ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި އިތުރު ދެ ކެންޑިޑޭޓަކު ނަން ނަގައިފި އެވެ. މީގެ ކުރިން ފަސް ކެންޑިޑޭޓަކު ވަނީ ނަން ނަގާފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ މިއަދު ނަން ނަގާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރަން ހުށައެޅި ކެންޑިޑޭޓެއް ކަމަށެވެ.
އެއީ ލ. ކަލައިދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ މަރްޔަމް އާތިރާގެ އިތުރުން ތ. ތިމަރަފުށީ ކައުންސިލްގެ ރައީސްގެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރާ ހަސަން ޒަރީރެވެ.
މީގެ އިތުުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން ހުށައެޅާފައިވާ ދެ ކެންޑިޑޭޓަކުވެސް ވަނީ ނަން ނަގާފައެވެ. އެއީ ބ. ހިތާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަމިއްލަ ގޮތުން ވާދަކުރާ އަމްނާ ހުސައިންގެ އިތުރުން ހއ. މޮޅަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަމިއްލަ ގޮތުން ވާދަކުރަން ހުށައެޅި ޒަހީނާ އަބްދުއްރަޝީދެވެ.