މަދަނީ މައްސަލަތަކުގައި ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒު ކުރުމަށް އިތުރު ދައުވާއެއް ހުށަނޭޅި ނަމަވެސް ކޯޓުން އިސް ނަގައިގެން އެ ހުކުމެއް ތަންފީޒު ކުރަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ހަދައިފި އެވެ.
މިހާރު އޮންނަ ގޮތުން މަދަނީ މައްސަލަތަކުގައި ކުރާ ހުކުމާ އެގޮތަށް އަމަލު ނުކުރާ ނަމަ އެ ހުކުމެއް ތަންފީޒު ކުރަން ވަކި މައްސަލައެއް ޖެހެނީ ކޯޓަށް ހުށަހަޅާށެވެ.
ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ ސާކިއުލާއެއްގައިވާ ގޮތުން އިތުރު ދައުވާއެއް ހުށަނޭޅި ނަމަވެސް ކޯޓުގެ އިސް ނެގުމުގެ މަތިން މަދަނީ ހުކުމްތައް ތަންފީޒުކޮށް ނިންމަންޖެހޭނެ އެވެ. އަދި މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮންނަ ކޮންމެ ކޯޓެއްގައި ވެސް ހުކުމް ތަންފީޒު ކުރުމަށް ވަކި ޚާއްސަ ޑިވިޝަނެއް ގާއިމް ކުރަންޖެހޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓާއި ހައި ކޯޓުގެ އިތުރުން ކްރިމިނަލް ކޯޓުން ކުރާ ހުކުމްތަކުގައި ހިމެނޭ މަދަނީ ބައިތައް ތަންފީޒު ކުރާނީ ސިވިލް ކޯޓުގައި އެކަމަށް އޮންނަ ޚާއްސަ ޑިވިޝަނަކުން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއި ކުރައްވާ ނެރެފައިވާ އެ ސާކިއުލާގައިވެ އެވެ. އެ ސާކިއުލާއަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
ސިވިލް ކޯޓުގައި ފަސް ޑިވިޝަނެއް ގާއިމްކޮށް، ހިބަ އާއި ތަރިކައިގެ މައްސަލަތައް ފެމިލީ ކޯޓުން ބަލަންޖެހޭ ގޮތަށް ވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް އެ ނިންމުމަށް ވެސް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.