ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގެ ބައެއް އަލާމާތްތަކުން ބޮޑުވަރު ވާނެ މީހުން އެނގޭ

ކޮރޯނާވައިރަހުގެ އަލާމާތްތަކަށް ވުރެ މިހާރު މީހުން ބިރުގަންނަ އެއްވެސް ބައްޔެއްގެ އަލާމާތެއް ނެތެވެ. ނަމަވެސް ކޮވިޑް-19 އިގެ ބައެއް އަލާމާތްތަކަކީ ސައިންސްވެރިން ބުނާ ގޮތުގައި ބިރުގަންނަން ޖެހޭ ވަރަށް ވުރެ އޭގެ ނަތީޖާ ރަނގަޅު އަލާމާތްތަކެކެވެ.

ފަހުގެ ދިރާސަތަކަކަށްފަހު އެމެރިކަގެ ސިއްހީ އިދާރާއިން ނެރެފައިވާ ކޮވިޑް-19 ޖެހުމުން ވާގޮތާ ގުޅޭ ގޮތުން ތައްޔާރު ކޮށްފައިވާ އެނަލިސުސް އެއްގައިވާ ގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ ތެރެއިން ހޮސްޕިޓަލަށް ދާން ޖެހޭ ވަރު ވާނެތޯ ނުވަތަ އެ ވަރު ނުވެ އާދައިގެ އަލާމާތްތަކެއް ހުރެ ބަލި ފަސޭހަ ވާނެތޯ ވިސްނާލެވޭނެ އެންމެ ރަނގަޅު ގޮތަކީ އެ މީހެއްގެ ފަރާތުން ފެންނަ އަލާމާތްތަކުގެ ބާވަތެވެ.

މިސާލަކަށް ބަލީގެ އެންމެ ފުރަތަމަ އަލާމާތެއްގެ ގޮތުގައި ކާއެއްޗެތީގައި ރަހަ ނުލުމާއި ވަސް ނުދުވުން ވެއްޖެނަމަ، އެހެން އަލާމާތްތައް ފެންނަ މީހުންނަށް ވުރެ މިފަދަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްވާން ޖެހުމުގެ ފުރުސަތު ކުޑަ އެވެ.

މި ހޯދުމުގައިވާ ގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ ތެރެއިން ކާ އެއްޗެތީގެ ރަހަ ނުލުމާއި ވަސް ނުދުވުމުގެ ޝަކުވާ ކުރަނީ 43 ޕަސެންޓް މީހުނެވެ. ނަމަވެސް އެހެނިހެން އަލާމާތްތައް ފެންނަ މީހުންގެ އަދަދު 73 ޕަސެންޓަށް އަރަ އެވެ. ޚާއްސަކޮށް ނޭވާ ކުރުވުން، ނޭވާ ލާން ދަތިވުން އަދި އޮކްސިޖަން މަދުވީމަ މީހުންނަށް ދިމާވާ ގޮތްގޮތްވާ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހެ އެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ނޭވާ ނުލެވި، ބަލީގައި އެންމެ ބޮޑުވަރުވާ މީހުން އެއްގޮތަކަށް ވެސް ކާއެއްޗެތީގައި ރަހަ ނުލައިގެން ނުވަތަ ވަސް ނުދުވައިގެނެއް ނޫޅެ އެވެ. އުޅުނަސް މި ކަހަލަ ކަމެއް ދިމާވެފައިވަނީ މަދު ބަޔަކަށެވެ.

ޔޫސީ ސެން ޑިއޭގޯއިން ޝާއިއުކުރި ޖާނަލް އިންޓަނޭޝަނަލް ފޯރަމް އޮފް އެލާޖީ ދިރާސާގައި ވެސް މަތީގައިވާ ހޯދުމަކީ އަސްލު ކަން ވާގޮތް ކަމަށް ބުނެފައި ވެއެވެ. މި ދިރާސާގައި ވެސް ބުނެފައިވަނީ ވަސް ނުދުވުމާއި ރަހަނުލުމުގެ އަލާމާތްތައް ފެންނަ މީހުންގެ ތެރޭގައި ގިނައީ ވަރަށް އެހާ ބޮޑަށް ބަލީގައި ބޮޑުވަރު ނުވާ މީހުންނެވެ.

ޔޫސީ ސެންޑިއޭގޯ ހެލްތުގެ އެމްޑީ އަދި ރައިނޮލޮޖިސްޓް، ހެޑް އެންޑް ނެކް ސާޖަން ޑޜ.ކެރޯލް ޔެން ނެރުއްވި ބަޔާނެއްގައި މިކަމުގެ ތަފްސީލުތައް ދެއްވާފައި ވެއެވެ. އޭނާ ވެސް ވިދާޅުވެފައިވާ ގޮތުގައި ވަސް ނުދުވުމާއި ރަހަ ނުލުމުގެ މައްސަލަތައް ދިމާވެއްޖެނަމަ ކޮރޯނާވައިރަސް ހުއްޓަސް އެހާ ބޮޑުވަރު ނުވާނެކަމަށް ލަފާ ކުރެވިދާނެ އެވެ. އަދި މިފަދަ މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކުރަން ނުޖެހުން ވަރަށް ގާތެވެ.

"ކޮރޯނާވައިރަހުން އިންފެކްޓްވެފައިވާ މީހަކަށް ވަސް ނުދުވުމާއި ރަހަ ނުލުން ފަދަ މައްސަލަތަކަކީ ބަލީގެ ފުރަތަމަ އަލާމާތްތަކަށް ވެއްޖެނަމަ އޭނާއަށް މާ ބޮޑުވަރު ނުވެ ފަސޭހަ ވެދާނެކަމަށް ބެލެވިދާނެ. ނަމަވެސް އެ މީހެއްގެ ހަށިގަނޑުގައި އިތުރު އެހެން ބަލިތައް ހުރިނަމަ މިކަން މިގޮތަށް ދިމާނުވުމަކީ އެކަށީގެންވާ ކަމެއް،" ޑރ. ކެރޯލްގެ ބަޔާނުގައި ވެއެވެ.

"ކުއްލިއަކަށް ކާ އެއްޗެތީގައި ރަހަ ނުލުން ނުވަތަ ވަސް ނުދުވުން ފަދަ ކަމެއް ދިމާވެއްޖެނަމަ އެއްގޮތަކަށްވެސް ހާސްވެ ބިރު ނުގަންނާތި. އެފަދަ ކަމެއް ދިމާވުމުން ތިމާގެ ހަށީގަނޑުގައި ކޮރޯނާވައިރަސް ހުރެދާނެކަމަށް ގަބޫލުކޮށް އެހެން މީހަކަށް އެ ބަލި ނާރާތޯ އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅައި މީހާ މުޅިން އެހެން މީހުންނާ ވަކިން އުޅެން ފަށަންޖެހޭނެ ވަގުތުން. އެއީ އެހެން މީހަކަށް އެ ބަލި ޖެހުނަ ނުދިނުމަށް. ނަމަވެސް ތިމާއަށް ބަލި ޖެހުނަސް މާ ބޮޑުވަރު ނުވުމުގެ ފުރުސަތު ބޮޑުކަން ހިތަށް އަރުވާ ހިތްހަމަޖައްސާލަން ޖެހޭނެ. އަދި އެއްވެސް ފަރުވާއަކާ ނުލާ ބަލި ރަނގަޅުވުމުގެ ފުރުސަތު މިފަދަ މީހުންނަށް ބޮޑު،" ޑރ. ކެރޯލް ވިދާޅުވި އެވެ.