ހަބަރު

ޖިންސީ ގޯނާއަކަށް ފިޔަވަޅު ނޭޅުމުން ގޭމްގެ ރައީސް އިސްތިއުފާ ދީފި

ގެސްޓް ހައުސް އެސޯސިއޭޝަން (ގޭމް) ގެ ބޯޑުގެ މެންބަރަކަށް ތުހުމަތު ކުރެވުނު، ޖިންސީ ގޯނާގެ މައްސަލަ އަކަށް ފިޔަވަޅު ނޭޅުމުން ހިތްހަމަ ނުޖެހިގެން ގޭމްގެ ރައީސް މޫސާ ނާސިހު އިސްތިއުފާ ދެއްވައިފި އެވެ.

ގޭމްގެ ރައީސް އިސްތިއުފާ ދެއްވާ ރޭ ދަންވަރުގެ ވަގުތެއްގައި ނެރުއްވި ބަޔާނުގައި ބުނެފައިވަނީ، އެ ޖަމިއްޔާގެ ހިންގާ ކޮމިޓީ ގެ މިދިޔަ މަހުގެ 23 ވަނަ ދުވަހު ހުށަހެޅުނު މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް އިންޓާނަލް ކޮމިޓީން ބެލުމަށް ފަހު ހިންގާ ކޮމިޓީ އަށް ހުށަހެޅުމުން އިތުރަށް ކުރި އަށް ގެންދާނެ މާހައުުލެއް ނެތް ކަމަށް ބުނެފައިވާ ކަމަށާ އެހެންކަމުން އެ ޖަމިއްޔާގެ މަގާމުގައި ހުންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ.

ނާސިހު ވިދާޅުވި ގޮތުގައި ޖިންސީ ގޯނާގެ މައްސަލަ ތަކަކީ ސީރިއަސްކޮށް ބަލަހަން ޖެހޭ މައްސަލަ ތަކެއް ކަމަށެވެ. ނަމަވެސް އެ މައްސަލަ "އޮއްބާލައި" ނޫނީ ލަސް ކުރަން ބޯޑުގެ ބައެއް މެންބަރުންގެ ނުފޫޒުން މަސައްކަތް ކޮށްފައިވާ ކަމަށާ އޭނާ އިސްތިއުފާ ދިން ސަބަބަކީ އެހެންވެގެން ކަމަށެވެ.

"އަޅުގަނޑުގެ ޒަމީރު ގަބޫލެއް ނުކުރަން މި ފަދަ ކަމެއް ދިމާވުމުން މިގޮތަށް ކަންތައް ކުރަން ޖެހޭނެ ކަމަށް. ފިޔަވަޅު އަޅަން ޖެހޭނެ، އެހެންވެ އިސްތިއުފާ ދިނީ،" ނާސިހު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ ޖަމިއްޔާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނެ، ގޭމްގެ "އިންޓާނަލް އެފެއާޒް" ކޮމެޓީން އިން މައްސަލަ ބަލާފައިވަނީ ބޯޑު މެންބަރު، އަދި ސެކްރެޓަރީ ޖެނެރަލް ސައުދުﷲ އަހުމަދު ހަސަންގެ މައްސަލަ އެވެ. އޭނާއަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރެކެވެ. ބޯޑުގައި މި މައްސަލަ ކުރިއަށް ގެންދިޔަ ނުދިނުމަށް ބޯޑުގައި ނުފޫޒުގަދަ މެންބަރު ވަނީ އެކި ގޮތް ގޮތުން މަސައްކަތް ކޮށްފަ އެވެ. އެ ޖަމިއްޔާ އިން ރޭގެ ވަގުތެއްގައި ސައުދުﷲ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފަ އެވެ.

ޖިންސީ ގޯނާގެ މައްސަލައެއް ނުބެލުމުން ގޭމްގެ ރައީސް އިސްތިއުފާ ދިންއިރު، ޓޫރިޒަމް މިނިސްޓަރުގެ އަހުލާގީ މައްސަލަތަކެއް ފެންމަތިވެގެން ޓޫރިޒަމް މިނިސްޓަރު އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރޭ އަންގަވާފަ އެވެ. މިނިސްޓަރުގެ އަލީގެ ޖިންސީ ގޯނާގެ މައްސަލަ ތަކެއް އެ މިނިސްޓްރީގެ މުވައްޒަފުން ވަނީ ރައީސް އާ ބައްދަލު ކުރައްވާ ހިއްސާ ކޮށްފަ އެވެ.