ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑްގެ ބޮޑު ސުވާލު: ފުރާނައަށް ނުރައްކަލީ ކިހާ ވަރަކަށް؟

ކޮރޯނާވައިރަހުގެ ބަލިމަޑުކަން ދުނިޔެއަށް ކުރިމަތިވިތާ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދި 11 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި 525،000 މީހުން މި ބަލީގައި މި ދުނިޔެ ދޫކޮށްފައިވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

ބަލި ޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންދާއިރު ސައިންސްވެރިންނަކަށް އަދިވެސް ކަނޑައެޅިގެން މި ބަލީގެ ނުރައްކާ ހުރި މިންވަރު ޔަގީންކޮށް ބުނާކަށް ނޭނގެ އެވެ. މިއީ ކިހާ ވަރެއްގެ ނުރައްކާތެރި ބައްޔެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ޔަގީންކަމާއެކު ދޭކަށް ސައިންސްވެރިންނަކަށް އަދިވެސް ނުކެރެ އެވެ.

ނިއު ޔޯކް ޓައިމްސްގައިވާ މި ރިޕޯޓުގައިވާ ގޮތުން އެކި ގައުމުތަކުގެ ސަރުކާރުތަކުން ކުރަނީ ހަމައެކަނި އަންދާޒާ ތަކެކެވެ. ވައިރަސް ކޮންޓްރޯލް ނުވި ފެތުރިއްޖެނަމަ އެ ގައުމަކުން ބަލި ޖެހޭނެ މީހުންގެ އަދަދާއި މަރުވާނެ މީހުންގެ އަދަދު ލަފާކޮށްފައި ހަދާ ހިސާބު ތަކެކެވެ. އިންޑިޔާ، ބްރެޒީލް އަދި ނައިޖީރިޔާ ފަދަ ފަގީރުން ގިނަ އާބާދީ އިންތިހާއަށް ބޮޑެތި ގައުމުތަކުގައި މި ބަލި ފެތުރުމުން ގިނަ އަދަދެއްގެ މީހުން މަރުވެދާނެ ކަމަށް ލަފާ ކުރެވުނަސް މި ބަލީގެ ނުރައްކާތެރިކަން ހަގީގަތުގައި އަދިވެސް އެއްވެސް މީހަކަށް ބުނެދޭކަށް ނޭނގެ އެވެ.

އެންމެ ފަގީރު ގައުމުތަކުގައި ހިމަބިއްސާއި މެލޭރިއާ ފަދަ ބަލިތަކަކީ ވެސް ގިނަ އަދަދެއްގެ މީހުން މަރުވަމުންދާ ބަލި ތަކެކެވެ. އެހެންވީމާ އެ ގައުމުތަކަށް މި ބަލީގެ ނުރައްކާ ހުރީ އެހެން ބަލިތަކަށް ވުރެ ބޮޑަށް ތޯ އެހެން ހުރިހާ ބައްޔަކަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް ލުއިކޮށްފައި މި ބައްޔަށް ބޭނުންވާ އޮކްސިޖަން ކޮންސެންޓްރޭޝަން ނުވަތަ ވެންޓިލޭޓާ ހޯދަން ގިނަ އަދަދަކަށް ފައިސާ ޚަރަދުކުރަންވީތޯ ވެސް މިއީ ބަހުސް ކުރަން ޖެހިފައިވާ ސުވާލެކެވެ. ނަމަވެސް މިއަށް ވެސް ގޮތެއް ނިންމޭނީ ކޮވިޑް-19ގެ ހަގީގީ ނުރައްކާ އެހެން ބަލިތަކަށް ވުރެ ބޮޑުތޯ ނޫންތޯ ޔަގީން ކުރެވިގެންނެވެ.

މި ސުވާލުގެ ޖަވާބު ހޯދަން އެމެރިކާގެ ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އަށް މިދިޔަ މަހު މާ ބޮޑަށް އުނދަގޫވި އެވެ. ސަބަބަކީ އެ ގައުމުގައި ކޮވިޑް-19 ޖެހުނު މީހުން ރެކޯޑް ކުރެވިފައިވާ މިންވަރަށް ވުރެ އެވްރެޖްކޮށް 10 ވަރަކަށް ކޭސް އިތުރަށް ރެކޯޑް ނުކުރެވި ގޮސްފައިވާ ކަން އެނގުމުންނެވެ. މިހެން ދިމާވަނީ ބަލި ޖެހުނަސް އަލާމާތްތައް ނުފެނި ހުރެ ރަނގަޅުވާތީ އެވެ.
މިގޮތަށް ބަލިޖެހުނަސް ބަލީގެ އަލާމާތްތައް ނުފެނި ރަނގަޅުވެފައިވާ މީހުން އެހާ ގިނަ ނަމަ ހަގީގަތުގައި މި ބަލީގެ ނުރައްކާ މިންވަރު ކުޑަވެގެން ދާނެ އެވެ. ނަމަވެސް މި ހިސާބުތައް ހެދުމަކީ ވެސް އިންތިހާއަށް އުނދަގޫ ކަމެކެވެ. ބަލީގެ އަލާމާތްތައް އެއްގޮތަކަށް ވެސް ނުފެންނަ މީހުން ދެނެގަންނަން އެންމެން ޓެސްޓް ކުރަން ޖެހޭނެ އެވެ. އަދި މިއީ އާބާދީ ބޮޑެތި ގައުމުތަކުގައި އެއްގޮތަކަށް ވެސް ކުރެވޭ ވަރުގެ ކަމަކަށް ނުވާނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޑަބްލިޔުއެޗްއޯ އިން ވަނީ ދެ ދުވަހުގެ މުއްދަތަށް އޮންލައިން ބައްދަލުވުންތަކެއް ބާއްވާފަ އެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ އެންމެ ނަގާކިޔާ ސައިންސްވެރިންގެ ތެރެއިން 1،300 މީހުން ބައިވެރިވި އެވެ.

ޑަބްލިޔުއެޗްއޯގެ ޗީފް ސައިންޓިސްޓް ޑރ. ސޯމްޔާ ސްވާމީނާތަން ވިދާޅުވީ މިހާރު ޖަހާފައިވާ ހިސާބުތަކަށް ބަލާއިރު ކޮވިޑް-19 ޖެހިގެން މަރުވުމުގެ ނުރައްކާ އޮތީ އެންމެ ޕަސެންޓަކަށް ވުރެ ވެސް ދަށުގަ އެވެ. އެއީ ދުނިޔޭގެ 0.6 ޕަސެންޓަކީ 47 މިލިއަން އެވެ. އަދި އެމެރިކާގެ އާބާދީގެ 0.6 ޕަސެންޓަކި ދެ މިލިއަން މީހުންނެވެ. މިހާ މީހުންނަށް ބަލި ޖެހުމުން މަރުވާނެ ކަމަށް ލަފާ ކުރާ އަދަދަށް ބަލާފަ އެވެ.

ނަމަވެސް މި އަދަދުތައް ވެސް އެހާ ބޮޑަށް ދިމާވާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ އެކި ގައުމުތަކުގައި ބަލި ޖެހޭ މީހުންގެ ނިސްބަތުން މަރުވާ މީހުންގެ ނިސްބަތުގައި ވަރަށް ބޮޑު ތަފާތު ތަކެއް ހުރީމަ އެވެ.

އެންމެ ގިނައިން މީހުން މަރުވެފައިވަނީ އެންމެ ގިނަ ދުވަހު ބަލި އުޅެފައިވާ ގައުމުތަކުގަ އެވެ. މި ހިސާބުތަކަށް ބަލާއިރު އެންމެ ކުރިން ބަލި ފެނުނު ޗައިނާގައި ބަލި ޖެހުނު މީހުންގެ އަދަދު 90،294 ގައި އުޅޭއިރު މަރުވި މީހުންގެ އަދަދު އުޅެނީ 4،634 ގައެވެ. އެހެންވީމާ އެ ގައުމުން މަރުވެފައިވަނީ ބަލި ޖެހުނު މީހުންގެ ފަސް ޕަސެންތެވެ. އަނެއްކޮޅުން އެމެރިކާގައި ބަލި ފެތުރެން ފެށީ މާ ލަހުންނެވެ. އެ ގައުމުގެ 2،811،477 މީހުންނަށް މިހާރު ބަލި ޖެހިފައިވާއިރު 129،403 މީހުން މަރުވެފައި ވެއެވެ. އެހެންވީމާ އެ ގައުމުގައި މަރުވި ޕަސެންޓޭޖަކީ 4.6 އެވެ.

މި އަދަދުތައް ހޯދަން ދިމާވާ އަނެއް ދައްޗަކީ ބަލީގެ ކުރީކޮޅު މަރުވި އެންމެން ކޮވިޑް-19 އަށް ޓެސްޓްކޮށްފައި ނެތުމެވެ. އެހެންވީމާ އެ ދުވަސްވަރު މަރުވި ގިނަ އަދަދެއްގެ ބަޔަކަށް މި ބަލި ޖެހިފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެއްވެސް ރެކޯޑަކުން އެކަން އެނގޭކަށް ނޯންނާނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތަކުގައި ކޮވިޑް-19 އަށް ޓެސްޓްކުރާ ރޭޓް އާބާދީ ނިސްބަތުން ވަރަށް މައްޗެވެ. ނަމަވެސް އެކި ގައުމުތަކުގައި ބަލި ޖެހިގެން މަރުވާ ރޭޓް ވަރަށް ތަފާތެވެ. މިސާލަކަށް އައިސްލެންޑުން މަރުވެފައިވަނީ ބަލި ޖެހުނު މީހުންގެ ނިސްބަތުން އެއް ޕަސެންޓަށް ވުރެ ވެސް މަދު މީހުންނެވެ. ނިއުޒިލެންޑުން މަރުވީ އެއް ޕަސެންޓް މީހުންނެވެ. އިޒްރޭލުން ދެ ޕަސެންޓް މީހުންނެވެ. އަނެއްކޮޅުން ބެލްޖިއަމުން 16 ޕަސެންޓް މީހުން މަރުވި އެވެ. އަދި އިނގިރޭސި ވިލާތުން 14 ޕަސެންޓް މީހުން މަރުވި އެވެ.

މިހާތަނަށް ކޮވިޑް-19 ފެތުރުނު ގިނަ ގައުމުތަކުގައި ބަލި ޖެހުނު މީހުންގެ ތެރެއިން 20 ޕަސެންޓް މީހުންނަށް އޮކްސިޖަން ދޭން ޖެހުނެވެ. މި މީހުންގެ ތެރެއިން ސަލާމަތްވާނީ ކިތައް މީހުންތޯ އަންދާޒާ ކޮށްލެވެނީ އެމީހުންގެ އުމުރާއި އިތުރުބަލިތައް އެމީހުންގެ ހަށިގަނޑުގައި ހުރިތޯ އާއި އަދި އެމީހުންނަށް ދެވޭ ސިއްހީ ޚިދުމަތުގެ ފެންވަރުގެ މައްޗަށް ބިނާކޮށެވެ.

އާބާދީގައި ޒުވާނުން ގިނަ ގައުމުތަކުގައާއި ފަލަ މީހުން ނިސްބަތުން މަދު ގައުމުތަކުގައި ކޮވިޑް-19ގެ ސަބަބުން މަރުވާ ރޭޓް ދަށްވާނެކަމަށް ލަފާ ކުރެވެ އެވެ. މިފަދަ މީހުން އެންމެ ގިނައިން ތިބެނީ ފަގީރު ގައުމުތަކުގަ އެވެ. ނަމަވެސް މި ގައުމުތަކުގެ ތެރެއިން ވެސް މާ ބޮޑަށް ފަގީރުވުމުގެ ސަބަބުން އޮކްސިޖަން ޓޭންކާއި ވެންޓިލޭޓާ އަދި ޑައިލެސިސް މެޝިން ފަދަ އެއްޗެތި މަދު ގައުމުތަކުގައި މީހުން މަރުވާ ރޭޓް އިތުރުވާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.

ކޮވިޑް-19 ޖެހި އެންމެ ހާލުބޮޑުވާ މީހުންގެ ތެރޭގައި ގިނައީ ބްލަޑް ގްރޫޕް އޭ ގެ މީހުން ކަމަށް މިހާރު ގިނަ ސައިންސްވެރިންގެ ދިރާސާތަކުން ދައްކަ އެވެ. އެހެންވީމާ މި ގްރޫޕްގެ މީހުންނަކީ އެންމެ ނުރައްކާ ބޮޑު މީހުންނެވެ. ނަމަވެސް އޭ ބްލަޑް ގްރޫޕަކީ ވެސްޓް އެފްރިކާ އާއި ސައުތު އޭޝިއާ އަދި ސައުތު އެމެރިކާގެ ގަބީލާތަކުގެ މީހުންގެ ގައިގައި ވަރަށް މަދުން ނޫނީ ހުންނަ ބްލަޑް ގްރޫޕެއް ނޫނެވެ. ވީމާ މި ސަރަހައްދުތަކުގެ މީހުންނަށް މި ބަލީގެ ނުރައްކާ އެހާ ބޮޑު ނޫންކަމަށް ބެލެވިދާނެ އެވެ.

ކޮންމެއަކަސް މި ހުރިހާ ހިސާބުތަކަކާއި އަންދާޒާތަކެއް ކޮށް ސައިންސްވެރިންގެ ސިކުނޑި ސުމަކަށް ދާއިރުވެސް ހަގީގަތުގައި މި ބަލީގެ ނުރައްކާ އަދި ހަމަ ދެނެއެއް ނުގަނެވެ އެވެ. އެހެން ބަލިތަކަށް ވުރެ މި ބައްޔަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭތޯ ނުވަތަ ނޫންތޯ ވެސް ނުނިންމެ އެވެ. ސަބަބަކީ ބަލި ފެތުރޭ މިންވަރު އެކި ގައުމުތަކުގައި ތަފާތުވުމާއި މަރުވާ މީހުންގެ އަދަދުތަކުގައި ވެސް ބޮޑެތި ތަފާތުތައް ހުރުމެވެ.