ބ. ބޮޑުފިނޮޅަށް އަރަން މަސައްކަތް ކުރި ލޯންޗަށް ހަމަލާ ދެވުނީ ގޭންގު ބައެއް ކަމަށް ހީކޮށްގެން ކަމަށް އެ މައްސަލާގައި ހައްޔަރު ކުރި ބިދޭސީއަކު ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނު ކޮށްގެން ހަމަނުޖެހުން ހިންގަން ފެށުމުން ފުލުހުންގެ ވަނީ އެ ރަށަށް އަރަން މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް އެތަނުގައި ތިބި ބިދޭސީން ވަނީ ރަށަށް އަރަން ދިޔަ ފުލުހުންނާ ދިމާލަށް ގާލާއި ދަގަނޑު ފަދަ ތަކެތި އުކާ އެ މީހުން ރަށަށް އެރުމަށް ހުރަސް އަޅައިފަ އެވެ.
އެ މައްސަލާގައި ހައްޔަރު ކުރި ބިދޭސީއަކު ގާނޫނީ ވަކީލެއް މެދުވެރިކޮށް މިއަދު ވަނީ އެ ހާދިސާ ހިނގައިދިޔަ ގޮތާ ބެހޭ ގޮތުން ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ހަމަނުޖެހުން ހިންގަން މެދުވެރިވީ ސީލް މޯލްޑިވްސްގެ މުހައްމަދު އިދްރީސް ނަމަކަށް ކިޔާ މީހަކު ބިދޭސީންނަށް ބިރު ދެއްކުމުން ކަމަށާއި އެ މީހުން މުސާރަ ނުދީ ގައުމަށް ފޮނުވާލާނެ ކަމުގެ އިންޒާރު ދޭން ފެށުމުން ކަމަށެވެ.
އެ އިންޒާރާއެކު ގޭންގު ބަޔަކު އެ ރަށަށް އަރަން މަސައްކަތް ކުރި ކަމަށާއި އަމިއްލަ ސަލާމަތަށްޓަކައި އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމުން އެ މީހުން ރަށަށް އެރުން ނާކާމިޔާބުވި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އޭގެ ފަހުން ރޭގަނޑު އަނދިރީގައި ބަޔަކު އަނެއްކާވެސް ރަށަށް އަރަން އުޅޭ ތަން ފެނުމުން އެ މީހުންނަކީ ކުރިން ވެސް ތޫނު ހަތިޔާރާއެކު ރަށަށް އަރަން އުޅުން މީހުން ކަމަށް ހީކޮށް އެ މީހުން ހުއްޓުވަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެއީ ފުލުހުންކަން އެނގުނީ މާ ފަހުން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"...އޭގެ ފަހުން ރަށަށް އެރުމަށް ފުލުހުން އެއްވެސް ހުރަހެއް އަޅާފައި ނޯންނާނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ބިދޭސީންނަށް ބިރު ދައްކާ ހެއްކަށް ނުފޫޒު ފޯރުވޭ ގޮތައް ދޫކޮށްލާފައި ހުރުމަކީ ކަންބޮޑުވުމެއް ކަމަށާއި 200 އެއްހާ ބިދޭސީންގެ ފުރާނައަށް ގެއްލުންވާ ގޮތައް އޭނާ އަމަލުކޮށްފައިވާއިރު އޭނާއާ މެދު ފިޔަވަޅެއް އަޅާފައި ނުވާތީ އެކަން ކުށްވެރި ކުރާ ކަމަށް ބިދޭސީ މީހާއާ ހަވާލާދީ އެ ބަޔާނުގައި ބުނެފައިވެ އެވެ.
ބިދޭސީންނަށް ބަޔަކު ވަޅިން ހަމަލާ ދޭން ބިރު ދައްކާ ކަމާއި މަރާލާނެ ކަމަށް ބުނި ކަމަށް ބ. އޭދަފުށި މެޖިސްޓްރޭޓްގައި ކުރިޔަށް ދިޔަ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި ވެސް ބިދޭސީން ބުނެފައިވެ އެވެ.