ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެފްރިކާ: ކޮވިޑާ ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަކުރަން ގޮވާލައިފި

Jul 9, 2020

ކޮވިޑް-19 އިގެ ބަލިމަޑުކަމާ ދެކޮޅަށް އެފްރިކާގެ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް އެ ސަރަހައްދުގެ ޑިޒީސް ކޮންޓްރޯލް ސެންޓަރުން ގޮވާލައިފި އެވެ.

އެފްރިކާ ބައްރުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ބައި މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު، އެފްރިކަން ސެންޓާސް ފޮ ޑިޒީސް ކޮންޓްރޯލް (އެފްރިކާ ސީޑީސީ) މިދިއަ ހަފްތާގައި ބަލި ޖެހުނު މީހުން 24 ޕަސަންޓް އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން، ބައްޔަށް ޓެސްޓް ކުރުމާއި، ކޮންޓެކްޓް ޓްރޭސިންނާއި، އަދި މާސްކު އެޅުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްގެން މެނުވީ ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވޭނެކަމަށްވެސް އެ ސެންޓަރުން ވަނީ ބުނެފަ އެވެ.

އެ ބައްރުގައި ބަލި ޖެހުނު ޖުމްލަ 512،039 މީހުންގެ ތެރެއިން 71 ޕަސަންޓް ހިއްސާކުރަނީ ދެކުނު އެފްރިކާ، މިސްރު، ނައިޖީރިއާ، ގާނާގެ އިތުރުން އަލްޖީރިއާ އިންނެވެ.

ނަމަވެސް، އެ ސަރަހައްދުގެ ގިނަ ގައުމުތަކުގައި ބަލި ޖެހުނު މީހުންގެ ހަގީގީ އަދަދުތައް ހާމަކުރަން ފަސް ޖެހެމުންދާކަމުގެ ކަންބޮޑުވުންވެސް ސިއްހީ މާހިރުން ވަނީ ފާޅުކޮށްފަ އެވެ.

އަދި ހަމަނުޖެހުން ބޮޑުވުމާއި، ފަގީރުކަމުގެ ސަބަބުން، އެކަށީގެންވާ މިންވަރަށް ޓެސްޓުނުކުރެވޭ ގައުމުތައް އެފްރިކާގައި ގިނަކަމަށް ވެސް މާހިރުން ވަނީ ވިދާޅުވެފަ އެވެ.

ބަލި ފެތުރޭ މިންވަރު ހަލުއިވަމުންދިއަ ނަމަވެސް، އިގުތިސޯދު އަލުން ކޮޅަށްޖެހުމުގެ ޕްރެޝަރުގެ ސަބަބުން، އެފްރިކާގެ ގިނަ ގައުމުތަކުން ދަނީ ލޮކްޑައުން ލުއިކުރަމުންނެވެ.