ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑާއެކު އެއާ އޭޝިއާގެ މުސްތަގުބަލު ބަނަވެއްޖެ

Jul 8, 2020

ކޮވިޑް-19 އިގެ ސަބަބުން އޭޝިއާގެ އެންމެ ބޮޑު ބަޖެޓު އެއާލައިންކަމަށްވާ އެއާ އޭޝިއާގެ މުސްތަގުބަލު ވަރަށް ބަނަކަމަށް މަޝްހޫރު އޮޑިޓު ކުންފުނި އާންސްޓް އެންޑް ޔަންގުން ބުނެފި އެވެ.

ބަލިމަޑުކަމާއެކު ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކުރުމާއެކު މިދިއަ މާޗު މަހުން ފެށިގެން އެއާ އޭޝިއާގެ ފްލައިޓުތައް ހުއްޓާލާފައިވާއިރު، މިއަދު މެލޭޝިއާގެ ކުންފުނީގެ ހިއްސާ ވަނީ 10 ޕަސަންޓް ދަށަށް ގޮސްފަ އެވެ.

ކުއަލަ ލަމްޕޫރު ސްޓޮކް އެކްސޭންޖަށް އާންސްޓް އެންޑް ޔަންގުން ދިން ބަޔާނެއްގައި ބުނީ އެއާ އޭޝިއާގެ ދަރަނިތައް އިންތިހާއަށް އިތުރުވެފައިވާއިރު، ފްލައިޓުތައް ހުއްޓާލުމުގެ ސަބަބުން ކޭޝް ފްލޯއަށްވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.

މިދިއަ ހޯމަ ދުވަހު 803.8 މިލިއަން ރިންގިޓުގެ ގެއްލުން ރިޕޯޓުކޮށްފައިވާ އެ އެއާލައިނަށް މި ދަތިތަކުން އަރައިގަނެވޭނެކަމާމެދު މިހާރު ވަރަށް ބޮޑަށް ސުވާލު އުފެދިފައިވާކަމަށްވެސް އޮޑިޓުގައި ބުނެފައިވެ އެވެ.

އެއާލައިނުގެ ވެރިޔާ ޓޯނީ ފެނާންޑޭސް ވެސް ވިދާޅުވެފައިވަނީ، މިއީ 2001 ވަނަ އަހަރު އެއާ އޭޝިއާ ވުޖޫދަށް އައިފަހުން، ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

ނަމަވެސް، ކުންފުނީގެ ހަރަދުތައް ދެ ބައިކުޅަ އެއްބަޔަށް މިއަހަރު ކުޑަކޮށްގެން، މި ދަތިކަމުން އަރައިގަނެވޭނެކަމަށް ފެނާންޑޭސް ވަނީ ވިދާޅުވެފަ އެވެ.

އެއާލައިނަށް ބޭނުންވާ އިތުރު އިންވެސްޓްމެންޓުތައް ހޯދުމަށް ޖޮއިންޓް ވެންޗާތައް ހެދުމުގެ އިތުރުން ބޭންކުތައް މެދުވެރިކޮށް ލޯނު ހޯދުމަށް އެ ކުންފުނިން ވަނީ މަސައްކަތް ފަށައިފަ އެވެ.