ސިވިލް ކޯޓް

އެޖެންޓުން ފީ ނަގަނީ ބީއެލް އާ އެއްގޮތަށް: ހުކުމް

ޝިޕިން އެޖެންޓުން ނަގާ ފީތަކަކީ އެ މުދަލެއް ރާއްޖެ އުފުލައިދިން ބައިނަލްއަގްވާމީ ޝިޕިން ލައިނެއްގެ ބިލް އޮފް ލޭންޑިން (ބީއެލް) ގެ ދަށުން ނަގާ ޗާޖުތަކެއް ކަމަށާއި އެފަދަ ފީތަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް ބެލޭނީ އެ އެއްބަސްވުމެއްގެ ދަށުން ކަނޑައަޅާފައިވާ ބޭރުގެ ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

ސިވިލް ކޯޓުގެ އެ ނިންމުން އައީ ޑެންމާކުގެ ޝިޕިން ލައިން އެއް ކަމަށްވާ މާސްކް ލައިންގެ ރާއްޖޭގެ ޑެސްޓިނޭޝަން އޭޖެންޓް ކްލަރިއޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ނަގަމުން އަންނަ ފީ އެ ކުންފުންޏަށް ނުނެގޭނެ ކަމަށް ކަނޑައަޅައިދިނުމަށް، ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެންނެވެ.

ސިވިލް ކޯޓުންގެ ހުކުމުގައި ބުނެފައިވަނީ އެއީ ދިވެހިރާއްޖޭގެ ކޯޓަކަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ.

މިދިޔަ ހަފްތާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، ކްލަރިއޯން އަށް ރައްދުވާ ގޮތަށް ލިއޯ އިން ހުށަހެޅި މައްސަލައަކީ، ކްލަރިއޯން އިން ޑެސްޓިނޭޝަން އޭޖެންޓްކަންކުރާ ޑެންމާކުގެ އިންޓަނޭޝަނަލް ކޮންޓެއިނާ ޝިޕިން ކުންފުނި، މާސްކް ލައިންގެ ބިލް އޮފް ލޭޑިންގެ ދަށުން ކުރަމުން ގެންދާ ކަންތައްތަކެއް ނަފީކުރެވޭ ފަދައަކުން ހުށަހަޅާފައިވާ ދައުވާއަކަށްވާތީ، އެއީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ލައިން ކަމަށްވާ މާސްކް ލައިންގެ ބިލް އޮފް ލޭޑިންއާ ގުޅިގެން ދައުވާއެއް އުފުލާ ނަމަ އެކަން ކުރަން ޖެހޭނީ ބިލް އޮފް ލޭޑިންގެ މާއްދާތަކާއި ޝަރުތުތަކުގެ ތެރެއިން 26 ވަނަ މާއްދާގެ ދަށުން، ލަންޑަނުގައި ހުންނަ އިންގްލިޝް ހައިކޯޓް އޮފް ޖަސްޓިސް އަށްކަން އެނގެން އޮންނަ ކަމަށް ހުކުމުގައި ބުނެއެވެ.

ބިލް އޮފް ލޭޑިން އަކީ މުދާ އުފުލާ ދޭ ޝިޕިން ލައިން (ކެރިއަ) އާއި މުދަލުގެ ވެރިފަރާތާ ދެމެދު މުދާ އެއް ބަނދަރުން އަނެއް ބަނދަރަށް އުފުލާ ދިނުމާ ގުޅޭ ގާނޫނީ ލިޔުމެވެ. އެ ލިޔުމުގައި ހިމެނެނީ ޝިޕިން ލައިނުން އުފުލައިދޭ މުދަލުގެ މައުލޫމާތާއި އެ މުދަލެއް ބޭލުމަށް ހަމަޖެހިފައިވާ ބަނދަރާ ގުޅޭ ތަފްސީލްގެ އިތުރުން، އެ ހިދުމަތަށް ނެގުމަށް ހަމަޖެހިފައިވާ އެކި ބާވަތުގެ ފީތަކާ ގުޅޭ މައުލުމާތާއި އަދި މުދާ އުފުލުމުގައި ދިމާވާ މައްސަލަތަކާއި ދެބަސްވުންތައް ހައްލު ކުރާނެ ގޮތްތަކެވެ. ޝިޕިން ލައިންތަކުން މުދާ އުފުލައިދޭނީ، ބިލް އޮފް ލޭޑިން ގެ ޓާމްސް އޮފް ކޮންޑިޝަންސްގެ ދަށުންނެވެ.

ޝިޕިން ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ބައިނަލްއަގުވާމީ ޝިޕިން ކުންފުނިތަކުގެ ބިލް އޮފް ލޭޑިންއާ ގުޅޭ މައްސަލަތައް ބެލޭނެ ވަކި ކޯޓުތަކެއް ބިލް އޮފް ލޭޑިންގައި ކަނޑައަޅާފައި ވަނީ، އެއީ މުޅި ދުނިޔެ އަށް ހިދުމަތްދޭ ކުންފުނިތަކަކަށް ވެފައި ވަކިވަކި ގައުމުތަކުގެ ކޯޓުތަކަށް މައްސަލަ ހުށަހަޅައިގެން ބަލާ ނަމަ އެއީ ކުރަން އުނދަގޫ ކަމަކަށް ވާނެތީ އެވެ. އަދި އެއީ ބައިނަލްއަގުވާމީ ޝިޕިން އިންޑަސްޓްރީގައި ޒަމާނުއްސުރެ އަމަލުކުރަމުން އަންނަ ގޮތް ކަމަށްވެސް އެ ބޭފުޅުން ވިދާޅުވެއެވެ.

ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ، ކްލަރިއޯންގެ އިންވޮއިސްގައިވާ ފައިސާ އަކީ އެ ކުންފުންޏަށް ނެގިދާނެ ފައިސާއެއް ނޫން ކަމަށް ލިއޯ އިން ބުނާ ބުނުން ވެސް ނަފީކޮށްފަ އެވެ. އަދި އެ ފީތަކަކީ މާސްކް ލައިންގެ ބިލް އޮފް ލޭޑިންގ ގެ ދަށުން ކްލަރިއޯން މޯލްޑިވްސް އިން ނަގައި ފައިސާއެއް ކަމަށެވެ.

އެފަދަ ކަމެއް މި ދައުވާގެ ތެރެއިން ހުއްޓުވޭނީ، ސިވިލް ކޯޓުން ނިންމާފައިވާ ގޮތުގައި، އެކަމަކީ މާސްކް ލައިންގެ ބިލް އޮފް ލޭޑިންގެ އާއި ހިލާފަށް ކްލަރިއޯން އިން ކުރާ ކަމަކަށްވާ ނަމަ އެވެ. އެހެން ނަމަވެސް، އެ ފައިސާ އަކީ މާސްކް ލައިންގެ ބިލް އޮފް ލޭޑިންގް މާއްދާތަކާއި ޝަރުތުތަކުގެ ދަށުން މާސްކް ލައިނަށް ލިބިދިން ބާރުގެ ދަށުން، ކްލަރިއޯން އިން ނަގައި ފައިސާއަކަށްވާތީ، އެކަން ނުކުރުމަށް ކްލަރިއޯންގެ މައްޗަށް އަންގަން ޖެހޭ ތަނެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.