ބ. ބޮޑުފިނޮޅުގައި ގިނަ އަދަދެއްގެ ބިދޭސީންނަށް ހަތް މަހުގެ މުސާރަ ނުދީ އެ މީހުންގެ އިންސާނީ ހައްގުތައް ހިފަހައްޓައި، ހިއުމަން ޓްރެފިކިން އާއި އެ ނޫންވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލާގައި ކަމާ ގުޅުން ހުރި ސަރުކާރުގެ މުއައްސަސާތައް އެލާޓަށް އައިސް މައްސަލަ ބަަލަމުން ދާއިރު މައްސަލައިގެ އެންމެ ބޮޑު ދައުރެއް އަދާ ކުރަން ޖެހޭ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އޮތީ ހިމޭނުންނެވެ.
ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ރިސޯޓެއް ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި 400 އެއްހާ ބިދޭސީން މަސައްކަތް ކުރަމުން ދިޔަ އެވެ. އޭގެ ތެރެއިން މިހާރު ތިބި 198 ބިދޭސީންނަށް މުސާރަ ނުދޭއިރު ގިނަ މީހުންގެ އެއްވެސް ރަސްމީ ޑޮކިއުމަންޓެއް ނެތެވެ. އެއީ ކޮން ބައެއް ކަން ވެސް ކަށަވަރެއް ނުކުރެވެ އެވެ.
އަދި ގިނަ ބިދޭސީންތަކެއް ގަވައިދާ ހިލާފަށް ގެނެސް މުސާރަ ނުދެވުމުން މާލެ ފުރުވާލާ ކަމަށް ވެސް ވަނީ ތުހުމަތު ކުރެވިފަ އެވެ. އެކަމާ ގުޅިގެން އެ ބިދޭސީން ބަލަހައްޓަމުން އައި، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ރިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހިއުމަން ޓްރެފިކިންގެ ތުހުމަތުތައް ވެސް ވަނީ ކުރެވިފަ އެވެ.
އެ މައްސަލަ ފެންމަތިވެ ހޫނު ވުމުން، ބިދޭސީންގެ ކަންކަން ބަލަހައްޓާ އިމިގްރޭޝަނާއި އިކޮނޮމިކް މިނިސްޓްރީ އަދި ފުލުހުން ވަނީ ބޮޑުފިނޮޅަށް ގޮސް އެ މައްސަލަ ބަލަން ފަށައިފަ އެވެ. ނަމަވެސް އެޗްއާރްސީއެމުން އެ މައްސަލަ ބަލާފައެއް ނުވެ އެވެ. އަދި މިހާތަނަށް އައިއިރު އެ މައްސަލައާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވެސް ބުނެފައެއް ނެތެވެ.
އެޗްއާރްސީއެމްގެ ބަހެއް ހޯދަން އަވަސް އިން މަސައްކަތް ކުރުމުން އެ ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ އެކަން ބަލަމުންދާ ކަމަށެވެ. ނަމަވެސް ބޮޑުފިނޮޅު ސައިޓަށް ނުދިޔައީ ކީއްވެތޯ އާއި އެ މައްސަލާގައި މިހާތަނަށް ހިމޭނުން އޮތީ ކީއްވެތޯ ސުވާލު ކުރުމުން އެއްޗެއް ވިދާޅެއް ނުވި އެވެ.
އެޗްއާރްސީއެމުން މީގެ ކުރިން ވެސް ބިދޭސީންގެ ހައްގުތައް ވަކާލާތުކޮށް، ބަޔާން ނެރެ އިހުމާލުގެ މައްސަލަތައް ބަލަ އެވެ. އެގޮތުން ވަޒީފާއާ ބެހޭ ގާނޫނާއި މީހުން ޓްރެފިކް ކުރުން ހުއްޓުވުމާބެހޭ ގާނޫނު އަދި އިމިގްރޭޝަން ގާނޫނުގައި ބިދޭސީންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ހިފެހެއްޓުމަށް ތަކުރާރުކޮށް ސަރުކާރަށް ގޮވާލާފައިވެ އެވެ.
އެޗްއާރްސީއެމްގެ ވެބްސައިޓުގައި އެ ކޮމިޝަންގެ މައްސޫލިއްޔަތުތަކުގައި ބަޔާންކޮށްފައިވާ ގޮތން މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފި ކަމަށް ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެ ކަމަށް ބުނެ މައްސަލައެއް ހުށަހަޅައިފި ނަމަ ނުވަތަ ކޮމިޝަނަށް އެފަދަ ކަމެއް ހިނގާކަން ގަބޫލު ކުރެވިއްޖެނަމަ އެ މައްސަލަ ތަހުގީގުކޮށް ބަލަން ޖެހެ އެވެ. އަދި އެކަން ހުއްޓުވުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅަން ޖެހެ އެވެ.
މި މައްސަލާގައި އެޗްއާރްސީއެމް ހިމޭނުން އޮތްއިރު އެ ކޮމިޝަންގެ މެންބަރުން އެކަށީގެންވާ މިންވަރަށް ޒިންމާ އަދާ ނުކުރާ ކަމަށް ބުނެ، އެ މެންބަރުން ވަކި ކުރުމުގެ މަސައްކަތް ރައްޔިިތުންގެ މަޖިލީހުން ވަނީ ފަށައިފަ އެވެ.