ނޭކުރެންދޭ

ގެއްލުން ބުނެދޭން ނޭކުރެންދޫ ކަނޑޫފަލުން މަޖިލީހަށް ކަނޑޫ ހަދިޔާކޮށްފި

ރާއްޖޭގެ އެންމެ ބޮޑު، ހދ. ނޭކުރެންދޫގެ ކަނޑޫފާ މަރުވަމުންދާތީ އެ ކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ގެނައުމުގެ ގޮތުން އެ ރަށް ހިމެނޭ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ މިއަދު މަޖިލީހަށް ކަނޑޫފާގެ ކަނޑޫތައް ގެންގޮސްގެން އެ މައްސަލައިގެ ކަންބޮޑުވުން ހިއްސާ ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޭކުރެންދޫ ކަނޑޫފާއަށް އަންނަ ބަދަލުތަކުގެ ކަންބޮޑުވުން މެންބަރު ރާއީ ހިއްސާ ކުރެއްވީ، ގދ. ތިނަދުއަށް އުދައެރުމުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

އެ މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު ރާއީ ވަނީ ނޭކުރެންދޫ ކަނޑޫފަލަށް އަންނަ ބަދަލުތަކުގެ ފޮޓޯތައް ދައްކާލައިފަ އެވެ. ފޮޓޯތައް ހިއްސާ ކުރައްވަމުން މެންބަރު ރާއީ ވިދާޅުވީ ނޭކުރެންދޫ ކަނޑޫފަލުން 10،000 އަށް ވުރެ ގިނަ ކަނޑޫ ގަސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށެވެ.

މެންބަރު ރާއީ ވަނީ މީގެ ކުރިން އެ ރަށުގެ ކަނޑޫފަލުން ލިބޭ ކަނޑުލާއި ކަނޑޫފަލުގެ ގަސްތައް މަރުވާން ފެށި ފަހުން ލިބޭ ކަނޑުލުގެ ޕެކެޓެއް ވެސް މަޖިލީހަށް ގެނެސްފަ އެވެ. އަދި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެ ދެ ޕެކެޓް އޭނާ ހަދިޔާ ކުރެއްވި އެވެ.

މެންބަރު ރާއީ ވިދާޅުވި ގޮތުގައި، އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީގެ މުގައްރިރު އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) އަށް ވެސް ފޮޓޯތަކާއި ކަނޑޫގެ ހާލަތު ހިއްސާ ކުރައްވާނެ އެވެ.

"އަޅުގަނޑުމެން ނޭދެން މި ކަނޑޫފާ ހަލާކުވެގެން ދާކަށް. އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް މި ކަނޑޫފަލަށް ހިމާޔަތް ދިނުން. އެހެން ނޫންނަމަ މިއީ އިޔާދަނުކުރެވޭ ވަރުގެ ބޮޑު ތަރިކައެއް. އިޔާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް،" މެންބަރު ރާއީ ވިދާޅުވި އެވެ.

ރައީސް ނަޝީދު ވެސް ވިދާޅުވީ، ނޭކުރެންދޫ ކަނޑޫފަލަކީ އިންޑިއާ ކަނޑުގައި އޮތް އެންމެ ބޮޑު ކަނޑޫފާ ކަމަށާއި، ކަނޑުފާ މަރުވާ ސަބަބު އަވަހަށް ސާފުކޮށް އެ މައްސަލައަށް ހައްލެއް ހޯދައިދޭން ޖެހޭ ކަމަށެވެ.