ޝިޕިން އެޖެންޓުން ނަގާ ފީތަކަކީ އެ މުދަލެއް ރާއްޖެ އުފުލައިދިން ބައިނަލްއަގްވާމީ ޝިޕިން ލައިނެއްގެ ބިލް އޮފް ލޭންޑިން (ބީއެލް)ގެ ދަށުން ނަގާ ޗާޖުތަކެއް ކަމަށާއި އެފަދަ ފީތަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް ބެލޭނީ އެ އެއްބަސްވުމެއްގެ ދަށުން ކަނޑައަޅާފައިވާ ބޭރުގެ ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.
އެގޮތަށް ނިންމާފައި ވަނީ، ޑެންމާކުގެ ޝިޕިން ލައިން އެއް ކަމަށްވާ މާސްކް ލައިންގެ ރާއްޖޭގެ ޑެސްޓިނޭޝަން އޭޖެންޓް ކްލަރިއޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ނަގަމުން އަންނަ ފީ އެ ކުންފުންޏަށް ނުނެގޭނެ ކަމަށް ކަނޑައަޅައިދިނުމަށް، ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ، ރާއްޖޭގެ ކޯޓަކަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް އެ ކޯޓުން ކުރި ހުކުމުގަ އެވެ.
ސިވިލް ކޯޓުން މިދިޔަ ހަފްތާގައި ކޮށްފައިވާ ހުކުމުގައި ވަނީ، ކްލަރިއޯންއަށް ރައްދުވާ ގޮތަށް ލިއޯ އިން ހުށަހެޅި މައްސަލައަކީ، ކްލަރިއޯން އިން ޑެސްޓިނޭޝަން އޭޖެންޓްކަންކުރާ ޑެންމާކުގެ އިންޓަނޭޝަނަލް ކޮންޓެއިނާ ޝިޕިން ކުންފުނި، މާސްކް ލައިންގެ ބިލް އޮފް ލޭޑިންގެ ދަށުން ކުރަމުން ގެންދާ ކަންތައްތަކެއް ނަފީކުރެވޭ ފަދައަކުން ހުށަހަޅާފައިވާ ދައުވާއަކަށްވާތީ، އެއީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ.
އެގޮތުން، ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ލައިން ކަމަށްވާ މާސްކް ލައިންގެ ބިލް އޮފް ލޭޑިންއާ ގުޅިގެން ދައުވާއެއް އުފުލާ ނަމަ އެކަން ކުރަން ޖެހޭނީ ބިލް އޮފް ލޭޑިންގެ މާއްދާތަކާއި ޝަރުތުތަކުގެ ތެރެއިން 26 ވަނަ މާއްދާގެ ދަށުން، ލަންޑަނުގައި ހުންނަ އިންގްލިޝް ހައިކޯޓް އޮފް ޖަސްޓިސް އަށްކަން އެނގެން އޮންނަ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ބިލް އޮފް ލޭޑިން އަކީ މުދާ އުފުލާ ދޭ ޝިޕިން ލައިން (ކެރިއަ) އާއި މުދަލުގެ ވެރިފަރާތާ ދެމެދު މުދާ އެއް ބަނދަރުން އަނެއް ބަނދަރަށް އުފުލާ ދިނުމާ ގުޅޭ ގާނޫނީ ލިޔުމެވެ. އެ ލިޔުމުގައި ހިމެނެނީ ޝިޕިން ލައިނުން އުފުލައިދޭ މުދަލުގެ މައުލޫމާތާއި އެ މުދަލެއް ބޭލުމަށް ހަމަޖެހިފައިވާ ބަނދަރާ ގުޅޭ ތަފްސީލްގެ އިތުރުން، އެ ހިދުމަތަށް ނެގުމަށް ހަމަޖެހިފައިވާ އެކި ބާވަތުގެ ފީތަކާ ގުޅޭ މައުލުމާތާއި އަދި މުދާ އުފުލުމުގައި ދިމާވާ މައްސަލަތަކާއި ދެބަސްވުންތައް ހައްލު ކުރާނެ ގޮތްތަކެވެ. ޝިޕިން ލައިންތަކުން މުދާ އުފުލައިދޭނީ، ބިލް އޮފް ލޭޑިން ގެ ޓާމްސް އޮފް ކޮންޑިޝަންސްގެ ދަށުންނެވެ.
ޝިޕިން ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ބައެއް ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި، ބައިނަލްއަގުވާމީ ޝިޕިން ކުންފުނިތަކުގެ ބިލް އޮފް ލޭޑިންއާ ގުޅޭ މައްސަލަތައް ބެލޭނެ ވަކި ކޯޓުތަކެއް ބިލް އޮފް ލޭޑިންގައި ކަނޑައަޅާފައި ވަނީ، އެއީ މުޅި ދުނިޔެ އަށް ހިދުމަތްދޭ ކުންފުނިތަކަކަށް ވެފައި ވަކިވަކި ގައުމުތަކުގެ ކޯޓުތަކަށް މައްސަލަ ހުށަހަޅައިގެން ބަލާ ނަމަ އެއީ ކުރަން އުނދަގޫ ކަމަކަށް ވާނެތީ އެވެ. އަދި އެއީ ބައިނަލްއަގުވާމީ ޝިޕިން އިންޑަސްޓްރީގައި ޒަމާނުއްސުރެ އަމަލުކުރަމުން އަންނަ ކަމަށް ވެސް އެ ބޭފުޅުން ފާހަގަކުރައްވަ އެވެ.
ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ، ކްލަރިއޯންގެ އިންވޮއިސްގައިވާ ފައިސާ އަކީ އެ ކުންފުންޏަށް ނެގިދާނެ ފައިސާއެއް ނޫން ކަމަށް ލިއޯ އިން ބުނާ ބުނުން ވެސް ނަފީކޮށްފަ އެވެ. އަދި އެ ފީތަކަކީ މާސްކް ލައިންގެ ބިލް އޮފް ލޭޑިންގެ ދަށުން ކްލަރިއޯން މޯލްޑިވްސް އިން ނަގައި ފައިސާއެއް ކަމަށެވެ.
އެފަދަ ކަމެއް މި ދައުވާގެ ތެރެއިން ހުއްޓުވޭނީ، ސިވިލް ކޯޓުން ނިންމާފައިވާ ގޮތުގައި، އެކަމަކީ މާސްކް ލައިންގެ ބިލް އޮފް ލޭޑިންގެ އާއި ހިލާފަށް ކްލަރިއޯން އިން ކުރާ ކަމަކަށްވާ ނަމަ އެވެ. އެހެން ނަމަވެސް، އެ ފައިސާ އަކީ މާސްކް ލައިންގެ ބިލް އޮފް ލޭޑިން މާއްދާތަކާއި ޝަރުތުތަކުގެ ދަށުން މާސްކް ލައިނަށް ލިބިދިން ބާރުގެ ދަށުން، ކްލަރިއޯން އިން ނަގައި ފައިސާއަކަށްވާތީ، އެކަން ނުކުރުމަށް ކްލަރިއޯންގެ މައްޗަށް އަންގަން ޖެހޭ ތަނެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
މި ހުކުމާއެކު، މައިގަނޑު ތިން ކަމެއް މިވަނީ ކަނޑައެޅިފަ އެވެ. އެއީ:
1. ރާއްޖޭގައި ހަރަކާތްތެރިވާ ލައިނަ އެޖެންޓަކު ޝިޕިން ލައިނެއްގެ ބިލް އޮފް ލޭންޑިންގެ ދަށުން ނަގައިދޭ ފީތަކަކީ ނެގޭނެ ޗާޖުތަކެއްކަން.
2. ބޭރުގެ ޝިޕިން ލައިންތަކުގެ ބިލް އޮފް ލޭންޑިންއާ ގުޅިގެން އުފެދޭ އެއްވެސް މައްސަލައެއް ރާއްޖޭގެ ކޯޓުތަކަށް ނުބެލޭނެކަން އަދި އެފަދަ މައްސަލަތައް ހުށަހަޅަން ޖެހޭނީ އެ އެއްބަސްވުމެއްގައި ކަނޑައަޅާފައިވާ ބޭރުގެ ކޯޓަކަށްކަން.
3. އަދި މިފަދަ ކަމެއް ރާއްޖެ ކޯޓަކަށް ހުއްޓުވޭނީ ބިލް އޮފް ލޭޑިންގެ އިރުޝާދާ ހިލާފަށް ޑެސްޓިނޭޝަން އެޖެންޓުން ފީއެއް ނަގާ ހިނދުކަން.