ނޫން. މޫނު އެޅުން އެއީ ހަރުކަށި ކަމެއްވާނަމަ އެއީ ހަރުކަށިކަމެއް، އެ ނޫން އެއްވެސް ކަމެއް އަޅުގަނޑުމެންގެ އާއިލާގައި ނުވާނެ،"

މި ޝަކުވާ އާއިލާއިން ވަނީ ޖެންޑާގައިވެސް ކޮށްފައެވެ. ނަމަވެސް ޖެންޑާއިން ވަނީ ފުލުހުންގެ ތަހުގީގުގެ ތެރެއަށް އެ މިނިސްޓްރީއަށް ނުވަދެވޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ޖެންޑާގެ މަޝްވަރާގެ މަތިން މިކަން ފުލުހުންގެ މިކަމާ ގުޅޭ ޑިޕާޓްމަންޓްގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ.

"އެ ޑިޕާޓްމަންޓަށް ގުޅުމުން ބުނި ތިއީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެކޭ. އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަންގާނެ ކަމަށް ބުނިފަހުން މިހާރު ތިން ދުވަސްވަނީ އަދި ހަބަރެއް ނުވޭ. ނަމަވެސް އަޅުގަނޑުމެންގެ އާއިލާ މިހާރު ވަނީ ހަރުކަށި އާއިލާއެއްގެ ގޮތުގައި ލޭބަލްވެފައި. ކޯޓުން ބޭރުން ކައިވެނިކުރާ ބަޔަކަށް އަޅުގަނޑުމެން މިވަނީވެފައި. ހުރިހާ އަނިޔާއެއް ލިބި އެންމެ ފަހުން އިންސާފު ހޯދަން މަސައްކަތް ފެށުމުންވެސް ހުރިހާ ބަދުނާމެއް ދެރައެއް މި ލިބުނީ އަޅުގަނޑުމެންގެ އާއިލާއަށް. ފުލުހުން ތަހުގީގުގެ މިހާ ކުރީކޮޅު މިފަދަ ގޯސްތަކެެއް ހެދުމަކީ އިންސާފާމެދު ކުރަމުން އައި އުންމީދު މުޅިން ގެއްލުންފަދަ ކަމެއް،"