އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާ ބަޖެޓުގައި، ސަރުކާރުގެ އޮފީސް ތަކުން ހިމަނާނެ، ކަންތައްތައް ފޮނުވަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނީ މާލީ އަހަރު ފެށުމުގެ ދެ މަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ކަމަށެވެ. މިގޮތުގެ އަންނަ އަހަރަށް ލަފާ ކުރާ މެދުރާސްތާގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތްތައް އެ މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ދައުލަތުގެ ހުރިހާ އޮފީސްތަކުން ސަރުކާރުގެ ސިޔާސަތުތައް ހާސިލުކުރަން އަންނަ އަހަރަށް ލަފާ ކުރާ މެދު ރާސްތާގެ ބޭސްލައިން ބަޖެޓާއި ނިއު ޕޮލިސީ އިނީޝިއޭޓިވްސްތައް އަންނަ މަހުގެ 31 ގެ ކުރިން ހުށަހަޅަން އަންގާފަ އެވެ.
ފިނޭންސުން ބުނީ އަންނަ އަހަރަށް ދައުލަތުގެ އޮފީސް ތަކުން ހުށަހަޅާ ބަޖެޓަކީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި މާލިއްޔަތަށް ކޮށްފައިވާ ނޭދެވޭ އަސަރުން އަރައިގަނެ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރަނިވި އަދި އިގުތިސާދަށް މަންފާ ވާނެ ހަރަކާތްތަކަށް ޖާގަ ލިބޭ ގޮތަށް އިސްކަންދީގެން އެކުލަވާލައިފައިވާ ބަޖެޓަކަށް ވާން ވާނެ ކަމަށެވެ.
ދައުލަތުގެ އިދާރާ ތަކުން މެދު ރާސްތާގެ ބަޖެޓުގައި ހިމަނަން ހުށަހަޅާ އާ ރިކަރަންޓް ޕްރޮގްރާމްތަކާއި ޕީއެސްއައިޕީ މަޝްރޫއުތަކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކުރި އަށް ގެންދިއުމަށް ކަނޑައަޅައިފައިވާ ހަރަކާތްތަކެއް ނުވަތަ މަޝްރޫއު ތަކެއްކަމަށް ވާން ވާނެ އެވެ.
އެ މިނިސްޓްރީން ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ އޮފީސްތަކުގެ ހިންގުމަށް ގެނެވުނު ބަދަލާއެކު އޮފީސް ތަކަށް ބަޖެޓު އެކުލަވާލުމުގައި ލުއި ދިނުމުގެ ގޮތުން، އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ބަޖެޓު އެއް މަރުހަލާއެއްގެ ދަށުން އެކުލަވާލެވޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ. ނަމަވެސް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނުނޫގައި ބަޔާންކޮށްފައިވާ ލޯކަލް ކައުންސިލްތައް މި ސާކިއުލާ އަށް އަމަލު ކުރާކަން ނުޖެހެ އެވެ.
ހުށަޙަޅަން ޖެހޭ މައުލޫމާތު
- ބޭސްލައިން ބަޖެޓު
- ނިއު ޕޮލިސީ އިނިޝިއޭޓިވް ފޯމު
- އޮފީސް ބަޖެޓު ސްޓޭޓްމަންޓް (ބަޖެޓުގެ އަމާޒުތައް ހާސިލުކުރުމަށާއި، ބަޖެޓުގައި ހިމެނޭ އަންދާޒާތައް
- ހާސިލުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ކަރުދާސް)
- މުސާރައިގެ ބަޖެޓުގެ ތަފުސީލު
- ހިނގަމުންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު
އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ކުރާއިރު، ސަރުކާރުން ވަނީ ހަރަދު ކުޑަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކާއި ކުންފުނިތަކުގެ ސީނިޔަ މެނޭޖުމަންޓް އަދި މެނޭޖިން ޑިރެކްޓަރުންގެ މުސާރަ ވަނީ ކުޑަކޮށްފަ އެވެ. ހަރަދު ކުޑަ ކުރަން އަޅާ ފިޔަވަޅުތަކާއެކު 15 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދި ހީނަރުވެފައިވާތީ އާމްދަނީ އާއި ހަރަދު ތަކަށް ބޮޑު އަސަރެއް ކޮށްފައިވާތީ އަންނަ އަހަރުގެ ބަޖެޓަށް ވެސް ބޮޑު އަސަރެއް ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މި އަހަރު ކުރިން އަންދާޒާ ކުރި އާމްދަނީގެ ތެރެއިން މިހާރު ލިބޭނީ 15 ބިލިއަން އެވެ. އަދި ހަރަދުތައް މަތިވަމުންދާއިރު ކޮވިޑް-19 އިން ރައްކާތެރިވާން އަޅާ ފިޔަވަޅު ތަކަށް މިހާތަނަށް އެއް ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.