ރައީސް މުހައްމަދު ނަޝީދު

ބޯހިޔާވަހިކަމުގެ ވައުދު ފުއްދާނަން: ނަޝީދު

އެމްޑީޕީން ރައްޔިތުންނަށް ވައުދީ ބޯހިޔާވަހިކަމުގެ ވައުދު އަދި ފުއްދިފައިނުވިނަމަވެސް މި ސަރުކާރުގައި އެ ވައުދު "ރަނުން ރަނަށް" ފުއްދަވައިދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 169 ވަނަ ބައްދަލްވުމުގައި މިރޭ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަން ހޯދާދިނުމުގެ ވައުދަކީ މާލޭ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް އެމްޑީޕީން ވެފައިވާ ވައުދެއް ކަމަށެވެ.

އެ ވައުދު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ފުއްދިފައިނުވާ ކަމަށާ އެކަންނުވީ އެ ވެރިކަން ގެއްލުމުން ކަަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ބޯހިޔާވަހިކަމުގެ ވައުދު ރަނުން ރަނަށް ފުއްދަވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ގުޅީފަޅާއި ހުޅުމާލެއިންވެސް މި ސަރުކާރުން ގޯތި ދޭނެ ކަމަށް ވިދާޅުވިއެވެ.

"ގުޅީފަޅުންވެސް ގޯތިދެވޭނެ، ހުޅުމާލެއިންވެސް ގޯތިދެވޭނެ އަދި އެހެން ގޮތްގޮތްވެސް ހޯދޭނެ މި މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާދިނުމަށް. އަޅުގަނޑު މާލޭ ރައްޔިތުންނަށާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަަށް ޔަގީންކޮށް އަރުވަން، އަޅުގަނޑުމެންނަށް އޮޅިގެން ނޫޅޭ ތިޔަ ބޭފުޅުންގެ ހާލެއް. އަޅުގަނޑުމެންނަށް އެނގޭ ތިޔަ ރައްޔިތުންނަށް ތިޔަ އެދޭ އެދުން އަދި ވަނީ ނުފުއްދިފައިކަން،"

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު މި ސަރުކާރުން އަދި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ނުފަށައެވެ. ނަމަވެސް 20،000 ފްލެޓް އެޅުމުގެ މަޝްރޫއެއް މި ފަސް އަހަރު ކުރިއަށް ގެންދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. ކުރީ ސަރުކާރުން ފެށި 7،000 ފްލެޓްގެ މަަސައްކަތް ނުނިމި ލަސްވަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި ހިޔާ މަޝްރޫއާ ގުޅޭގޮތުން އެކި ފަހަރު އެކި ވާހަކަތައް ސަރުކާރުން ދައްކަމުންދާތީ ގިނަ ބަޔަކު ވަނީ ރުޅިގަދަވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ދައުލަތުގެ އާމްދަނީ އިންތިހާއަށް ދަށްވެފައިވީނަމަވެސް އުންމީދު ގެއްލުވާ ނުލާ ކަމަށެވެ. ވެފައިވާ ވައުދުތައް ފުއްދޭނެ ކަމަށާ އެކަމަށް އެޖެންޑާއެއް އެބައޮތް ކަމަށެވެ.

އެންމެ ބޮޑު ރަހުމަތަކީ މިވަރުގެ ބޮޑު ރޯގާއެއް ޖެހުނުއިރު އެމްޑީޕީ ވެރިކަމުގައި އޮތުން ކަމަށާ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެޕާޓީ ދެމި އޮންނާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ދެވަނަ ފަހަރަށް އެމްޑީޕީން ސަރުކާރާ ހަވާލުވީ "ތަންދޮރު" ދަންނަ ބައެއްގެ ގޮތުގައި ކަމަށާ މުޅި ރާއްޖޭގައި މިހާރު އޮތީ އެމްޑީޕީގެ ވިސްނުމާއި ފަލްސާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ވައުދުވެ ވައުދު ފުއްދާ ޕާޓީއެއް. ވައުދުވުމަކީ މި ޕާޓީން ކުރާންފެށި ކަމެއް. އެހެން ބަޔަކު ދަންނަ ކަމެއް ނޫން. ވާ ވައުދުތައް 'ރަނުން ރަނަށް' އަޅުގަނޑުމެން ފުއްދައިދޭނަން،"

ރައީސް ނަޝީދު މިރޭ ވަނީ އެމްޑީޕީއަށް ނިސްބަތްވާ މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ މަަސައްކަތް ފާހަގަކުރެއްވިއެވެ.