ހަބަރު

ފިނޭންސް އިމާރާތުގެ މައްސަލާގައި އެޗްޑީސީ 22 މިލިއަން ޑޮލަރު ދޭން ޖެހިއްޖެ

Jul 7, 2020
8

ހުޅުމާލޭގައި 25 ބުރީގެ އިމާރާތެއް އެޅުމަށް މިދިޔަ ސަރުކާރުން ހަވާލުކޮށްފައިވާ މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީ އަށް 22.8 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އޭއައިއޭސީ)އިން ކަނޑައަޅައިފި އެވެ. ފައިސާ ހަތް ދުވަސް ތެރޭގައި ދެއްކުމަށް ވެސް އެޗްޑީސީގެ މައްޗަށް އަމުރުކޮށްފައިވެ އެވެ. އެއީ ރުފިޔާއިން ބަލާނަމަ 352 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީއަށް ބޭނުންވާ އާ އިމާރާތުގެ މައްސަލާގައި ޑަބްލިއުޒެޑްއާރު ޕްރޮޕަޓީ އާބިޓްރޭޝަނަށް ދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ މައްސަލާގައި އޭއައިއޭސީގެ ނިންމުން އައިސްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. މައްސަލަ ހުށަހެޅީ ހުޅުމާލެ ބަލަހައްޓަމުންދާ އެޗްޑީސީ ކުންފުންޏާ ދެކޮޅަށެވެ.

އޭއައިއޭސީގެ ނިންމުމުގައި ބުނެފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހު ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއިން ކޮށްފައިވާ އިންވޮއިސްއަކަށް އަދިވެސް ފައިސާ ލިބިފައި ނެތްކަން އެނގޭ ކަމަށެވެ. އެކްސްޗޭންޖް ރޭޓުން ބަލާނަމަ އެ އިންވޮއިސްގެ އަގު މިހާރު 22,823,432.68 ޑޮލަރަށް އަރާ ކަމަށެވެ.

އޮފީސް ކޮންޕްލެކްސްއެއްގެ ގޮތުގައި އެ އިމާރާތް ފުރަތަމަ އެޅުމަށް ނިންމީ މިހާރު ވެސް ފައިނޭންސް މިނިސްޓްރީ ހުރި ތަނުގަ އެވެ. ނަމަވެސް ފަހުން އެ އިމާރާތް ހުޅުމާލޭގައި އަޅަން ނިންމައި މަސައްކަތް ފެށި އެވެ. މަޝްރޫއު ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއާ ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އެއީ 123 މިލިއަން ޑޮލަރުގެ މަޝްރޫއުއެކެވެ. މަޝްރޫއުގެ މަސައްކަތް ފަށައި ޕައިލިންގެ 60 ޕަސެންޓް މަސައްކަތް އެ ކުންފުނިން ނިންމި އެވެ. މަޝްރޫއު ރޭވިފައި އޮތީ ބޮޑެތި އޮފީސް ޓަވަރުތަކާއެކު މިދިޔަ އަހަރުގެ ނިޔަލަށް މަޝްރޫއު ނިންމާ ގޮތަށެވެ.

ނަމަވެސް 2018 ވަނަ އަހަރު ސަރުކާރު ބަދަލުވެ މި ސަރުކާރު ވެރިކަމަށް އައިސް ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމާފަ އެވެ. އަދި ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއާ މަޝްވަރާކޮށް އާބިޓްރޭޝަނުން ބޭރުން ހައްލު ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

އެކަމާ ކަންބޮޑުވެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީގެ ޗެއާމަން މެލޭޝިއާގެ ނޫހަކަށް އިންޓަވިއު ވެސް ދެއްވާފައިވެ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެކަމާ މަޝްވަރާ ކުރުމަށް ފިނޭންސް މިނިސްޓަރާއި ފޮރިން މިނިސްޓްރީއަށް ސިޓީ ފޮނުވައިގެން ވެސް ޖަވާބެއް ނުލިބެ އެވެ. އަދި މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ވެސް ޖަވާބެއް ނުލިބުނު ކަމަށެވެ.