ހަބަރު

ބިދޭސީންނަށް ތަރުޖަމާނަކު ހަމަޖައްސައި ނުދިން ކަމަށް ބުނެ ޖޭއެސްސީއަށް

ބ. ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި ބިދޭސީންގެ މުއްދަތު މަޖިލިސް ކުރިޔަށް ގެންދިޔައިރު ތަރުޖަމާނަކު ހަމަޖައްސައި ނުދިން ކަމަށް ބުނެ އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.

ބޮޑުފިނޮޅުގައި ބިދޭސީން ހަމަނުޖެހުން ހިންގި މައްސަލާގައި 19 ބިދޭސީއެއް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

އެ މުއްދަތު މަޖިލިސް ކުރިޔަށް ދިޔަ ގޮތާބެހޭ ގޮތުން ހައްޔަރު ކުރި ބިދޭސީއެއްގެ ގާނޫނީ ވަކީލު، އާމިނަތު ނަޝްއާ އާދިލް ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ބަންދާ މެދު ގޮތެއް ނިންމުމަށް އެދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މައްސަލާގައި ހުރި ކަންބޮޑުވުންތައް ބިދޭސީންގެ ފަރާތުން ޝަރީއަތުގައި ކިޔާދިން ކަމަށެވެ. އެހެން ނަަމަވެސް ތަރުޖަމާނަކު ހަމަޖައްސާދީފައި ނުވާ ކަމަށާއި އަދި ބައެއް ލިޔެކިޔުމުގައި ވެސް ފުލުހުންގެ ފަރާތުން ސޮއި ކުރުވާފައިވާ ކަމަށެވެ.

އެހެންކަމުން ޖިނާއީ ބޮޑު ކުށެއްގައި ގެންދެވުނު ބިދޭސީންތަކަކަށް ތަރުޖަމާނަކު ނެތި މުއްދަތު މަޖިލިސް ކުރިޔަށް ގެންދިޔަ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އޭގެ އިތުރުން އެ މައްސަލާގައި ފުލުހުން އަމަލު ކުރި ގޮތް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ބޮޑުފިނޮޅު މައްސަލާގެ މުއްދަތު މަޖިލިސް ބޭއްވިއިރު ތަރުޖަމާނަކު ހަމަޖައްސާދީފައި ނުވާ ކަމަށް ވަކީލުން ބުނި ނަމަވެސް އެ އަޑުއެހުން ކުރިޔަށް ދިޔައިރު ތަރުޖަމާނަކާއެކު އެވެ. ތަރުޖަމާނެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އެ ރަށު ކެފޭއެއްގައި މަސައްކަތް ކުރާ ދިވެހި އެނގޭ ބަންގްލަދޭޝް މީހެކެވެ.

ޝަރީއަތް ކުރިޔަށް ދިޔައިރު، ގާޒީ ވަނީ ބިދޭސީންގެ ފަރާތުން ވާހަކަ ދެއްކުމަށް ވެސް ފުރުސަތު ދީފަ އެވެ. އަދި ޝަރީއަތުގައި ކުރިޔަށް ދިޔަ ކަންކަން ތަރުޖަމާނު މެދުވެރިކޮށް އެ މީހުންނަށް ކިޔައިދީފަ އެވެ.