ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި، ޖޭޕީގެ ރައީސް އަލީ ވަހީދާ ގުޅޭ ޖިންސީ ފުރައްސާރަ އާއި ބަދުއަހުލާގީ އަމަލުތަކުގެ ވާހަކަތައް ފެތުރިފައި އޮންނަތާ ކިތަންމެ ދުވަހަކެވެ. ފުލުފުލުގައި އެފަދަ އޯޑިއޯތައް ލީކްވެ ފަލީހަތްވުން ފަށްފަށްވުމުން ވެސް މިހާތަނަށް އެ ވާހަކަތަކަށް ވުރެ ގަދަވެފައި އޮތީ އަލީ ވަހީދުގެ އަޑެވެ. އޭނާގެ ދުލުގެ ފުދޭ ކަމާއި ވާހަކަ ދެއްކެވުމުގެ މޮޅުކަމުން އެހުރިހާ މައްސަލައެއް ބެލުމަށްވުރެ ސަރުކާރަށް ވެސް މުހިންމު ވެފައި އޮތީ އޭނާގެ ބޭނުންތެރި ކަމަށް ބަލައިގެން އޮތުމަށެވެ. އިއްޔެ އަކީ އަލީ ވަހީދަށް ކުރާ އެފަަދަ ސީރިއަސް އިތުރު އަދި ބޮޑެތި ތުހުމަތުތަކެއްގެ ވާހަކަ ހެނދުނުން ފެށިގެން ރަށުތެރޭގައި އޮތް ދުވަހެކެވެ.
އިއްޔެ ދެކެވެމުން ދިޔައީ ޓޫރިޒަމް މިނިސްޓްރީ ތެރޭގައި އަންހެނުންތަކަކަށް ޖިންސީ ފުރައްސާރަކޮށް ބެހެމުން ދާ ކަމުގެ ވާހަކަތަކެވެ. އޭގެ ތެރެއިން ބައެއް މީހުންނާއި ގަދަ ކަމުން އަދި ބައެއް މީހުން ރުހުމުގެ ބަދަލުގައި "ވިކިގެން" އެކަމެއް ހިނގައިގަތީ ކޮވިޑްގެ "ދިގުބަންދު" ތެރޭގަ އެވެ. މީހުންގެ އަނބިންނާއި މީހުންގެ "ބިޓުން" ނާއި މިނިސްޓްރީގެ މުވައްޒަފުންނާއި އެ ނޫން މީހުން ހަމަވާ ގޮތަށް ދެ އަކުރުގެ އަދަދަކަށް އަރަ އެވެ.
ދިމާއަށް ފެންނާން އޮތް ކުރީގެ ތުހުމަތުތަކާއެކު އިއްޔެ އަލަށް ނުކުތް ހަޑި ވާހަކަތައް "އަލިފާން ހުޅެއް" ފަދައިން އިއްޔެ ރަށުތެރެއަށް ބާރަށް ފެތުރި ގަތުުމުން އަލީ ވަހީދާމެދު ގޮތެއް ނިންމަން ސަރުކާރަށް އޮތީ ފާޑެއްގެ މަޖުބޫރެއް ވެފަ އެވެ. ރޭގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަލީ ވަހީދަށް މަގާމުން އިސްތިއުފާ ދޭން އަންގަވާފަ އެވެ.
ރައީސް އޮފީހުން އެކަން ޔަގީންކޮށް ދިނީ 9:32 ގަ އެވެ. އެ ހަބަރު ކަށަވަރު ވެގެން އައީ ތަރުޖަމާނެއްގެ މާބޮޑު ދައުރެއް ނޯންނަ ތަރުޖަމާން، އިބްރާހިމް ހޫދު ކުރެއްވި ޓްވީޓަކުންނެވެ. އަލީ ވަހީދު، މަގާމުން ވަކި ކުރަން ޖެހޭ ކަމެއްގައި ވަރަށް އާދައިގެ ގޮތަކަށް އިސްތިއުފާ ދޭން އެންގެވުމާއި "ހިމޭން ތަރުޖަމާނު" ގެ ޓްވީޓަކުން އެ ހަބަރު ކަށަވަރުވެގެން އައުމުން މި ކަމުގައި އަލީ ވަހީދަށް ސަރުކާރު ބަލަހައްޓައިގެން އޮތް މިންވަރު ރީއްޗަށް އެނގެ އެވެ.
ހޫދުގެ ޓްވީޓްގައި ވާ ގޮތުން މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގެ ތެރޭގައި ހިނގާފައިވާ ކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސަށާއި ޖެންޑާ މިނިސްޓްރީއަށް ހުށަޅައި އެ ތުހުމަތު ތަކާއި ގުޅިގެން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ރައީސް، އަލީ ވަހީދަށް އެންގެވީ އެވެ.
އެހެން ނަމަވެސް ވަރަށް ގިނަ ބައެއް ނަޒަރުގައި މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވޭއިރު މަގާމުން އިސްތިއުފާ ދޭން އެންގުން ފަދަ ސޮފްޓް ކޯނާއެއް ދޭކަށް ނުޖެހެގެ އެވެ. ޖެހޭނީ މަގާމުން ދުރު ކުރާށެވެ.
ޓޫރިޒަމްގެ މުވައްޒިފުންނަށް ޖިންސީ ގޯނާ!
ރޭ އަވަސް އަށް މައުލޫމާތު ދެއްވި ސަރުކާރުގެ ވަރަށް އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އަލީ ވަހީދުގެ ޝިކާރައަށް ޓޫރިޒަމް މިނިސްޓްރީގެ އަންހެން 10 މުވައްޒިފަކު ވެފައި ވެއެވެ. އޭގެ ތެރެއިން ބައެއް އަންހެނުންނަކީ ރުހިގެން އަލީ ވަހީދާއެކު "ނުހަމަ ގުޅުމެއް" ބޭއްވި މީހުނެވެ. ދެން އުޅެނީ ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރުމާއި ރޭޕަށް ފެތިގެންދާ ގޮތަކަށް "ބެހުމުން" އެކަމާ ނުރުހުންވެ ރުޅި ގަދަވި ބަޔަކާއި ފަޅާ އެރުމުން ތެދުވި ބައެކެވެ.
އެ އޮފިޝަލް ވިދާޅުވި ގޮތުގައި އޭނާގެ ނަން ހާމަ ނުކުރަންޏާ މި ގޮތަށް ކޯޓް ކުރިޔަސް އެންމެ ރަނގަޅެވެ: "އިއްޔެއާ ހަމައަށް އެ ވާހަކަތައް ފޮރުވިފައި އޮތީ އަލީ ވަހީދު ދެކެ ގަންނާކުރައްވާ ބިރުން!"
އަލީ ވަހީދާ ގުޅުން ހުރި ބައެއް ކޭސްތަކުގެ ބައެއް ތަފްސީލް ވެސް ސަރުކާރުގެ އެ އޮފިޝަލް އަވަސް އާ ހިއްސާ ކުރެއްވި އެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ މި އަހަރު ދުބާއީގައި އޮތް އޭޓީއެމް ފެސްޓިވަލެވެ. އޭޓީއެމް ފެސްޓިވަލްގައި ބައިވެރިވި ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒިފަކަށް ދުބާއީގައި އަލީ ވަހީދުގެ "ޖިންސީ ހަމަލަ" ތަކާއި ކުރިމަތިލާން ޖެހުނެވެ. އެ އަންހެން މީހާ ވަނީ އެކަމަށް އިންކާރު ކޮށްފައެވެ. އަދި އަލީ ވަހީދުގެ އެ ހަމަލާތައް އެހެން ބައެއް މުވައްޒިފުންނާ އޭނާ ހިއްސާ ކުރި އެވެ.
"ފަޅައިގެން ދިއުމުން" އިއްޔެ ޖަމާއަތް ހަދައިގެން ރައީސް ސޯލިހާ ބައްދަލުކޮށް ހިއްސާކުރި މައްސަލަތަކުގެ ތެރޭގައި އެ މައްސަލައިގެ ހުރިހާ އަކުރެއް ހިމެނެ އެވެ. ބައެއް އޮފިޝަލުން ސިއްރުން އަވަސް އަށް ވިދާޅުވި ގޮތުގައި "އިބޫކަރުނަ" އައީ އޭގެ ތެރެއިންނެވެ.
ދެން އޮތީ ކޮވިޑާ ހެދި އެންމެން ގޭގައި ބަންދުވެފައި ތިއްވާ ޓޫރިޒަމް މިނިސްޓްރީގެ ގިނަ މުވައްޒިފުންތަކެއް ބައިވެރިވިގެން ދިޔަ ރިސޯޓް ދަތުރެކެވެ.
"އެ އަންހެންވެރިން ބުނީ އެ ދަތުރުވީ ބޮޑު 'ނައިޓްމެއާ' އަކަށޭ... އަލީ ވަހީދު ނުބެހޭ މީހަކު ނެތޭ!"
އެ ދަތުރުގައި ގިނަ އަންހެން ތަކަކަށް އަލީ ވަހީދުގެ ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނެވެ. އޭގެ ތެރެއިން އެއް އަންހެނަކު ވަނީ މީގެ ކުރިން ޖިންސީ ގޯނާއިން ސަލާމަތްވާން ސަފާރީއަކުން ކެންޔާގެ އަންހެނަކު ހުޅުމާލޭ ފަޅުތެރެއަށް ފުންމާލި ގޮތަށް އަލީ ވަހީދުގެ "ޖިންސީ ވަކި"ތަކުން ސަލާމަތްވާ ރިސޯޓްގެ މޫދަށް ވެސް ފުންމާލާފަ އެވެ. އެ އަންހެން މީހާއަކީ މި މައްސަލަތައް ހިފައިގެން ބޭރަށް ދުއްވައިގަތް ފުރަތަމަ މީހާއަށް ވެސް ވިއެވެ. ޝިކާރަކަށްވި އެހެން އެންމެން އޭގެ ކުރިން ތިބީ "އާދެ މިނިސްޓަރު" ވެގެނެވެ.
އެ އަންހެން މީހާ ވަނީ އެ ވާހަކަތައް ޓޫރިޒަމް މިިނިސްޓްރީގެ އެހެން ވެރިންގެ ސަމާލު ކަމަށް ގެނައުމާއެކު އެ ހުރިހާ ވާހަކައެއް އާންމުންގެ ސަމާލު ކަމަށް ގެންނާނެ ކަމަށް ބުނެފަ އެވެ. އަދި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އެ ވާހަކަތައް އޭނާ ހިއްސާކުރާން ފެށި އެވެ. އެ ވާހަކަތަކާއި ގުޅިގެން ސިޔާސީ އެފަދަ ބައެއް ބޭފުޅުން ވަނީ އެކަން ސަރުކާރުގެ އެކި ލެވެލްގެ ބޭފުޅުންގެ ސަމާލުކަމަށް އެކަން ގެންގޮސްފަ އެވެ. އަދި ފަހުން އެކަމާ ގުޅިގެން ރައީސް އެޅުއްވި ފިޔަވަޅާއެކު އެފަދަ ބައެއް ބޭފުޅުން ޓްވިޓާގައި "އަލްހަމްދުﷲ" ޖަހައިގެން ޓްވީޓްތައް ކުރި އެވެ. އޭގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީގެ ބައެއް ސިޔާސީ ބޭފުޅުން ވެސް ހިމެނެ އެވެ.
ކޮވިޑްގެ ބަލީގެ ޕީކްގައި މުޅި ގައުމު އޮތް ނާޒުކު ދަނޑިވަޅަކީވެސް ޓޫރިޒަމް މިނިސްޓްރީގައި ތިބި އަންހެނުންނަށް އެއަށްވުރެ "މާ ބިޔަ ރާޅެއް" ގެ ނުރައްކާ އޮތް ދުވަސްވަރަކަށްވި އެވެ. އެ ދުވަސްތަކުގައި ރާއްޖޭގެ ވަރަށް ގިނަ ރިސޯޓްތައް އޮތީ ޓޫރިޒަމްގެ ދަށުގަ އެވެ. މާލޭގެ މަޝްހޫރު ބައެއް ހޮޓާތައް ހުރީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ. މަޝްހޫރު މާގިރި ހޮޓާ ވެސް ހުރީ ޓޫރިޒަމްގެ ދަށުގަ އެވެ.
ސަރުކާރުގެ އެހެން ޓޮޕް އޮފިޝަލަކު ރޭ ވިދާޅުވި ގޮތުގައި އެ ހޮޓަލުގެ އެންމެ މަތީ ދެ ފްލޯ ހާއްސަކޮށްފައި އޮތީ މިނިސްޓަރު އަލީ ވަހީދަށެވެ. އަދި އެ ހާއްސަވުމުގެ ހަގީގަތަކީ އެތާނގައި ހިނގަމުން ދިޔަ ޖިންސީ އަމަލުތަކެވެ.
"އެކި ރޭ އެކި ކުދިން އެ ހޮޓަލަށް ގެންގޮސްގެން އަލީ ވަހީދު ގެންދެވީ ތަފާތު ވާހަކަތައް ދައްކަމުން... ޖިންސީ އެކި ވާހަކަތަކުން އެ އަންހެނުން ގެންދިޔައީ ވާ ވައްދަމުން،" އޭނާ ވިދާޅުވި އެވެ.
އެ ވާހަކަތައް ޓޫރިޒަމް މިނިސްޓްރީގެ ތެރޭގައި ވަރުގަދައަށް ދެކެވެން ފެށި އެވެ. އަދި ރައީސް ސޯލިހާ ހަމައަށް ވެސް އެ ވާހަކަތައް ފޯރި އެވެ. އަދި ޖެންޑާ މިނިސްޓަރުގެ އައިޝަތު މުހައްމަދު ދީދީއާ ހަމައަށް ވެސް ދިޔައެވެ. ކޮވިޑް އައީ ވެސް އަލީ ވަހީދުގެ ޖިންސީ ފުރައްސާރައިގެ ތަފާތު މައްސަލަތަކާއެކު މުޅި ރާއްޖެ ރުޅިގަދަވެފައި އޮއްވަ އެވެ. އަދި ކޮވިޑް ބަންދުގައި އައި މި ކަންކަމުގެ ވާހަކަތައް ސޯޝަލް މީޑިއާއަށް ފުންމަލައިފިނަމަ ސަރުކާރުގެ ދުވަސް ދާނެކަން ރައީސަށް އެނގިވަޑައިގެންނެވި އެވެ. އެހެންވެ ދެން ހަދާނެ ގޮތެއް ނެތި މަޖުބޫރު ފިޔަވަޅެއްގެ ގޮތުގައި އިސްތިއުފާ ދޭން އަލީ ވަހީދަށް އެންގެވީ އެވެ.
އަންހެންވެރިން ރައީސް އޮފީހަށް
މި އަޑުތަކާއެކު ރައީސް ސޯލިހު ނިންމެވީ ޖިންސީ ގޯނާ ކުރިމަތިވި އަންހެންވެރިންނާ ބައްދަލު ކުރައްވާށެވެ. ސިއްރު އެ ބައްދަލްވުން އޮތީ އިއްޔެ ސަރުކާރުގެ ރަސްމީ މަސައްކަތްތައް ނިމި ރައީސް އޮފީސް ހުސްވުމުން ހަވީރު އެ އޮފީހުގަ އެވެ.
ސަރުކާރުގެ އޮފިޝަލް ވިދާޅުވި ގޮތުގައި ރައީސް ބޭނުންފުޅުވެ ވަޑައިގަތީ އެ މަނިކުފާނަށް އިވިވަޑައިގެންފައިވާ ސީރިއަސް ތުހުމަތުތަކުގެ ވާހަކަތައް އެ މީހުންގެ ކިބައިން އަޑުއައްސަވާށެވެ. އެ ބައްދަލުވުމުގައި އެ ހުރިހާ އަންހެނުންވެސް އެ މީހުންނަށް ކުރިމަތިވި ތަފާތު ޖިންސީ ގޯނާތަކާއި ފުރައްސާރައިގެ ވާހަކަތައް ރައީސާ ހިއްސާ ކުރި އެވެ.
ބައެއް އަންހެނުން އެމީހުންނަށް މިނިސްޓަރު އަލީ ވަހީދު ފޮނުވާފައިވާ ހުތުރު ދައުވަތުގެ މެސެޖްތައް ވެސް ހިއްސާ ކުރި އެވެ. އަދި ރުހުމާއި ނުރުހުމުގައި އެ ކަންކަމުގައި އެކިވަރަކަށް ބައިވެރިވި އަދި ބައިވެރިވެވުނު މީހުން ވެސް އެ މީހުންގެ ވާހަކަތައް ވެރިޔާއަށް ކިޔައި ދިނެވެ.
"ރައީސް އިންނެވީ ހައިރާންވެ އަންތަރީސްވެވަޑައިގެންފައި، ވިދާޅުވާނެ ބަސްފުޅެއް ވެސް އެނގިވަޑައިނުގެން އިންނެވީ... ބައެއް މުވައްޒަފުން ބުނީ ރައީސް އިންނެވީ އިސްޖައްސަވައިގެނޭ ހުރިހާ ވާހަކަތަކެއްވެސް އަޑުއެއްސެވުމަށް."
އެ ބައްދަލުވުމަށް ދިޔަ އަންހެނަކު ވެސް އަވަސް އާ ވާހަކަ ދެއްކި އެވެ. އޭނާ ބުނި ގޮތުގައި އެ ބައްދަލުވުމުގައި ބައެއް ވާހަކަތައް ދެންނެވުމުން ކުއްލި ހައިރާން ކަމާއެކު ރައީސް ބައްލަވާލައްވަ އެވެ.
"ބައެއް ފަހަރު ރައީސް އިންނެވީ ލަދުން ފެންކަޅިވެފައި އިންނަވާ ފަދަ ގޮތަކަށް... ބައެއް މީހުން ވަރަށް ތަފުސީލަށް ދިޔަ،"
މައްސަލަ ބަލަން ފެށުން
މަގާމުން އިސްތިއުފާ ދޭން އަލީ ވަހީދަށް އެންގެވުމުގެ ކުރިން ރައީސްގެ އެންގެވުމަށް އެކަން ފުލުހާ ހިއްސާ ކުރި އެވެ. އަދި އެ މައްސަލަ ބަލަން އެންގެވީ ރައީސެވެ. އަދި ފުލުހުން އެ މައްސަލަ ބަލާ ކަމަށް މިހާރު ވަނީ ބުނެފަ އެވެ.
ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލަ ރޭ ވަނީ ފުލުހަށް ހުށަހަޅާފަ އެވެ. އެހެންވެ މިހާރު އެ މައްސަލައިގެ ތަހުގީގު ކުރަމުން އެބަދެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ 10 މުވައްޒިފަކު ރޭ ފުލުހަށް ހާޒިރުކޮށް ސުވާލުތައްކޮށް ބަޔާންތައް ވެސް ނެގި އެވެ. ފުލުހުންގެ ތަހުގީގަށް ހުރިހާ މުވައްޒިފުން ހާޒިރުކުރީ އެއް ވަގުތެއްގަ އެވެ.
ނަހުލާގެ މައްސަލަ ބަލަމުން ދިޔަ
ޖިންސީ ގޯނާއާ ފުރައްސާރައާ ގުޅުވާ އަލީ ވަހީދުގެ ވާހަކަތަކެއް ފެންމަތިވީ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އަލީ ވަހީދު އެހެން ބަޔަކާއެކު ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ ލީކު ކޮށްލާފައިވާއިރު އެ އޯޑިއޯގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ގުޅޭ ގޮތުން ދައްކަވާފައިވަނީ ވެސް ވަރަށް ހުތުރު ވާހަކަތެކެވެ.
އަވަސްއާ މައުލޫމާތު ހިއްސާކުރި ސަރުކާރުގެ ދެވަނަ އޮފިޝަލު ވިދާޅުވި ގޮތުގައި ރައީސް ގެންދެވީ ލީކްވި އޯޑިއޯގެ މައްސަލަތައް ވެސް ބައްލަވަމުންނެވެ. އެކަން ކުރަމުން ދިޔައީ ރައީސް އޮފީހުގެ ތެރެއިންނެވެ. ކޮވިޑްގެ ބަލާއާފާތް ބޯމައްޗަށް ވައްޓާލީ އެ މައްސަލަތައް ބަލާ ނިންމުމުގެ މަރުހަލާގައި އޮއްވަ އެވެ. އެ ސަބަބާ ލައިގެން އެ މައްސަލަ އޮތީ ވަގުތީ ގޮތުން ހުއްޓިފަ އެވެ.
"މިފަހަރު އިވިވަޑައިގެންނެވި އާ ވާހަކަތަކާއެކު އިތުރު ތަހުގީގެއް ނެތި ސީދާ ޖިންސީ ގޯނާތައް ލިބުނު ކަމަށް ބުނާ މުވައްޒިފުން މެދުވެރިކޮށް އެ ވާހަކަތައް ސާފު ކުރެއްވުމަށް ރައީސް ބޭނުންފުޅުވެ ވަޑައި ގަތީ. އަދި އެކަންކަން ތަހުގީގު ކުރަން އަންގާ މަގާމުން އިސްތިއުފާ ދޭން އަލީ ވަހީދަށް އެންގެވީ،" އޭނާ ވިދާޅުވި އެވެ.
ވަގުތު ޖެހުމުން ހުރިހާ ކަމެއް ސާފުވާނެ
މި މައްސަލައާއި ގުޅިގެން އަލީ ވަހީދު މިހާތަނަށް ވިދާޅުވީ އެންމެ ވާހަކަކެވެ. ޓްވިޓާ މެދުވެރިކޮށް އޭނާ ވިދާޅުވި ގޮތުގައި "ވަގުތު ޖެހުމުން ހުރިހާ ކަމެއް ސާފު ވާނެ" އެވެ. އޭނާ ދޫކޮށްލެއްވީ "މި ދުވަސް ވެސް ހިނގައިދާނެ" މިހެން ލިޔެފައިވާ ފޮޓޯ އެކެވެ.
މިއީ ކުރިންވެސް އޭނާގެ މައްސަލަ ފެންމަތިވުމުން ވިދާޅުވި ވާހަކައާ ދާދި އެއްގޮތް ވާހަކައެކެވެ. ވަޒީރުންނަށް ހުތުރު ބަހުން ވާހަކަތައް ނިސްބަތްކުރާ އޯޑިއޯތައް ފުލުފުލުގައި ލީކްވާން ފެށުމުން ވެސް "މައްސަލާގައި ފުރިހަމަ ތަހުގީގެއް ކުރުމުން ހަގީގަތް ސާފުވާނެ" ކަމަށް ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވެފައި ވަނީ ތެދަށެވެ. މި ދުވަސް ވެސް ހިނގައިދާނެ އެވެ. "ވަގަކަށް ހާސް ދުވަހެވެ. ވެރިޔަކަށް އެއް ދުވަހެވެ" މި އުސޫލުން މިހާރު ފުލުހުން ފަށާފައިވާ ތަހުގީގުން އަދިވެސް އިތުރު ކަންކަން ފަޅާ އަރައި އާ ފާޑެއްގެ ދުވަހެއް ވެސް އަތުވެދާނެ އެވެ. މި މައްސަލައިގެ ތެރެއިން އެތައް ކަމެއް އަދި ބޭރުވެގެން ހިނގައިދާނެ އެވެ. ފަހަރުގައި އެ ވާހަކަތަކާއެކު ސަރުކާރާއި ރައްޔިތުން ފިތްކަނޑައިގެންދާ ފަދަ ކަންކަން ވެސް ވެދާނެ އެވެ. އެ ދުވަސް އަންނަން ދެން ތިބެމާ ހެއްޔެވެ؟