އަވަށްޓެރި ސްރީލަންކާގައި ހުންނަ ރާއްޖޭގެ ކަލްޗަރަލް ސެންޓަރަށް ޖިމް އިންސްޓްރަކްޓަރަކު ހޯދަން ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން އިއުލާން ކޮށްފި އެވެ.
އެ އިއުލާނުގައިވާ ގޮތުން މި މަހުގެ 15 ދުވަހުގެ 12:00 ޖެހުމުގެ ކުރިން ކޮލަމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ހުށަޙަޅަން އެދިފައި ވެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ. އީމެއިލް ކުރާނަމަ ފޮނުވާނީ މި އެޑްރެސް [email protected] އަށެވެ.
ކޮންޓްރެކްޓް އުސޫލުން ހަމަޖައްސާ ޖިމް އިންސްޓްރަކްޓަރުގެ މުސާރަ އަކީ 6000 ރުފިޔާ އެވެ.
ޖިމް އިންސްޓްރަކްޓަރުގެ މައިގަނޑު ޒިންމާއަކީ ކަލްޗަރަލް ސެންޓަރުގެ ޖިމްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ފިޓްނަސް ކުލާސް ނަގައި ދިނުމާއި ޖިމްގެ ހިދުމަތް ހޯދަން ދާ ފަރާތްތަކަށް ކަމާބެހޭ ފިޓްނަސް މައުލޫމާތު ފޯރުކޮށް ދިނުމާއި ޖިމް އެކިއިޕްމެންޓްގެ އިންވެންޓްރީ ބެލެހެއްޓުމެވެ.
ރާއްޖެއިން ބޭރުގައި އެންމެ ގިނަ ދިވެހިން އުުޅެމުންދާ ގައުމަކީ ސްރީ ލަންކާ އެވެ. އެ ގައުމުގައި ރާއްޖޭގެ 15،000 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ. ވަރަށް ގިނަ އަދަދެއްގެ މީހުން ސޯސަން ވިލާގެ ޖިމް ބޭނުން ކުރެ އެވެ.