ޗެލްސީގެ ފޯވަޑް ކްރިސްޓިއަން ޕުލިސިޗްގެ ގޭމްގެ ފެންވަރު މިހާރު އެހެން ލެވަލަކަށް އުފުލިފައިވާކަމަށް ޗެލްސީގެ ކޯޗް ފްރޭންކް ލެމްޕާޑް ބުނެފި އެވެ.
ކްރިސްޓަލް ޕެލަސްގެ މައްޗަށް ޗެލްސީ މޮޅު ކޮށްދިނުމުގައި ޕުލިސިޗް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގައި ޗެލްސީގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ޕުލިސިޗް އެވެ. ރޭ ލެސްޓާ ސިޓީ އާސެނަލް އަތުން މޮޅުވުމުން ޗެލްސީ ވަނީ ތިން ވަނަ އަށް ޖެހިލާފަ އެވެ.
ޕްރިމިއާ ލީގްގައި ފުރަތަމަ 11 ގައި ކުޅުނު 16 ވަނަ މެޗުން އެމެރިކާގެ ފޯވަޑް ވަނީ އަށް ލަނޑު ކާމިޔަބު ކޮށްފަ އެވެ. ރޭ ގައި ޖެހި ލަނޑަކީ ކޮރޯނާ ވައިރަހަށް ފަހު ލީގް އަލުން ފެށިފަހުން އޭނާ ކާމިޔާބު ކުރި ތިން ވަނަ ލަނޑެވެ.
ބުރޫޝިއާ ޑޯޓަމުންޑުން މި ސީޒަންގައި ޗެލްސީ އަށް ބަދަލުވި ޕުލިސިޗް އާ މެދު ޗެލްސީގެ ބައެއް ސަޕޯޓަރުން ސިފަ ކުރީ، ޗެލްސީގެ ކުރީގެ ފޯވަޑް އެޑެން ހަޒާޑަށް ނިސްބަތް ކޮށް ދެ ވަނަ ހަޒާޑްގެ ނަމުންނެވެ. އެހެންނަމަވެސް ޗެލްސީއަށް ބަދަލުވެ ސީޒަންގެ ކުރީކޮޅުގައި އޭނާ އަށް އަސްލު ކުޅުން ދައްކަން އުނދަގޫ ވެގެން ދިޔަ އެވެ.
"އަހަރެން އެއްވެސް ލިމިޓެއް ޕުލިސިޗް އާ މެދު ކަނޑަނާޅަން، އަހަންނަށް އެނގޭ އޭނާގެ ހުނަރު ހުރީ ކިހާވަރަކަށް ކަން، އަހަރެން ބޭނުންވީި އޭނާ އަށް އެހީވާން ސަބަބަކީ މިއީ ވަރަށް ފިޒިކަލް ލީގެއް،" ލަމްޕާޑް ވާހަކަ ދެއްކި އެވެ.
"އޭނާ ކުލަބާ ގުޅުނީ ބްރޭކެއް ނެތި އެހެންވެ އަހަރެމެން ތިބީ އޭނާ އާ މެދު ވަރަށް ފަރުވާތެރި ވެގެން، އޭނާ ގުޅުނު ތަނުން ފެށުން އަހަރެން މެނޭޖު ކުރީ ވަރަށް ފަރުވާތެރި ކަމާއެކު."
ލަމްޕާޑް ބުނީ، ޕުލިސިޗް ކުޅޭ މަގާމަށް ކުޅޭ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ލަނޑު ޖަހުމުގެ އިތުރަށް އެހެން ކުޅުންތެރިންނަށް ލަނޑު ޖަހަންވެސް ފުރުސަތު ތަނަވަސް ކޮށްދީ ޓީމު މޮޅުކޮށްދޭން އެހީތެރި ވެދޭ ކަމަށެވެ. ޕުލިސިޗް އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔެކޭ ސީދާ ނުބުނެ ލަމްޕާޑް ބުނީ ލީގް އަލުން ފެށިފަހުން ޕުލިސިޗްގެ ފަރާތުން ފެންނަނީ ތަފާތު ކުޅުމެއް ކަމަށެވެ
މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އޮލިވާ ޖިރޫ އެވެ. ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ޓަމީ އަބްރަހަމް އެވެ. ވިލްފްރެޑް ޒަހާ އާއި ކްރިސްޓިއަން ބެންޓޭކޭގެ ލަނޑުތަކުން ޕެލަސްއިން ވަނީ ނަތީޖާގެ ފަރަގު ކުޑަ ކޮށްފަ އެވެ.