ޕޮލިޓިކްސް

"ނިޔަތް ރަނގަޅު" ސިޔާސީ އަމަލުތައް!

Jul 8, 2020
1

ރާއްޖޭގެ ވެރިކަމުގެ ނިޒާމު މިހާރު ހަމަޖެހިފައިވާ ގޮތުން ވެރި ކަމަށް އާދެވެނީ ކޮންމެވެސް ސިޔާސީ ފިކުރަކަށެވެ. ނުވަތަ ސިޔާސީ ޕާޓީއަކަށް ނުވަތަ ޕާޓީތަކެއް އެކުވާ ކޯލިޝަނަކަށެވެ. ފިކުރަކީ، ސިޔާސީ އެކި ޕާޓީތަކަށް ތަފާތު އެއްޗެކެވެ. އަދި އެއްބަޔަކީ ބިނާ ކުރާ ފިކުރު ކަމަށް ބުނާއިރު އަނެއް ބަޔެއްގެ ފިކުރަކީ ފަނާ ކުރާ ފިކުރު ކަމަށް ވެސް ބުނެ އެވެ. އެކަމަކު ހުރިހާ ސިޔާސީ ޕާޓީތަކުގެ ވެސް ވިސްނުމަކީ ބިނާ ކުރާ ވިސްނުމެކެވެ. ފަނާ ކުރާ ވިސްނުމުގެ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށް ދައުލަތުގެ ބަޖެޓުން ހަރަދެއް ނުކުރާނެ އެވެ. ވެރިކަމަށް އަންނަން ވެގެން ގިނަ ޕާޓީތަކަކުން އެއްގަލަށް އެރޭ އެރުމަކީ މި ކަމުގެ ހެއްކަކަށް ވެސް ފުދެ އެވެ.

ސިޔާސީ ޕާޓީތައް އުފައްދަނީ ރަނގަޅު ނިޔަތެއްގަ އެވެ. ތަފާތު ވަނީ ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް އަމަލުކުރާ ގޮތެވެ. ކޮންމެ ފަހަރަކު ވެސް، އެ ވަގުތަކު ވެރިކަންކުރާ ޕާޓީ ނުވަތަ ޕާޓީތަކަކުން އަމަލު ކުރާ ގޮތް، އޭރެއްގެ އިދިކޮޅަށް "ގޯސް" ވާނެ އެވެ. ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް ވެރިކަމަށް އައުމަށްޓަކައި ކުރާ ހަލަބޮލި އަދި އުންމީދީ ދަތުރުގައި، އިންސާފާއި، ހަމަހަމަކަމާއި، އިގްތިސޯދީ ފުދުންތެރި ކަމާއި، ތައުލީމާއި، ސިއްހީ، އުމްރާނީ އިޖްތިމާއީ އަދި މިނޫނަސް ރައްޔިތުންނަށް ބޭނުންޖެހިފައިވާ އެތައް އެތައްކަމެއް ކޮށްދީ، ފުއްދައި ދިނުމަށް ބޮޑެތި ވައުދުތަކެއް ވާތީ އެވެ.

ހިނގާފައިވާ "ނިޔަތް" ރަނގަޅު ގޯސް އަމަލު ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރާ ބައެއް ކަންކަން ހުރެ އެވެ. ވެރި ކަމަށް އާދެވުމާއެކު ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައި ހުރި ފައިސާ، ވެރިކަމަށް އަންނަން ހަރަދުކުރި ފަރާތްތަކަށް ބަހާ ހުސްކޮށްލާ ވާހަކަ ދައްކަ އެވެ.

ޕާޓީ ސިސްޓަމެއްގައި ވެރިކަމަށް އާދެވެނީ އެތައް ބަޔެއްގެ ބުރަ މަސައްކަތާއި ނުހަނު ބޮޑު ހޭދަތަކެއް ކޮށްގެންނެވެ. ހާލުގައި ޖެހިފައި ތިބޭއިރު އެހީތެރިވާ ފަރާތްތަކުގެ މަސްލަހަތު އިސް ކުރެވެ އެވެ. ހަލުގައި އުޅުނުއިރު ޖެއްސުން ކުރުމަށާއި ކުޅިބަލަންތިބި ރައްޔިތުންގެ މަސްލަހަތުތަކާއި އުންމީދުތައް އިސްކުރަން ޖެހޭ ސަބަބެއް ނޯވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެކިވަރަށް ބައިވެރި ކަމަށް ބެލެވޭ 200 އަށްވުރެ ގިނަ މީހުން އުޅޭއިރު، މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް، އެ މައްސަލާގައި ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖަލުގައި ބޭއްވުމުން ރައީސް ޔާމީންގެ ހަތުރުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.

މިހާތަނަށް ތާރީހުގައިވެސް ސިޔާސީ ޕާޓީއަކަށް ގާނޫނު ހަދާ މަޖިލީހުން ގޮނޑިލިބިފައި ނުވާވަރަށް ވެރިކަންކުރާ މައި ޕާޓީއަށް އެ އިންތިހަބުގައި ގޮނޑި ލިބިފައިވުމީ، ސަޕޯޓަރުންގެ ހިތްހަމަޖެހުން ކަށަވަރުކޮށްދޭ ކަމެކެވެ. ޖުމްލަ ރައްޔިތުން ބޭނުންވާ ހަމަހަމަ އިންސާފަކީ ފަހުގެ ކަމެކެވެ.

ދައުލަތަށް ލިބެން ޖެހޭ އެތައް މިލިޔަން ޑޮލަރު، ދައުލަތަށް ނުވައްދާ އެކިއެކި އަމިއްލަ ފަރާތްތަކަށް ޖަމާ ކުރުމަށް ހުއްދަދީ ބޭންކުތަކުން އެކަންކުރި ފަރާތްތަކުގެ ވާހަކަ އެއްވެސް ބަޔަކު ނުދައްކާއިރު، ހާސް ކަމެއް ނެތި އެފަރާތް ތަކުން އުޅޭ އުޅުމަކީ ހަމަހަމަ އިންސާފު ގާއިމު ވުން ހެއްޔެވެ؟

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ދިމާކޮށް އެ މައްސަލާގައި ދެން ދައުވާ ކުރާނީ ވެސް "ނިޔަތް" ގޯސް މީހުނަށް ކަމީ އަނެއްކާ ވެސް ވެދާނެ ގޮތެކެވެ.

"ހިޔާ" މަޝްރޫއުގެ 7000 ފްލެޓް ކޮތަރު ނޫން އެއްޗެއް ދިރިއުޅެން ކަމަކު ނުދެ އެވެ. މިދިޔަ ސަރުކާރުން ލޯނު ނަގައިގެން ރައްޔިތުންނަށް އަޅާފައިވާ ސޯޝަލް ހައުސިން ފްލެޓްތައް ކޮތަރު ދިރިއުޅެން ރަނގަޅު މިވީ ސަޕޯޓަރުން ރުއްސޭނެ ގޮތަކަށް ބަހާ ނުލެވޭނެތީ ހެއްޔެވެ؟ ނުވަތަ ބޯހިޔާވަހިކަމުގެ ފޮނި އުންމީދު ދެކެމުން ދިޔަ އެތައް ރައްޔިތަކު އެކަމުން މަހުރޫމް ކުރުވާ މާޔޫސްކޮށްލަން ހެއްުޔެވެ؟ ނުވަތަ އަންނަ އިންތިހާބުގައި އިތުރު ވޯޓް ހޯދާނެ ޓޫލްއެއްގެ ގޮތުގައި މި ފްލެޓްތައް ބޭނުން ކުރުމުގެ ރަނގަޅު "ނިޔަތް" އޮތީމާ ހެއްޔެވެ؟

ފަނޑިޔާރުން ރިޝްވަތު ހިފާކަން ކަށަވަރު ވުމަކީ މި ކަންކުރަންޖެހޭ ސަބަބަކަށް ނުވާނެ ބާވަ އެވެ. ފަނޑިޔާރުން ރިޝްވަތު ހިފާކަން އެ ފަނޑިޔާރުންނަށް ރިޝްވަތު ދިން ބަޔަކަށް ކަށަވަރުވާނެ އެވެ. އެއް މައްސަލައެއް އެތައް ގޮތަކަށް އެންމެ މަތީ މަރުހަލާގައި ވެސް ނިންމާފައި އެބަހުއްޓެވެ. މަޝްހޫރު އެކެއް ފެބުރުއަރީގެ އަމުރަކީ މީގެ ރަނގަޅު މިސާލަކަށް ވާނެ އެވެ.

ފަނޑިޔާރުން ބަދަލު ކުރުމަކީ، އިންސާފުގެ ނަމުގައި ބަދަލުހި ފުމަށް ހިންގޭ އަމަލަކަށް ނުވާނެ ބާވައެވެ؟ މުޅި ޖުޑިޝަރީގައި އެކެއްގެ ނުވަތަ އެއްބައެއްގެ މަސްލަހަތު މިހާރު ހިމެނިފައިވުމީ "ނިޔަތް" ރަނގަޅު ކަމަކަށްވުމުން އިންސާފު ކަށަވަރު ވާނެބާ އެވެ؟

ކޮވިޑް19 އާ ގުޅިގެން ގެންނަން އުޅުނު ވެންޓިލޭޓަރު ތަކަށް މިލިޔަނުން ޚަރަދުކޮށް މިއަދާހަމަޔަށް ވެސް އެވެންޓިލޭޓަރުތަށް ލިބިފައި ނެތަސް، އެކަމުގެ "ނިޔަތް" ރަނގަޅެވެ. ސަފާރީއެއްގައި މީހަކު ރޭޕް ކުރިބަޔަކު ކުށުގެވެށިން ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުން ބަޔާން ނެރުމަށް ފަހު އެއްވެސް ތަހުގީގަކާއި ނުލާ އެމީހުން ދޫކޮށްލާފައި ވަނީ ހަމަ ނިޔަތް ރަނގަޅު ކަމުންނެވެ.

ކުރިން ރާއްޖޭގެ ރަށްތަކާއި ފަޅުތަށް ބިޑަކާއިނުލާ ކުއްޔަށްދިނުން ގޯހެވެ. މިހާރު ހަމައެގޮތަށް އެކަންކުރުން ރަނގަޅެވެ. އެއީ ނިޔަތް ރަނގަޅުވީމަ އެވެ. ކުރިން ދައުލަތުގެ ތިން ބާރު އެއްވެފައި އޮތުން ގޯހެވެ. މިހާރު ރަނގަޅެވެ. އެއީ މިހާރު "ނިޔަތް" ރަނގަޅުވީމަ އެވެ.